ހަބަރު

ތިން މީހުންނާއެކު "ފްރެޝް" ނަމަކަށް ކިޔާ ދޯންޏެއް ގެއްލިގެން ހޯދަން ފަށައިފި

ގދ.ތިނަދޫއިން ތިން މީހުންނާއެކު ފުރައިގެން މާލެ ދަތުރުކުރި "ފްރެޝް" ނަމަކަށް ކިޔާ ދޯންޏެއްގެ ހަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހޯދަން ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ އެ ދޯނީގެ ހަބަރެއް ނުވެގެން އުޅޭކަމުގެ ރިޕޯޓު އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ މިއަދު 18:45 ހާއިރު ކަމަށެވެ. އަދި އެ ދޯންޏާ އެންމެފަހުން ގުޅިފައިވަނީ މި މަހުގެ 16 ވީ ބުދަ ދުވަހު 19:11 ހާއިރު ގއ.ކޮލަމާފުށި ކައިރިން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެ މިދޯންޏަކީ ދިގުމިނުގައި 17 މީޓަރު ހުރި ބޭރުގައި ގަދަނޫ ކުލައިގެ ދަވާދު ލާފައިވާ އަދި ހުދު ކުލައިގެ ގެގަނޑެއް ލާފައިވާ ދޯންޏެއް ކަމަށާއި، އެ ދޯންޏާ ބެހޭ މަޢުލޫމާތެއް ލިބޭތޯ ބަލައިދިނުމަކީ ކޯސްޓްގާޑްގެ ވަރަށް ބޮޑުއެދުމެއް ކަަމަށެވެ. އަދި ދޯންޏާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ކޯސްޓްގާޑްގެ ހިލޭ ގުޅޭނަމްބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅާލާ މައުލޫމާތު ހިއްސާ ކުރުމަށް، އެމްއެންޑީއެފުން ވަނީ އެދިފަ އެވެ.