ބޮލީވުޑް

ކުރީގެ ލޯބިވެރިޔާއާއެކު ފިލްމު ކުޅެވިދާނެ: އަންކިތާ

މާދަމާ ރިލީޒް ކުރާ ފިލްމު މަނީކަރްނިކާ އިން ބޮލީވުޑަށް ތައާރަފުވާ ބަތަލާ އަންކިތާ ބުނާ ގޮތުގައި ކުރީގެ ލޯބިވެރިޔާ ސުޝާންތު ސިންގް ރާޖްޕުޓްއާއެކު މަސައްކަތް ކުރަން އޭނާ ތައްޔާރު ހުރީ ތައްޔާރަށެވެ.

މި ފިލްމާ ބެހޭގޮތުން ޓައިމްސް އޮފް އިންޑިއާ އަށް ދިން އިންޓަވިއުއެއްގައި އަންކިތާ ބުނީ ސުޝާންތު އާއެކު ފިލްމެއްގައި މަސައްކަތްކޮށްލަން އޭނާ އަށް އެއްވެސް މައްސަލައެއް ނެތެވެ. އެކަމަކު އެ ފިލްމުގެ ސްކްރިޕްޓު ރަނގަޅު ވާން ޖެހޭނެ ކަމަށްވެސް އޭނާ ބުންޏެވެ.

"އެކްޓަރަކަށް ވެގެން ހުރެ އަހަރެންގެ އެއްވެސް މަައްސަލަ އެއް ނެތް، ސްކްރިޕްޓު ރަނގަޅު ވިއްޔާ އަހަރެން މިހުރީ މަސައްކަތް ކުރާ ގޮތަށް،"

ޒީޓީވީ އިން 2009 ގައި ދެއްކި ޑްރާމާ "ޕަވިތުރަ ރިޝްތާ" އިން ބެލުންތެރިންގެ މަގުބޫލުކަން ހޯދި ބަތަލާ އަންކިތާ ލޮކަންޑޭ އާއި ކުރީގެ ލޯބިވެރިޔާ ސުޝާންތު ސިންގ ރާޖްޕުޓް ގެ ޖޯޑަކީ އެދުވަަސްވަރު ހުރިހާ އެންމެންގެ "ފޭވަރިޓް" ޖޯޑެވެ. އަދި ޓީވީ ޝޯ އެއްގައި ދެމީހުންގެ ލައިވް އެންގޭޖްމަންޓަށްފަހު އެ ޖޯޑަށް ސަޕޯޓު ކުރި އެންމެންވެސް އުއްމީދުކޮށްގެން ތިބީ ކައިވެނީގެ ގޮށް ޖަހާލާނެ ދުވަހަކަށެވެ. އަންކިތާ އާއި ސުޝާންތުގެ ގުޅުން ނިންމާލީ 2016 ވަނަ އަހަރު އެވެ.

ފިލްމު "ކައި ޕޯ ޗޭ" އިން 2013 ގައި ބޮލީވުޑް އަށް ނިކުތް ސުޝާންތު ވަނީ ބޮލީވުޑްގެ ބްލޮކްބަސްޓާ ފިލްމެއްވެސް ކުޅެފަ އެވެ. އިންޑިއާ ކްރިކެޓު ޓީމުގެ ކެޕްޓަން އެމް.އެސް. ދޯނީ ގެ ހަޔާތުގެ މައްޗަށް ބިނާ ކޮށް ހެދި ފިލްމަކީ ސުޝާންތުގެ ފިލްމީ ހަޔާތް ބަދަލުކޮށްލި ފިލްމަކަށެވެ. ބޮލީވުޑްގެ ހަބަރުތައް ބުނާ ގޮތުގައި އޭނާ މިހާރުވެސް އަންނަނީ އެހެން ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ.

މިދެ ތަރިންގެ ޖޯޑަކީ ޓީވީ ސްކްރީނުގައި އެންމެ މަގުބޫލު އެއް ޖޯޑެވެ. އަދި ބޮލީވުޑްގެ ފިލްމަކުން އަލުން މި ޖޯޑު ފެނިލުމަކީ ވަރަށް ގިނަ ބައެއްގެ އުއްމީދަށް ވާނެ ކަމެއް ކަމަށް ގިނަ ބަޔަކު ބުނެ އެވެ.