ހަބަރު

އެއްޗެއް ގޮވަައިގެން ފިހުނު ދެމީހުންގެ ހާލު ރަނގަޅު: އޭޑީކޭ

ސަފާރީއެއްގައި އެއްޗެއް ގޮވައިގެން ފިހުނު ދެ މީހުންގެ ހާލު ރަނގަޅު ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފި އެވެ.

މީރު އައިލެންޑް ރިސޯޓު އެންޑް ސްޕާގެ ފަޅު ތެރޭ އޮތް އެ ރިސޯޓުގެ ސަފާރީއެއްގައި މިއަދު 11:45 ގައި އެއްޗެއް ގޮވައި ދިވެއްސަކާއި ސްރީލަންކާއަށް ނިސްބަތްވާ މީހަކު ވަނީ ވަރަށް ބޮޑަށް ފިހިފަ އެވެ.

އެ ދެ މީހުންގެ ހާލާ ގުޅޭ ގޮތުން އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް "އަވަސް" އަށް ވިދާޅުވީ ދެ މީހުން އެ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން އަންނަ ކަމަށެވެ. އަދި މިހާތަނަށް އެ ދެ މީހުންގެ ހާލު ރަނގަޅު ކަމަށް އައްފާލް ވިދާޅުވި އެވެ. އެ މީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް ހާމަ ކުރެވެން ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފުލުހުން ބުނެފައި ވަނީ އެ ދެ މީހުންގެ މޫނާއި ބަނޑު ވަރަށް ބޮޑަށް ފިހިފައިވާ ކަމަށެވެ. އެ މީހުން ތިބި ސަފާރީގައި ގޮވީ ކޯއްޗެއް ކަމެއް އަދި ސާފު ނުވާ ކަމަށާއި އެކަން ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.