ހަބަރު

މަޖިލީހުގެ ބޮޑު ބައެއް އެމްޑީޕީއަށް ލިބެން ޖެހޭ: ރައީސް

Jan 19, 2019
11

ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީއަށް މަޖިލީހުގެ ގިނަ ގޮނޑިތަކެއް ލިބެން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ މަޖިލިސް ޕްރައިމަރީ ކާމިޔާބުކުރެއްވި ފަރާތްތަކަށް މަރުހަބާ ކިޔުމުގެ ގޮތުން އެމްޑީޕީ ހަރުގޭގައި މިރޭ ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ރިޔާސީ އިންތިހާބު ކާމިޔާބު ވުމުގެ އެންމެ ބޮޑު ދައުރެއް އަދާކުރީ އެމްޑީޕީ އާއި ޕާޓީގެ މެންބަރުން ބުރަކޮށް ކުރި މަސައްކަތުން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އާ ސަރުކާރެއްް ރައްޔިތުން އިންތިހާބު ކުރީ ބޮޑެތި އުންމީދުތަކަކާ އެކު ކަމަށާއި ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށް ހަދައިދެވޭނީ މަޖިލީހުގެ ބޮޑު އަގުލަބިއްޔަތެއް ސަރުކާރަށް އޮވެގެން ކަމަށެވެ.

"އަޅުގަނޑުމެންނަށް ރިޔާސީ އިންތިހާބުގައި ލިބުނު ކާމިޔާބީގެ ބޮޑުބައެއް ހިއްސާ ކުރީ އެމްޑީޕީއިން. މިކަމުގައި ބުރަކޮށް އުޅުއްވީ ތިބޭފުޅުން. އެހެން ކަމުން ރައްޔިތުން މަޖިލީހުގައި ސަރުކާރުންވެފައިވާ ވައުދުތައް ފުރިހަމަ ކުރުމަށް އެމްޑީޕީގެ ބޮޑު ބައެއް މަޖިލީހުގައި އޮންނަން އެބަ ޖެހޭ. ރައްޔިތުންނަށް ވީ ވައުދުތަކުގެ ބޮޑު ބައެއް ފުއްދޭނީ މަޖިލީހުގައި ސަރުކާރަށް ތާއީދު ކުރާ ހާއްސަކޮށް، އެމްޑީޕީގެ މެންބަރުންގެ ބޮޑު ބައެއް މަޖިލީހުގައި ތިބެގެން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، އެމްޑީޕީގެ ޕްރައިމަރީއަކީ ރާއްޖޭގައި ހިންގި ނަމޫނާ ސިޔާސީ ހަރަކާތެއް ކަމަށާއި ޑިމޮކްރަސީގެ ރިވެތި ނަމޫނާއެއް ކަމަށެވެ. ރައީސް ސޯލިހު ވިދާޅުވީ އެހެން ޕާޓީތަކުން ވެސް ސިޔާސީ މިފަދަ ހަރަކާތްތައް ގިނަގިނައިން ހިންގަން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ ބޮޑު ޕްރައިމަރީ ބާއްވައި މަޖިލީހަށް ވާދަކުރާ ކެންޑިޑޭޓުން ނެގުމަކީ، ރާއްޖެ ޑިމޮކްރަސީއަށް ފައްކާވަމުން އަންނަ ކަމުގެ ނިޝާނެއް ކަމަށެވެ. ރައީސް ސޯލިހު ވަނީ ޕްރައިމަރީގައި ވާދަކުރެއްވި ހުރިހާ ކެންޑިޑޭޓުން އަދި ޕްރައިމަރީގެ އިންތިޒާމްތަކުގައި އުޅުނު ޕާޓީގެ އެންމެހާ ފަރާތްތަކަށް ޝުކުރު ދަންނަވައިފަ އެވެ.

"މި ޕްރައިމަރީ ކާމިޔާބުކޮށް ޓިކެޓް ހާސިލް ކުރި ފަރާތްތަކަށް އަޅުގަނޑު ޝުކުރު އަދާކޮށް މަރުހަބާ ދަންނަވަން. ރައްޔިތުން މަޖިލީހުގެ އިންތިހާބު ކާމިޔާބުކުރަން އަޅުގަނޑުމެން ގުޅިގެން ވަރަށް ގިނަ ގުނަ މަސައްކަތް ކުރަން ޖެހޭ. އަޅުގަނޑުމެން މިއަދު އެކަމާ މިކުރިމަތިލީ،" ރައީސް ސޯލިހު ވިދާޅުވި އެވެ.