ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރޭގައި ހިމެނޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ވެސް ރައީސް ނަޝީދު މިހެން ވިދާޅުވީ އެމަނިކުފާނަށް އަމާޒުކޮށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅާފައިވަނިކޮށެވެ. ދިއްދޫ ދާއިރާގެ މެންބަރު އަބްދުލް ލަތީފް މުހައްމަދު ހުށަހަޅުއްވާފައިވަނީ ކުރީގެ ރައީސުންނަށް މެންބަރުކަން ނުކުރެވޭނެ ގޮތް ހެދުމަށް ގާނޫނަށް އިސްލާހެކެވެ.
އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރާ ހަސަން ޝާހިދުގެ ކެމްޕެއިން ހަރަކާތުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އަންނަ މަޖިލީހުގައި އެމަނިކުފާނު އިންނަވާނެ ކަމަށެވެ. އަންނަ މަޖިލީހަކީ ތަފާތު، ގާބިލް މަޖިލީހަކަށް ވެގެން ދާނެ ކަމަށެވެ.
އެ މަޖިލީހަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް އެހީތެރިވާނެ، ރައްޔިތުން އުއްމީދު ކުރާ ފަދަ މަޖިލީހަކަށް ވާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.
ލަތީފް ބިލް ހުށަހެޅުއްވި ފަހުން ރައީސް ނަޝީދު ފުރަތަމަ ފަހަރަށް އާންމުންގެ ތެރެއަށް ނުކުމެވަޑައިގެން ވާހަކަފުޅު ދައްކަވަމުން އެކަމަށް ސީދާ އިޝާރަތް ކުރައްވައި އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ. ނަމަވެސް އަންނަ މަޖިލީހުގެ މެންބަރުންގެ ސިފަތައް އެމަނިކުފާނު ވިދާޅުވެ ދެއްވި އެވެ.
"ނަވާރަވަނަ މަޖިލީހުގައި ތިބޭނީ ތަންދޮރު ދަންނަ، ގާބިލް، ދުނިޔޭގެ ކަންކަން ދަންނަ މެންބަރުން، ރައްޔިތުން ހަގީގަތުގައި ބޭނުންވާ މަޖިލީހަކަށްވާނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ލަތީފްގެ ބިލާ ގުޅޭ ގޮތުން އޭނާގެ ޕާޓީ ޖުމްހޫރީ ޕާޓީގެ ޕީޖީ ލީޑަރު އަބްދުﷲ ރިޔާޒު ވެސް ވަނީ ކަންބޮޑުވުން ފާޅު ކުރައްވައި، އެ ބިލް އަނބުރާ ނެގުމަށް އަންގަވާފަ އެވެ.
އެ މައްސަލާގައި މިއަދު އެމްޑީޕީއިން ވެސް ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި ނުރުހުން ފާޅުކޮށްފަ އެވެ. އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ އެއީ ގާނޫނު އަސާސީއާ ފުށު އަރާ ބިލެއް ކަމަށާއި އެ ބިލް ފާސްވިޔަ އެމްޑީޕީއިން ނުދޭނެ ކަމަށެވެ.
ހަސަން ވިދާޅުވީ އެފަދަ ބިލެއް ހުށަހަޅާފައިވީ ނަމަވެސް ރައީސް ނަޝީދު އިންތިހާބުގައި ވާދަ ކުރައްވާނެ ކަމުގެ ޔަގީންކަން އެމްޑީޕީގެ އާންމު މެންބަރުންނަށް އަރުވާ ކަމަށެވެ.