އެމްޑީޕީ

އެމްޑީޕީގެ މަޖިލިސް ޓިކެޓް އިތުރު ތިން ބޭފުޅަކަށް ކަށަވަރުވެއްޖެ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރެއްވުމަށް ހުށަހެޅުއްވި ބޭފުޅުންގެ ތެރެއިން އިތުރު ތިން ބޭފުޅަކަށް ޕްރައިމަރީއަކާ ނުލައި ޓިކެޓް ކަށަވަރުވެއްޖެ އެވެ.

ޓިކެޓް ކަށަވަރުވި އިތުރު ތިން ބޭފުޅުންނަކީ ދިއްދޫ ދާއިރާއަށް އަބްދުﷲ ވަހީދާއި ކުޅުދުއްފުށި އުތުރު ދާއިރާއަށް ޔާސިރު އަބްދުއްލަތީފްގެ އިތުރުން މާފަންނު އުތުރު ދާއިރާ އަށް އިފްހާމް ހުސައިން އެވެ.

އަބްދުﷲ ވަހީދާއި ޔާސިރަކީ މިހާރުވެސް އެ ދާއިރާގެ މެންބަރުންނެވެ. އިފްހާމަކީ ނިމިގެން ދިޔަ ސަރުކާރުގައި ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެކެވެ. އަދި އޭނާ އަކީ އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)ގެ ކޮއްކޮ އެވެ.

އެމްޑީޕީން މިއަދު ހާމަކުރި މައުލޫމާތަށް ބަލާއިރު ޕްރައިމަރީއަކާ ނުލައި އެމްޑީޕީގެ ޓިކެޓް މިހާރު ވަނީ 48 ބޭފުޅަކަށް ކަށަވަރުވެފަ އެވެ.

އެމްޑީޕީގެ ޕްރައިމަރީ އަންނަ ހޮނިހިރު ދުވަހު އޮންނައިރު ޕްރައިމަރީ 149 ކެންޑިޑޭޓުން ވާދަކުރެ އެވެެ. މިޕްރައިމަރީގައި 25،325 މީހުންނަށް ވޯޓް ލެވޭއިރު މިހާރު ހަމަޖެހިފައިވާ ގޮތުންނަމަ 40 ދާއިރާއެއްގައި ޕްރައިމަރީ އޮންނާނެ އެވެ. އަތޮޅު ތެރޭގެ 95 ރަށެއް ގައި ވޯޓް ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާއިރު މާލޭގައި 27 ވޯޓް ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވެ އެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 93 ދާއިރާއަށް މެންބަރުން އިންތިހާބުކުރާނެ އެވެ.

މަޖިލިސް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މާޗް 17 ވަނަ ދުވަހު އެވެ.