ބޮލީވުޑް

"ވައި ޗީޓް އިންޑިއާ" ރިލީޒް ކުރި ދުވަހު ލީކު ކޮއްލައިފި

ބޮލީވުޑު މަޝްހޫރު އެކްޓަރު އިމްރާން ހާޝްމީގެ އެންމެ ފަހުގެ ފިލްމު "ވައި ޗީޓް އިންޑިއާ" ރިލީޒް ކުރި ފުރަތަމަ ދުވަހު ލީކު ކޮށްލަައިފި އެވެ.

"ވައި ޗީޓް އިންޑިއާ" އަކީ އިންޑިއާގެ ތައުލީމީ ނިޒާމުގައި ހުރި ކޮރަޕްޝަންގެ ބޮޑެތި މައްސަލަތައް ދައްކުވައިދޭ ހަގީގީ ހާދިސާތަކަކަށް ބިނާ ކޮށް ސޯމިކް ސެން ޑައިރެކްޓް ކުރި ފިލްމެކެވެ. ފިލްމު އިއްޔެ ރިލީޒް ކޮށްފައިވާއިރު، "ޓަމިލް ރޮކާސް" އިން އެ ފިލްމު ލީކް ކޮށްލީ މުޅީ ފިލްމު އެއް ކޮންނެވެ. އަދި އިންޑިއާގެ ރިޕޯޓުތައް ބުނާ ގޮތުގައި މި ފިލްމު އޮންލައިންކޮށް ބެލުމުގެ އިތުރުން ޑައުންލޯޑުވެސް ކުރެވެ އެވެ.

"ޓަމިލް ރޮކާސް" އިން މީގެ ކުރިން ވަނީ ބޮލީވުޑްގައި ނެރުނު އެތައް ފިލްމެއް ލީކު ކޮށްލާފަ އެވެ. ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި ފިލްމު ރިލީޒް ކުރާ ދުވަހު ލީކު ކޮށްލަނީ، ފިލްމުގެ ޕްރޮޑިއުސަރުންނެވެ. އެއީ ފިލްމު ޕްރޮމޯޓް ކުރުމަށް ޖައްސާ މޮޅު އުކުޅެއް ކަމަށްވެސް ބައެއް ފަރާތްތައް ބުނެ އެވެ. އަދި ބޮލީވުޑްގެ ފިލްމު ޕްރޮޑިއުސަރުން "ޓަމިލް ރޮކާސް" އާ ދެކޮޅަށް އަޑު އުފުލިޔަސް، އެ ވެބްސައިޓު ނުނެގެނީ އެމީހުންގެ ޑޮމެއިން އަވަސް އަވަހަށް ބަދަލު ކުރާތީ ކަމަށް ކަމާބެހޭ ފަރާތްތައް ބުނެ އެވެ.

ފިލްމުތައް ލީކުވާ މައްސަލަ ބޮޑުވެފައިވާއިރު، އެންމެ ފަހުން ނެރުނު ފިލްމުތަކުގެ ތެރެއިން ފިލްމު 'ޒީރޯ' އާއި "ތަގްސް އޮފް ހިންދޮސްތާން" އަދި އަކްޝޭގެ ފިލްމު "2.0" ވެސް ލީކުވީ ފިލްމު ނެރުނުތާ ހަފްތާއެއްވެސް ނުވަނީސް އެވެ.

އިމްރާން ހާޝްމީގެ "ވައި ޗީޓް އިންޑިއާ" އަށް ފިލްމު ކްރިޓިކުން ތަފާތު ފާޑުކިޔުންތައް އަމާޒުކުރާއިރު، ގިނަ ބަޔަކަށް މި ފިލްމު އެހާ ކަމަކު ނުދެ އެވެ. ފިލްމުގައި މާ ބޮޑު ކަންތައްތަކެއް ނުހިނގާއިރު، އެކްޓިންގ ވެސް ދައް ކަމަށް ފާޑުކިޔުންތެރިން ބުނެ އެވެ. މި ފިލްމަށް ރޭޓް ކުރި އިރު، އެންމެ މަތިންވެސް ލިބުނީ، ހަތަރު ތަރި އެވެ.