ބޮލީވުޑް

"ބިގިން އަގެއިން"ގެ ހިންދީ ފިލްމެއް އުފައްދަނީ

ބުޝަން ކުމާރުގެ ޓީ-ސީރީޒް އާއި ވިކްރަމް މަލޯތުރާ ގުޅިގެން ހޮލީވުޑް ފިލްމު "ބިގިން އަގެއިން"ގެ ހިންދީ ފިލްމެއް އުފެއްދުމުގެ މަސައްކަތް ފަށައިފި އެވެ.

ކީރާ ނައިޓްލީ އާއި މާކް ރުފެލޯ އެކުގައި ފެނުނު "މިއުޒިކަލް" ފިލްމު "ބިގިން އަގެއިން" އަކީ 2003 ވަނަ އަހަރު ނެރުނު ފިލްމެކެވެ. މިއީ ލަވަ ކިޔުންތެރިޔަކަށް ދިމާވާ ހާދިސާތަކަކަށް ބިނާ ކޮށް އުފައްދާފައިވާ ފިލްމެކެވެ. މި ފިލްމަކީ ހޮލީވުޑްގައި ކާމިޔާބު ފިލްމެކެވެ. ހާއްސަކޮށް ފިލްމުގެ ލީޑް ރޯލުން ފެނުނު ކިރާ ނައިޓްލީގެ ހުނަރަށް ގިނަ ކްރިޓިކުން ވަނީ ތައުރީފް ކޮށްފަ އެވެ.

"ބިގިން އަގެއިން"ގެ ހިންދީ ފިލްމުގެ ޑައިރެކްޝަންގެ މަސައްކަތް ކުރާނީ ފިލްމު "ވީރޭ ދީ ވެޑިންގް" ގެ ޑައިރެކްޓަރު ޝަޝަންކާ ގޯޝް އެވެ. އިނގިރޭސި ފިލްމެއް ހިންދީ ސިނަމާ އަށް ފެތޭނެ ގޮތަކަށް ނެރޭ އިރު، ފިލްމުގެ ސްކްރިޕްޓުގެ މަސައްކަތް ކުރާ ފަރާތުން ބުނަނީ މި ފިލްމުން އިނގިރޭސި ފިލްމުގެ އަސްލު ގެއްލުވާ ނުލާނެ ކަމަށެވެ. އަދި ފިލްމު ހާއްސަވާ އެންމެ ބޮޑު ސަބަބކީ މި ފިލްމުގެ އެންމެ މުހިއްމު އެއް ބައި، "މިއުޒިކް"ގެ އާ އުފެއްދުންތަކެއް އަނެއްކާވެސް ހިންދީ ސިނަމާ އަށް ނެރެދިނުން ކަމަށް ފިލްމުގެ ޕްރޮޑިއުސަރު ބުޝަން ކުމާރު ބުނެ އެވެ.

މި ފިލްމުގައި ލީޑް ރޯލިން ފެންނާނީ ކޮން ތަރިންނެއް ކަމެއް އަދި ނުބުނެ އެވެ. އިންޑިއާގެ ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ބުނާ ގޮތުގައި މި ފިލްމުން ފެންނާނީ ބޮލީވުޑްއަށް އެންމެ ފަހުން ނިކުތް ތަރިންގެ ތެރެއިން ދެ މީހެކެވެ.