ހަބަރު

ޕްރައިމަރީއާ ގުޅިގެން ނިޒާރު ހުށަހެޅި މައްސަލަ ނުބަލަން ނިންމައިފި

އެމްޑީޕީ ޕްރައިމަރީއާ ގުޅިގެން، އެ ޕްރައިމަރީގައި ނާކާމިޔާބަކާ ކުރިމަތިވި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަލީ ނިޒާރު ހުށަހެޅި މައްސަލަ ނުބަލަން އެމްޑީޕީ އިން ނިންމައިފި އެވެ.

އެމްޑީޕީ އިން މިއަދު ނެރުނު ބަޔާނުގައި ބުނީ ޕްރައިމަރީއާ ގުޅިގެން ހުށަހެޅުނު ޝަކުވާތަކުގެ ތެރެއިން ފަސް މައްސަލައެއް ބަލާނެ ތަނެއް ނެތް ކަމަށް ޕްރައިމަރީއާ ގުޅޭ ޝަކުވާ ކޮމިޓީ އިން ނިންމާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނޭ އެއް ޝަކުވާއެއް ކަމަށް އެ ބަޔާނުގައި ބުނެފައި ވަނީ ބައެއް މީހުން ދެފަހަރަށް ވޯޓުލި ކަމަށް ބުނެ ނިޒާރު
ހުށަހަޅާފައިވާ ޝަކުވާ އެވެ.

އެ މައްސަލާގައި އެމްޑީޕީ އިން ބުނީ އެ ދާއިރާއިން އެންމެ ގިނަ ވޯޓު ލިބުނު އިބްރާހިމް ނާޒިލްއަށް 830 ވޯޓު ލިބިފައިވާ އިރު ނިޒާރަށް ލިބިފައި ވަނީ 627 ވޯޓު ކަމަށެވެ. ދެ ކެނޑިޑޭޓުންގެ ދެމެދުގައި 203 ވޯޓުގެ ފަރަގު ހުރި އިރު ޝަކުވާތަކަށް ބަލާފައި ހުށަހެޅި 68 ވޯޓު ބާތިލު ކުރިޔަސް ނަތީޖާ ބަދަލު ނުވާ ކަމަށެވެ. އެހެންކަމުން އެ މައްސަލަ އިތުރަށް ބެލޭނެ ތަނެއް ނެތް ކަމަށް އެމްޑީޕީ އިން ވަނީ ނިންމައިފަ އެވެ.

މިދިޔަ ދުވަސްތަކުގެ ތެރޭގައި އެމްޑީޕީގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވި ނިޒާރު ވަނީ ޕްރައިމަރީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އޭނާ ވަނީ އެމްޑީޕީގެ ލީޑާޝިޕުން ޕްރައިމަރީއަށް ނުފޫޒު ފޯރުވާ ކަމަށް ވެސް ތުހުމަތުކޮށްފަ އެވެ.