އެމްޑީޕީ

އެމްޑީޕީގެ ގިނަ މެންބަރުން ޓިކެޓް ކަށަވަރުކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގައި މިހާރުވެސް ހިމެނޭ އެމްޑީޕީގެ ގިނަ މެންބަރުން އެ ޕާޓީގެ ޕްރައިމަރީގައި ވާދަކުރައްވާ ޓިކެޓް ކަށަވަރުކުރައްވައިފި އެވެ.

އެންމެ ބޮޑު އިދިކޮޅު ޕާޓީ -- އެމްޑީޕީން މިއަދު ޕްރައިމަރީ ބޭއްވީ 40 ދާއިރާއެއްގައެވެ.

މަޖިލީހުގައި މިހާރު ތިއްބެވި ބޭފުޅުންގެ ތެރެއިން ޓިކެޓް ކަށަވަރު ކުރެއްވި ބޭފުޅުންނަކީ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްގައްފޫރު މޫސާއާއި، ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގާއި، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރާއި، ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެއް)ގެ އިތުރުން ވިލިނގިލީ ދާއިރާގެ މެމްބަރު ކަމުގައި ހުންނެވި ސައުދު ހުސައިން އެވެ.

މަޖިލީހުގައި މިހާރު ތިއްބެވި އެމްޑީޕީގެ ބައެއް ބޭފުޅުންނަށް ވަނީ ޕްރައިމަރީއަކާ ނުލައި ކުރިން ޓިކެޓް ކަށަވަރުވެފަ އެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ފާހަގަކޮށްލެވޭ އެހެން ބައެއް ދާއިރާތަކަށް ބަލާއިރު ކުޅުދުއްފުށި ދެކުނު ދާއިރާގެ ޓިކެޓް ކަށަވަރު ކުރެއްވީ ތޮއްޑޫ ދާއިރާގެ ކުރީގެ މެންބަރު އަދި މިދިޔަ ސަރުކާރުގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އެވެ. ފުވައްމުލަކު ދެކުނު ދާއިރާގެ ޓިކެޓް ކަށަވަރުކުރެއްވީ ކުރީގެ ނައިބް ރައީސް ފައިސަލް ނަސީމުގެ ކޮއްކޮ އަދި ކުރީގެ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ އަނބިކަނބަލުން ނަޒްރާ ނަސީމް (ނަޒޫ) އެވެ.

ހުޅުމާލެ އުތުރު ދާއިރާގެ ޓިކެޓް މިދިޔަ ސަރުކާރުގައި އާރްޑީސީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި މޫސާ އަލިމަނިކު (މޫކޭ) ކަށަވަރުކުރެއްވިއިރު ހުޅުމާލެ މެދު ދާއިރާގެ ޓިކެޓް ކަށަވަރުކުރެއްވީ ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު ޑރ. އަހްމަދު ޝަމްހީދެވެ. ހެންވޭރު ހުޅަނގު ދާއިރާގެ ޓިކެޓް ކަށަވަރުކުރެއްވީ މިދިޔަ ރިޔާސީ އިންތިހާބުގައި އުމަރު ނަސީރުގެ ރަނިންމޭޓަށް ހުންނެވި މާޒް އަހްމަދު ސަލީމް އެވެ.

ގިނަ ބަޔަކަށް އެންމެ ބޮޑު ހައިރާންކަމެއް ލިބުނީ މިވަގުތު އައްޑޫ މީދޫ ދާއިރާގެ މެންބަރު ކަމުގައި ހުންނެވި ރޮޒައިނާ އާދަމް ފޭދޫ އުތުރު ދާއިރާއަށް ވާދަކުރައްވާ ނާކާމިޔާބުވުމާ ގުޅިގެންނެވެ.

އެމްޑީޕީގެ ޕްރައިމަރީ މިއަދު ކުރިއަށް ދިޔައިރު މާލޭގައި 27 ވޯޓް ފޮށި އަދި އަތޮޅު ތެރޭގައި 95 ރަށެއް ގައި ވޯޓް ފޮށި ބަހައްޓާފައިވެ އެވެ.

މިޕްރައިމަރީގައި 25،325 މީހުންނަށް ވޯޓް ލުމުގެ ހައްގު ލިބުނުއިރު ޕްރައިމަރީގައި އެކި ދާއިރާތަކަށް 149 ކެންޑިޑޭޓުން ވާދަކުރި އެވެ.

އެމްޑީޕީން އެކި ދުވަސް މަތިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު ޕްރައިމަރީއަކާ ނުލައި އެމްޑީޕީގެ ޓިކެޓް ވަނީ 48 ބޭފުޅަކަށް ކަށަވަރުވެފަ އެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 93 ދާއިރާއަށް މެންބަރުން އިންތިހާބުކުރާނެ އެވެ.

މަޖިލިސް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މާޗް 17 ވަނަ ދުވަހު އެވެ.