ހަބަރު

މިހާރުގެ މެންބަރު ނާޒިމް ޕްރައިމަރީގައި ބަލިވެއްޖެ

Jan 18, 2019

ވައިކަރަދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމަށް އެމްޑީޕީގެ ޕްރައިމަރީ ނާކާމިޔާބުވެ އަންނަ މަޖިލީހަށް ވަޑައިގެންނެވުމުގެ ދޮރު ބަންދުވެއްޖެ އެވެ.

އެމްޑީޕީ ޕްރައިމަރީގައި މެންބަރު ނާޒިމްއާ ތިން ބޭފުޅަކު ވާދަ ކުރި އެވެ. އިންތިހާބު ކާމިޔާބު ކޮށްފައިވަނީ ހުސައިން ޒިޔާދު، ފިއްޓޭ އެވެ.

ފިއްޓޭއަށް 472 ވޯޓު ލިބުނުއިރު ނާޒިމަށް ލިބިވަޑައިގެންނެވީ 335 ވޯޓެވެ.

ދެން ވާދަ ކުރެއްވި މުހައްމަދު މުސްތަފާއަށް 204 ވޯޓު ލިބުނުއިރު އަބްދުﷲ ޒަމީރަށް ލިބުނީ 25 ވޯޓެވެ.

މެންބަރު ނާޒިމަށް އިންތިހާބުގައި ނާކާމިޔާބުވީއިރު މިހާރު މަޖިލީހުގައި ތިއްބަވާ، ޕްރައިމަރީގައި ވާދަ ކުރެއްވި އެހެން ގިނަ މެންބަރުންނަށް ޓިކެޓް ވަނީ ކަށަވަރުވެފަ އެވެ.

އެގޮތުން އައްޑޫ މީދޫ ދާއިރާގެ ޓިކެޓް ރޮޒައިނާ އާދަމް ކަށަވަރު ކުރައްވާފައިވާއިރު މާފަންނު ހުޅަނގު ދާއިރާގެ ޓިކެޓް މިހާރު ވެސް އެ ދާއިރާގެ މެންބަރު މުހައްމަދު ފަލާހު ވަނީ ކާމިޔާބު ކުރައްވާފަ އެވެ. ހިތަދޫ އުތުރު ދާއިރާގެ ޓިކެޓް މިހާރު ވެސް އެ ދާއިރާ ތަމްސީލް ކުރައްވާ މެންބަރު މުހައްމަދު އަސްލަމް ވެސް ވަނީ ކާމިޔާބު ކުރައްވާފަ އެވެ.