ދުނިޔެ

ޑްރޯންތަކެއް ފެނިގެން އެމެރިކާގެ މައި އެއާޕޯޓަކަށް ބުރޫ އަރައިފި

Jan 23, 2019

ނިއު ޖާޒީ (ޖެނުއަރީ 23) - އެމެރިކާގެ ނިއު ޖާޒީ ސްޓޭޓްގައި އޮންނަ ބާރުބޮޑު އެއާޕޯޓެއް ކައިރިން ދެ ޑްރޯން ފެނިގެން، ފްލައިޓުތައް ވަގުތީ ގޮތުން މެދުކަނޑާލަން ޖެހިއްޖެ އެވެ.

އެ މައްސަލާގައި، ނިއުވާކް އިންޓަނޭޝަނަލް އެއާޕޯޓަށް އެވަގުތު ޖައްސަން އައި ފްލައިޓުތައް ވަނީ މަޑުޖައްސާލައިފަ އެވެ. އެ ދެ ޑްރޯން ފެނިފައިވަނީ ނިއުވާކް ކައިރީގައި އޮންނަ ކުޑަ ޕްރައިވެޓް އެއާޕޯޓަކުން ނައްޓާލި މަތިންދާ ބޯޓަކަށެވެ. އެ ޑްރޯންތައް އެ ބޯޓާއި 30 ފޫޓު ކައިރިއަށް އައި ކަމަށް ޕައިލަޓު ވަނީ ބުނެފަ އެވެ.

އެ ހާދިސާއަށް ފަހު، ނިއުވާކް އެއާޕޯޓުގެ ފްލައިޓުތައް ވަގުތީ ގޮތުން މެދުކަނޑާލީ ރައްކާތެރި ފިޔަވަޅެއްގެ ގޮތުން ކަމަށް ވަނީ ބުނެފަ އެވެ. ނިއުވާކް އަކީ އެމެރިކާގެ 11 ވަނައަށް އެންމެ ބާރުބޮޑު އެއާޕޯޓެވެ.

ޑްރޯން އުދުއްސި މައްސަލައެއް އެމެރިކާގައި ފެންމަތިވެފައިވަނީ، މިދިޔަ މަހު އިނގިރޭސި ވިލާތުގެ ދެ އެއާޕޯޓަކަށް އެކަމުގެ އަސަރުކޮށްފައިވަނިކޮށެވެ.

މިދިޔަ ޑިސެމްބަރު މަހުގެ 19 އިން 21 އަށް ގެޓްވިކް އެއާޕޯޓް ބަންދުކުރުމުގެ ސަބަބުން، ގާތްގަނޑަކަށް 1،000 ފްލައިޓް ވަނީ ކެންސަލް ކުރަންޖެހިފަ އެވެ. ސަލަމާތީ ސަބަބުތަކަށްޓަކައި ގެޓްވިކް އެއާޕޯޓު ރަންވޭ ބަންދުކުރުމުން، 140،000 އަށް ވުރެ ގިނަ މީހުންނަށް ނުފުރި ތާށިވި އެވެ.

މިކަމުގައި، އެއާޕޯޓްތަކުގެ ރައްކާތެރިކަމާއި ގުޅޭގޮތުން ވެސް މިހާރު ވަނީ ސުވާލު އުފައްދައިފަ އެވެ. މިގޮތުން، ޑްރޯން ހުއްޓުވުމަށް އާ ވަސީލަތްތަކާއި ބާރުތައް ކަމާބެހޭ ފަރާތްތަކަށް ދިނުމުގެ މަސައްކަތް އިނގިރޭސި ވިލާތުން ދަނީ ކުރަމުންނެވެ.