ހަބަރު

ސިއްހީ ހިދުމަތްތައް އެއް ވިއުގައަކުން ގުޅާލުމުގެ މަސައްކަތް ފަށައިފި

މާލޭ ސިއްްހީ ދާއިރާގެ ހުރިހާ ހިދުމަތްތައް އެއް ވިއުގައަކުން ގުޅާލުމަށް ހެލްތް މިނިސްޓްރީ އާއި ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ސިއްހީ ހިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް، ސްޓެލްކޯގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ، މި މަސައްކަތް ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ.

އަލަށް ތައާރަފު ކުރެވޭ ޓެކްނޮލޮޖީގެ އެހީއާއެކު ޑޮކްޓަރަށް ދެއްކުމާއި ޑޮކްޓަރަށް ދެއްކުމަށްފަހު އެމީހާގެ މައުލޫމާތު ހިއްސާ ކުރަންޖެހޭ ހުރިހާ ފަރާތަކަށް ހިއްސާ ކުރުމަށް ފަސޭހަތަކެއް ވެގެންދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

"މިއަދު ފަށާ މި މަސައްކަތަކީ ސަރުކާރުގެ ސިއްހީ ހިދުމަތްދޭ ހުރިހާ އިދާރާތަކެއް އެެއް ވިއުގަ އަކުން ގުޅާލަ ދިނުމުގެ މަސައްކަތް. މި މަސައްކަތާއެކު އަވަސް ކަމާއި ފަސޭހަ ކަމާއެކު ޒަމާނީ އެހީގައި ސިއްހީ ހިދުމަތް ރާއްޖޭގެ ރައްޔިތުންނަށް ފޯރު ކޮށްދެވޭނެ. ހުރިހާ ކަމެއް މެނުއަލް ކޮށް ކުރުމަކީ މި ޒަމާނުގައި ސިއްހީ ހިދުމަތާ ވަރަށް ދުރު ކަމެއް. އެގޮތުން، އަލަށް ތައާރަފު ކުރެވޭ އެހީގައި ޑޮކްޓަރަށް ދެއްކުމާއި ޑޮކްޓަރަށް ދެއްކުމަށްފަހު އެމީހާގެ މައުލޫމާތު ހިއްސާ ކުރަންޖެހޭ ހުރިހާ ފަރާތަކަސް ހިއްސާ ކުރުމަށް ފަސޭހަަތަކެއް ވެގެން ދާނެ،" ހެލްތު މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އަމީން އިތުރަށް ވިދާޅުވީ، ޑިޖިޓަލައިޒް ކުރުމުގެ ސަބަބުން މާލޭގެ އިތުރުުން އަތޮޅުތަކުގައިވެސް ބޭސް ހޯދުމާއި ބޭސް ހޯދުމަށް ބޭނުންވާ ވަސީލަތް ހާމަ ކުރުމަށް ފަސޭހަ ވާނެ ކަމަށެވެ. އަދި ސަރުކާރުން ފޯރުކޮށްދޭ މި ހިދުމަތާއެކު ރާއްޖޭގެ ޕްރައިވެޓް ކުންފުނިތަކަށްވެސް އިތުރު ފަސޭހަތަކެއް ލިބޭނެ ކަމަށެވެ.

މި ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާނު، މިނިސްޓާ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މަލީހް ޖަމާލް ވިދާޅުވީ މި ހިދުމަތް ފަސޭހަކަމާއި އަވަސް ކަމާއެކު ފޯރު ކޮށްދެވުމަކީ އެ މިނިސްޓްރީގެ އަމާޒު ކަމަށެވެ. އަލަށް ތައާރަފު ކުރެވޭ ހިދުމަތުގެ ސަބަބުން ރާއްޖޭގެ ސިއްހީ ނިޒާމަށް އިތުރު ކުރި އެރުމެއް ލިބޭނެ ކަމަށާއި ފަސޭހަތަކެއް ވެގެން ދާނެ ކަމަށެވެ. އަދި މިއީ ސިއްހީ ހިދުމަތް އެހެން ހަރުފަތަކަށް ގެންދިއުމަށް ކުރެވޭ ބޮޑު މަސައްކަތެއް ކަމަށްވެސް މަލީހް ވިދާޅުވި އެވެ.

ސިއްހީ ހިދުމަތްތައް އެއް ވިއުގަ އަކުން ގުޅާ ލުމަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގައި ހިމެނޭ ވައުދެކެވެ.