ހަބަރު

ރައްޔިތުން ތިބީ އެމްޑީޕީއަށް މެޖޯރިޓީ ދޭން: ނަޝީދު

ރައްޔިތުން ތިބީ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީއަށް މެޖޯރިޓީ ދިނުމަށް ތައްޔާރަށް ކަމަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ މިރޭ އެމްޑީޕީ ޕްރައިމަރީގެ ކެމްޕެއިން ތިން ޖަލްސާއެއްގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުތަކުގެ ތެރޭގަ އެވެ. ރައީސް ނަޝީދު ތަކުރާރުކޮށް ވަނީ އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެނަމަ، އަންނާނެ ބަދަލުތަކުގެ ވާހަކަ ވިދާޅުވެދެއްވާފަ އެވެ.

ނަޝީދު ވިދާޅުވީ، މީގެކުރިން މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ނުދިނުމުން ދިމާވި ކަންކަން ހުރީ މާޒީން ފެންނަ ކަމަށާއި އެހެންވެ ރައްޔިތުން މިފަހަރު ތިބީ ހޭލާ ކަމަށެވެ. މަޖިލިސް 19 ވެގެން ދާނީ އެމްޑީޕީގެ މަޖިލީހަކަށް ކަމަށެވެ.

ރައީސް ނަޝީދު މިރޭ ވަނީ އައްޑޫ ސިޓީގެ ހުރިހާ ގޮނޑިއެއް އެމްޑީޕީއަށް ލިބޭނެ ކަމަކީ ކަށަވަރު ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ. މީގެކުރިން މާލޭގެ 15 ގޮނޑި ވެސް އެމްޑީޕީއަށް ލިބޭނެ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސިޔާސަތުތައް ތަންފީޒުކޮށް، ރައްޔިތުން އުއްމީދު ކުރާ ބަދަލުތަކެއް ގެނެވޭނީ އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ލިބިގެން ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އަންނަ މަޖިލީހުގައި އެމަނިކުފާނު ވެސް އިންނަވާނެ ކަމަށާއި އެ މަޖިލިސް ވެގެން ދާނީ ތަފާތު، ގާބިލް މަޖިލީހަކަށް ކަމަށް ވިދާޅުވި އެވެ.

އެމްޑީޕީއަށް މަޖިލިސް މެޖޯރިޓީ ލިބޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ރައީސް ނަޝީދު ވިދާޅުވިއިރު ކޯލިޝަންގެ އަނެއް ޕާޓްނަރު، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ އެކަމާ ދެކޮޅަށް ވާހަކަ ދައްކަވާފަ އެވެ. ގާސިމް ވިދާޅުވީ އެއް ޕާޓީއަކަށް މަޖިލީހުގެ މެޖޯރިޓީ ދިނުމަކީ ނުރައްކާތެރި ކަމެއް ކަމަށެވެ. އަދި ރައީސް ނަޝީދަށް ފާޑުވިދާޅުވެފައިވެ އެވެ.

ގާސިމް ވިދާޅުވީ އެއް ޕާާޓީއަކަށް މަޖިލީހުގެ މެޖޯރިޓީ ލިބުމުން ގާނޫނު އަސާސީއާ ހިލާފަށް ވެސް ކަންތައްތައް ކުރާ ކަމަށާއި ބޭނުންވުމުން "އެއްވެސް ހުއްޓުވަންވީ މިވެސް ހުއްޓުވަންވީ" ކަމަށެވެ. އޭރަށް ބޭނުން ވަނީ ކޮންމެ ގޮތަކުން ވެސް ވެރިކަމުގައި ތިބެން ކަމަށާއި ރައްޔިތުންނަށް ހިދުމަތް ކުރުމާއި ސަރުކާރުގެ ސިޔާސަތާއި ހައްގުތަކުގެ ވާހަކަ ނުދައްކާ ކަމަށެވެ.