ހަބަރު

އިންތިހާބުގައި ގާސިމާއެކު ނުކުންނަން މިތިބީ ތައްޔާރަށް: ހަލީލް

ނަވާރަ ވަނަ ރައްޔިތުން މަޖިލިސް ސަލާމަތް ކުރަން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއާއެކު މަސައްކަތް ކުރަނ ތައްޔާރަށް ތިއްބެވި ކަމަށް ނިލަންދޫ ދާއިރާގެ މެންބަރު އަބްދުﷲ ހަލީލް މިއަދު ވިދާޅުވެއްޖެ އެވެ.

ކުރިޔަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބަށް އެކުގައި މަސައްކަތް ކުރަން ތިބި ފަރާތްތަކަކާއެކު މަޝްވަރާ ކުރަން ޖުމްހޫރީ ޕާޓީ ތައްޔާރަށް އޮތް ކަމަށާއި އެއީ ކޮންމެ މީހެއް ވިޔަސް ޖޭޕީގެ ދޮރު ހުޅުވިފައި އޮތް ކަމަށް ގާސިމް ރޭ ވަނީ ވިދާޅުވެފަ އެވެ.

ހަލީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމްޑީޕީގެ އިތުބާރުނެތް އަދި އަނިޔާވެރި ވަކިތަކުން ރައްޔިތުން މަޖިލިސް ސަލާމަތް ކުރުމަަށް ގާސިމް ފެއްޓެވި މަސައްކަތުގައި އެމަނިކުފާނާއި ޖުމްހޫރީ ޕާޓީއާއެކު ތިއްބެވި ކަމަށެވެ. ރައްޔިތުން އެދޭ މަޖިލީހެއް ހޮވައިދޭނެ ކަމަށާއި އެމްޑީޕީއަށް މަޖިލިސް މެޖޯރިޓީ ލިބުނަ ނުދޭނެ ކަމަށްވެސް ހަލީލް ވިދާޅުވި އެވެ. ހަލީލް އަކީ މިހާރު ކުރީގެ ރައީސް އަބުދުﷲ ޔާމީންގެ އާޕާޓީ، ކޮންގްރެސް ޕާޓީގެ މެންބަރެކެވެ.

ގާސިމް ރޭ ވިދާޅުވީ، ކޯލިޝަން ޕާޓީތަކުގެ ތެރޭގައި މައްސަލަތައް ޖެހިގެން އުޅެނީ ރިޔާސީ އިންތިހާބުގެ ކުރިން ވެފައިވާ "ވައުދާއި އަހުދު" ވެރިކަމަށް އާދެވޭ ހިސާބުން ހަނދާން ނައްތާލުމުން ކަމަށެވެ. އަދި ވިދާޅުވީ އިންތިހާބުގެ ކުރިން ޕާޓީތަކުން އަމަލު ކުރާނެ ފޯމިއުލާއެއް ހަދައި އެއަށް ހުރިހާ ޕާޓީތަކުން އެއްބަސްވެފައިވާ ކަމަށާއި ނަމަވެސް އެމްޑީޕީން އެ އެއްބަސްވުމާ ހިލާފަށް މަޖިލިސް އިންތިހާބުގައި ހުރިހާ ދާއިރާއަކަށް ވާދަ ކުރަން ނިންމާފައިވާ ކަމަށެވެ.

"ރައީސް ސޯލިހު ވެސް ވިދާޅުވީ ތިމަންނަ އާއި މުހައްމަދު ނަޝީދާ ދެ ބޭފުޅުން އެމްޑީޕީގެ ގައުމީ މަޖިލީހަށް ގޮސް މިގޮތް ބަދަލު ކުރަން އެދުނަސް ނުކޮށްދޭނެއޭ. އެހެންވެ އެ ހިސާބުން އަޅުގަނޑު ދެންނެވީ އެހެންތޯއޭ. އެހެންކަމަށް ވަންޏާ ވަރަށް ދެރައޭ، އަޅުގަނޑުމެން ބޭނުންވަނީ އެއްބަސްވުމާ އެއްގޮތަށް ދާށޭ، އެހެން ނުދެވޭ ކަމަށް ވަންޏާ [އޮންނާނީ] އަޅުގަނޑުމެން އެއް ކެންޑިޑޭޓަކު އަނެއް ކެންޑިޑޭޓަކާ ދިމާލަށް އެއްޗެހި ގޮވުމާއި އަޅުގަނޑުމެން އެކަކު އަނެކަކާ ދިމާލަށް އެއްޗެހި ގޮވާ ޕާޓީތަކުގެ މެދުގައި ފަސާދަ އުފެދިގެން ދިޔުން ނޫންތޯއޭ، އެއެއް ނޫން ދެއްތޯއޭ އަޅުގަނޑުމެން ބޭނުންވާ ގޮތަކީ، އަނެއްކާވެސް ކުރިން ޖެހުނުތާ ޖެހުނީ ނޫންތޯ އޭ އަޅުގަނޑޫ ދެންނެވިން،" ގާސިމް ވިދާޅުވި އެވެ.

ރައްޔިތުން މަޖިލީހަށް ވާދަ ކުރުމާ ގުޅޭ ގޮތުން ޕާޓީން ވަކި ގޮތެއް ނުނިންމާ ލަސްކުރީ ޕާޓީތަކަށް ވަކި ގޮތަކަށް އެއްބަސް ނުވެވޭތީ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. އަދި ވިދާޅުވީ ފަހުން އެއްވެސް ބޭފުޅަކަށް އެކަމަށް ހައްލެއް ގެނެސް ނުގެނެވުމުން ޕާޓީގެ ކައުންސިލް ބައްދަލުވުމެއް ބާއްވާ ވާދަ ކުރަން ބޭނުންވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ ކަމަށެވެ. އަދި މި މަހު 25 ވަނަ ދުވަހާ ހަމަޔަށް އެ ފުރުސަތު އޮންނާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

"އެހެންވެ އަޅުގަނޑު ދެންނެވީ އެބައޮތް ހެއްޔޭ ކޯލިޝަން، އަޅުގަނޑު ނުދަންނަވަން މިހާރަކު ނެތެކޭއެއް. އަސްލަކީ އަޅުގަނޑުމެން ބިނާ ކުރި ލިޔުމުގެ މައްޗައް އަމަލުކޮށް ވެރިކަަން ކުރުން، ނަމަވެސް ވަކި ހިސާބަކަށް ދިޔުމުން އޭތި ކަނޑައި އެއްލާލީމަ ދެން ކޮބައިތޯ، އެބައޮތްތޯ؟" ގާސިމް ސުވާލު ކުރެއްވި އެވެ.

ރައްޔިތުން މަޖިލީހުގެ އިންތިހާބަށް ވާދަ ކުރާނެ ގޮތަކާމެދު އެއްބަސް ނުވެވި ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ދެ ޕާޓީ، ޖޭޕީ އާއި އެމްޑީޕީ ވަނީ އަރައިރުމާއި މައްސަލަތަކެއްގެ ތެރޭގަ އެވެ. މި ކޯޅުމުގެ ތެރޭގައި ގާސިމް ވަނީ ތަކުރާރުކޮށް އެމްޑީޕީ އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ދިފާއުގައި ވާހަކަފުޚު ދައްކަވަން ވެސް އެމަނިކުފާނު ވަނީ ފައްޓަވާފަ އެވެ.