ލައިފްސްޓައިލް

މަންމަ ދިން ކުލަފޮށި ސަމާލުކަން ހޯދައިފި!

ކޮންމެ ބެލެނިވެރިޔަކު ވެސް ދަރިފުޅާމެދު އުއްމީދުތައް ކުރާނެ އެވެ. ކާމިޔާބަށް އެދޭނެ އެވެ. ކިޔަވަންދާއިރު އެންމެ ފުރިހަމައަށް ހުރިހާ ސާމާނެއް ހަމަކޮށް ދޭނެ އެވެ. ސްކޫލަށް ފޮނުވާނީ ރަނގަޅު ނަތީޖާ ހާސިލު ކުރާނެ ކަމުގެ އުއްމީދެއްގަ އެވެ. ސްކޫލުގައި ދިމާވާ ހުރަސްތަކާ އުނދަގޫތަކަށް ކުރިމަތިލާން އެކަނި ދޫކޮށްލިޔަސް ގާތުގައި ހިތްވަރު ދޭން ހުރުން އެއީ މަންމަ/ ބައްޕަ އެދޭ ގޮތެވެ.

މިއީ ސޯޝަލް މީޑިއާގައި އިއްޔެ ސަމާލުކަން ހޯދި ފޮޓޯ ގަނޑެކެވެ. ބެލެނިވެރިޔަކު އޭނާގެ ކުޑަ ދަރިފުޅު ސްކޫލަށް ގެންދަން ތައްޔާރު ކޮށްދީފައިވާ 24 ކުލައިގެ ކުލަފަންސޫރު ފޮއްޓެކެވެ. އެއް ވަނަ ކްލާހަށް މިއަހަރު ދާން ފެށި ކުޑަ ކުޑަ އަލްޔަން އަށް އޭނާގެ މަންމަ ހަދިޔާކުރި ކުލަ ފޮށީގެ ކޮންމެ ފަންސުރެއްގައި ވަނީ ނަސޭހަތަކަށް ވާނެ ކުޑަ މެސެޖެއް ލިޔެދީފަ އެވެ. ކޮންމެ ކުލައަކަށް މާނަފުން މެސެޖެކެވެ. އަލްޔަން އަށް ލިބުނު ކުލަ ފޮށީގެ ކޮންމެ ކުލައަކުން މަންމަ އޭނާއަށް ދޭ ހިތްވަރާއި ޔަގީންކަން ރަމްޒު ކޮށްދީފައިވެ އެވެ. މަންމަގެ ލޯބި އަލްޔާން ހާމަކޮށްދިނީ ކުލަފޮށީގެ ހުރިހާ ކުލައަކުންނެވެ.

ފިޔާތޮށި ކުލައިން "ތިއީ ހިތްވަރުގަދަ ކުއްޖެކެވެ!" ނޫ ކުލައިން "އެންމެންވެސް ދަރިފުޅު ދެކެ ލޯބިވެ އެވެ!" އޮރެންޖު ކުލައިން، "އަމިއްލަ ނަފްސަށް އިތުބާރު ކުރާށެވެ!". ޕީޗް ކުލައިން "އުފަލުގައި ހުންނާށެވެ!". މިހެންގޮސް ކުލަފޮށީގެ ހުރިހާ ކުލައެއް ހަމަ ކުރަމުން މަންމަ އަލްޔަންއަށް ދޭން ބޭނުންވާ ލޯތްބާއި ހިތްވަރު އެ ކުލަތަކުން ޖައްސައިދީފައި ވެއެވެ.

އަލްޔަންގެ މަންމަ ކުލަ ފޮށީގެ ފޮޓޯ ސޯޝަލް ވައްޓާލި އެވެ. ދެން ބުނެފައި ވަނީ މިހެނެވެ: "އަހަރެންގެ ދަރިފުޅު ސްކޫލް ކުލަފޮށީގައި މިހެން ލިޔުމުން ދަރިފުޅު ބުނީ، ސްކޫލުގައި ހުރި އިރުވެސް ހީވީ ގާތުގައި މަންމަ ހުރި ހެންނެވެ!"

ދަރިންދެކެވާ ލޯބި ހާމަކޮށްދޭން ކޮންމެހެން އަގު ބޮޑު އެއްޗެއް މުހިންމެއް ނޫނެވެ. އެންމެ އަގު ބޮޑު ދަބަހާއި އެންމެ މަޝްހޫރު ބްރޭންޑެޑް ތަކެތި ހޯދައި ނުދިނަސް ލޯބި ދެވޭނެ އެވެ. ހިތްވަރު ދެވޭނެ އެވެ. އަލްޔަންގެ މަންމަގެ ދިން ކަހަލަ ނަސޭހަތުގެ ކުލަ ފޮއްޓަކުން ވެސް ލޯބި ބުނެދެވި ދާނެ އެވެ. މަންމަ ދަރިފުޅުގެ ކުލަފޮށީގައި ލިޔެދިން ނަސޭހަތުގެ މެސެޖުތަކުން ޔަގީނަށް ވެސް އަލްޔަންގެ ހިތަށް ހަމަޖެހުން ލިބުނެވެ. އަހަރެމެނަށް ވެސް އުންމީދު އާވެއްޖެ އެވެ!