ހަބަރު

ލޭބާ ޕާޓީ އިލެކްޝަންގައި ރަޖިސްޓްރީކޮށް ދީފި

މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ، އިލެކްޝަން ކޮމިޝަން (އީސީ) ގައި ރަޖިސްޓާ ކޮށްފި އެވެ.

އީސީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ލޭބާ ޕާޓީގެ ރެޖިސްޓާ ވަނީ އެޕާޓީގެ ގާނޫނީ ވަކީލް އަބްދުﷲ ހަސީނާއި ހަވާލުކޮށްފަ އެވެ. ލޭބާ ޕާޓީ ވަނީ ރާއްޖޭގެ އަށްވަނަ ޕާޓީގެ ގޮތުގައި ރަޖިސްޓާ ކޮށްފަ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ހަސީން ވިދާޅުވީ، މި ޕާޓީއަކީ ސިޔާސީ ގޮތުން ހެޔޮ ބަދަލުތަކެއް ގެނައުމަށް އުފައްދާފައިވާ ޕާޓީއެއް ކަމަށާއި ހާއްސަކޮށް މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތްތަކުރާނެ ޕާޓީއަކަށް އެޕާޓީވާނެ ކަމަށެވެ.

ހަސީން ވިދާޅުވީ، އަންނަ މަޖިލިސް އިންތިހާބަށްވެސް އެޕާޓީން ކުރިމަތިލާނެ ކަމަށެވެ. ނަމަވެސް ލާނެ ވަކި ދާއިރާތަކެއް އަދި ކަނޑަނާޅާ ކަމަށާއި ޕާޓީއާ އެކަށީގެންވާ ދާއިރާތަކަށް ކުރިމަތިލާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ހަސީން ވިދާޅުވީ، ޕާޓީގެ ސިޔާސަތުތައް އަސާސީ ގަވާއިދުގައި ހިމެނިގެންދާނެ ކަމަށެވެ. އަދި ޕާޓީގެ ހިންގުން ބިނާވެފައި އޮންނާނީ 15 މެންބަރުން އެކުލެވޭ ލީޑާޝިޕް ކޮމިޓީއެއްގެ މައްޗަށް ކަމަށެވެ. އެ ކޮމިޓީގައި ޗެއާ އާއި ނައިބް ޗެއާ ހިމެނޭނެ ކަމަށާއި އެބޭފުޅުން ކޮންމެ ހަ މަހަކުން ބަދަލުވާނެ ކަމަށެވެ. ޕާޓީގެ ލީޑަރަކު އަދި ރައީސަކު ނުހުންނާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ހަސީން އެންމެ ފުރަތަމަ ހުށަހެޅީ މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޖަސްޓިސްގެ ނަމުގައި އެ ޕާޓީ އުފައްދާށެވެ. ނަމަވެސް އެ ނަމުގައި ޕާޓީ އުފެއްދުމަށް އީސީ އިން ހުއްދައެއް ނުދިނެވެ. ލޭބާ ޕާޓީ އުފެއްދުމަށް ބާއްވަން ޖެހޭ ޖަލްސާ ބާއްވާފައިވަނީ މިމަހުގެ 11 ވަނަ ދުވަހު އެވެ. އަދި 3000 މެންބަރުން ހަމަކުރުމަށްފަހު އީސީއަށް ހުށަހަޅާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ ހަވަނަ ދުވަހު އެވެ.