ހަބަރު

މަޖިލީހުގެ އަގުލަބިއްޔަތު އެމްޑީޕީއިން ނަގާނެ ކަމަށް ނަޝީދު ވިދާޅުވެއްޖެ

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީން ނަގާނެ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބު ކުރި ބައެެއް ކެނޑިޑޭޓުންނާއި، ނާކާމިޔާބު ބައެެއް ކެނޑިޑޭޓުންނާއެކު އެމްޑީޕީ ހަރުގޭގައި ބޭއްވި ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، އެމްޑީޕީއަށް މަޖިލީހުގެ އަގުލަބިއްޔަތު ލިބުމުގެ މުހިންމުކަން ދިވެހި އެއްވެސް ރައްޔިތަކަށް އޮޅިފައިނުވާނެ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބު ކަމާއެކު ގެންދެވުމުގައި އެހީތެރިވި ހުރިހާ ފަރާތްތަކަށް ޝުުކުރު ދަންނަވާ ކަމަށާއި، މަޖިލީހުގެ އަގުލަބިއްޔަތު ނެގުމަށް އެމްޑީޕީ އޮތީ ތައްޔާރަށް ކަމަށެވެ. މީގެ އިތުރުން އެމްޑީޕީގެ ކެނޑިޑޭޓުން މިތިބީ ފެނިފައި ކަމަށާއި، ދެން މަސައްކަތް ކުރަންވީ ހުރިހާ ފަރާތްތައް އެކުވެގެން މަޖިލީހުގެ އިންތިހާބު އެ ކެނޑިޑޭޓުންނަށް ކާމިޔާބު ކޮށްދޭން ކަމަށެވެ.

މީގެ އިތުރުން ނަޝީދު ވިދާޅުވީ، ކާމިޔާބުވެވަޑައިނުގެންނެވި ކެމްޕެއިން ޓީމްތަށް ވީ އެންމެ އަވަހަކަށް އެމަނިކުފާނާއި، ނުވަތަ ޕާޓީއާ ގުޅުއްވުން އެދޭ ކަމަށާއި، އެ ކެންޕެއިން ޓީމުތަކާއެކު، އެެންމެން އެކީ މަސައްކަތް ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

އެމްޑިޕީގެ ޕްރައިމަރީ މިއަދު ބާއްވާފައިވާ އިރު، އެމްޑީޕީގެ ލީޑާޝިޕުގައި ހިމެނިވަޑައިގަންނަވާ ގިނަ އަދަދެއްގެ ބޭފުޅުންވަނީ އެމްޑީޕީގެ ޓިކެޓް ކާމިޔާބު ކުރައްވާފަ އެވެ. މީގެ އިތުރުން އެމްޑީޕީއަށް ވަފާތެރި މިހާރުގެ ބައެއް މަޖިލިސް މެމްބަރުންނަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފަ އެވެ. އޭގެ ތެރޭގައި ވައިކަަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމާއި، ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީގެ އިތުރުން ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބުދުލްކަރީމް (ރުކުމާ) ހިމެނިވަޑައިގަންނަވަ އެވެ.