ހަބަރު

ޕްރައިމަރީއާ ކަންބޮޑުވެ ދިޔާނާ ޓްވީޓް ކުރެއްވުމަށްފަހު ޑިލީޓްކޮށްލައިފި

އެމްޑީޕީން އިއްޔެ ބޭއްވި ޕްރައިމަރީ އިންސާފުވެރި ކުރަން ކުރަން ޖެހޭ ކަންކަން ހުރި ކަމަށް ވިލިނގިލީ ދާއިރާއަށް ކުރިމަތިލައްވާ ނާކާމިޔާބީއާ ކުރިމަތިވެ ވަޑައިގެންނެވި ކުރީގެ އެޓާނީ ޖެނަރަލް ދިޔާނާ ސައީދު ވިދާޅުވެއްޖެ އެވެ. އެކަމަނާ މިހެން ވިދާޅުވީ ޓްވީޓެއް ކުރައްވައިގެނެވެ. ނަމަވެސް ޕްރައިމަރީއާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށް ދިޔާނާ ކުރެއްވި ޓްވީޓު މިހާރު ވަނީ ޑިލީޓް ކޮށްލައްވާފަ އެވެ.

އެ ޓްވީޓުގައި ދިޔާނާ ވިދާޅުވެފައި ވަނީ ވިލިނގިލީ ދާއިރާގެ ގިނަ ބަޔަކު މިފްކޯގެ ދަށުން ހިންގާ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި ވަޒީފާ އަދާކުރާއިރު ވަކި ކެނޑިޑޭޓަކަށް ފަހިވާ ގޮތަށް ސަރުކާރުން މިފްކޯގެ މެނޭޖްމަންޓް އައްޔަން ކުރުން ގޯސް ކަމަށެވެ. އަދި ޕްރައިމަރީ އިންސާފުވެރި ކުރުމަށް ކުރަންޖެހޭ ކަންކަން ހުރި ކަމަށް ވެސް ދިޔާނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގައި ހިމެނޭ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ވެސް ވަނީ އިންތިހާބު ދިޔަ ގޮތާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އޭނަ ވަނީ އިންތިހާބުގައި ވަކި ބަޔަކަށް ވޯޓު ދިނުމަށް ލީޑާޝިޕުން ބާރު އަޅާ ނުފޫޒު ފޯރުވާ ކަމަށް ތުހުމަަތުކޮށްފަ އެވެ.