ސްރީ ލަންކާގެ މައި މުސްލިމް ޕާޓީ ސްރީ ލަންކަން މުސްލިމް ކޮންގްރެސް (އެސްއެލްއެމްސީ) ރައީސް މަހިންދަ ރާޖަޕަކްސަގެ ސަރުކާރުން ވަކިވެ އިދިކޮޅު ކެންޑިޑޭޓަށް ތާއީދުކުރަން ނިންމައިފި އެވެ.
އަންނަ މަހު 8 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓް މައިތިރިޕަލަ ސިރިސޭނާ އަށް ތާއީދުކުރަން އެސްއެލްއެމްސީން ނިންމި އިރު އެ ޕާޓީގެ ލީޑަރު އަދި ޖަސްޓިސް މިނިސްޓަރު ރައޫފް ހަކީމް ވަނީ ވަޒީރުކަމުން އިސްތިއުފާ ވެސް ދެއްވައިފަ އެވެ.
ރައޫފް ވިދާޅުވީ އޭނާ އިސްތިއުފާ ދެއްވައި އިދިކޮޅު ކެންޑިޑޭޓަށް ތާއީދުކުރައްވަން ނިންމެވި މައިގަނޑު ސަބަބަކީ ރައީސްކަން ކުރެވޭނީ ދެ ދައުރު ކަމަށް ބުނާ ގާނޫނު އިސްލާހުކޮށް، ދާއިމަށް ވެރިކަމުގައި ހުރެވޭނެ ގޮތް ހެދި މައްސަލާގައި އުފެދިފައިވާ ހިޔާލު ތަފާތުވުން ބޮޑުވުމުން ކަމަށެވެ. އަދި ވިދާޅުވީ ރައީސް ރާޖަޕަކްސަގެ ބާރު ފުލުހުންނާއި ޖުޑީޝަރީ އާއި ސިވިލް ސާވިސްގެ މައްޗަށް މާބޮޑަށް އެބަ އޮތް ކަމަށާއި މިހާރު ބޭނުންފުޅުވަނީ އެކަންކަން އިސްލާހުކުރަން ކަމަށެވެ.
"ހެޔޮ ވެރިކަމެއް ނުކުރެވޭ ކަމީ އަޅުގަނޑުމެންގެ އެންމެ ބޮޑު މައްސަލަ،" ނޫސްވެރިންނާ ބައްދަލުކުރައްވައި ރައޫފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދެ ދައުރަށް ވުރެ އިތުރަށް ވެރިކަން ނުކުރެވޭ ގޮތަށް އޮތް އޮތުން ބާތިލްކުރަން 2010 ވަނަ އަހަރު ވޯޓު ދީ އެކަމުގައި ބައިވެރި ވެވުނީތީ ހިތާމަކުރާ ކަމަށާއި މިހާރު އެކަން ބަދަލުކުރަން ބޭނުންވާ ކަމަށެވެ.
މުސްލިމު ޕާޓީތަކުން ބުނަމުން ދަނީ ރާޖަޕަކްސަގެ ސަރުކާރަކީ ބައި މަދު ދީންތަކަށް އިހްތިރާމްކުރަން ނުދަންނަ އަދި އެފަދަ ދީންތަކުގެ މީހުންނާ ގުޅިގެން އުޅެން ނުދަންނަ ސަރުކާރެއް ކަމަށެވެ. އެ ޕާޓީތަކުން އެހެން ބުނެފައި ވާއިރު ހައްދުފަހަނަޅާފައިވާ ބުޑިސްޓުން މުސްލިމުންނާ ދެކޮޅަށް ހިންގާ އަނިޔާވެރި އަމަލުތައް ހުއްޓުވުމުގައި ސަރުކާރު ފެއިލް ވެފައި ވާތީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވެފައިވެ އެވެ.
މުސްލިމުންނަކީ ލަންކާގެ އިގްތިސާދުގެ މުހިންމު އިންޑަސްޓްރީތަކުގައި ބާރުގަދަ ބައެކެވެ. ބައި މަދު ބަޔަކަށް ގައުމުގެ ނުފޫޒުގަަދަ ދަރަޖައެއް ލިބެމުން ދިއުމަކީ ބުޑިސްޓުން ކަންބޮޑުވެ ހަމަނުޖެހުން ހިންގާ މައިގަނޑު ސަބަބެވެ.
މުސްލިމް ޕާޓީ ވަކިވުމުން އެކަމާ ސަރުކާރުން އަދި ވާހަކައެއް ނުދައްކަ އެވެ. ނަމަވެސް ވެރިކަންކުރާ ޕާޓީގެ އޮފިޝަލުންނާ ހަވާލާދީ އޭއެފްޕީން ބުނެފައި ވަނީ މިއީ ރިޔާސީ ކެމްޕޭނުގައި ސަރުކާރަށް ލިބުނު އެންމެ ބޮޑު ގެއްލުން ކަމަށެވެ.