އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ

އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުން ފަށައިފި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނެ ބޭފުޅުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން ފަށައިފި އެވެ.

މާލެ އާއި ރާއްޖޭގެ ބައެއް ރަށްތަކުގައި އެމްޑީޕީގެ ޕްރައިމަރީ ކުރިއަށް ދާނީ އެމްޑީޕީން މިއަދު ހެނދުނު 9:00 އިން ހަވީރު 5:00 އަށެވެ.

މާލޭގައި 27 ވޯޓް ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާއިރު އަތޮޅު ތެރޭގައި 95 ރަށެއް ގައި ވޯޓް ފޮށި ބަހައްޓާފައިވެ އެވެ.

މިޕްރައިމަރީގައި 25،325 މީހުންނަށް ވޯޓް ލެވޭއިރު މިހާރު ހަމަޖެހިފައިވާ ގޮތުންނަމަ 40 ދާއިރާއެއްގައި ޕްރައިމަރީ އޮންނާނެ އެވެ.

އެމްޑީޕީގެ ޕްރައިމަރީގައި އެކި ދާއިރާތަކަށް 149 ކެންޑިޑޭޓުން ވާދަކުރެ އެވެ.

އެމްޑީޕީން އެކި ދުވަސް މަތިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު ޕްރައިމަރީއަކާ ނުލައި އެމްޑީޕީގެ ޓިކެޓް ވަނީ 48 ބޭފުޅަކަށް ކަށަވަރުވެފަ އެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 93 ދާއިރާއަށް މެންބަރުން އިންތިހާބުކުރާނެ އެވެ.

މަޖިލިސް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މާޗް 17 ވަނަ ދުވަހު އެވެ.