ވާހަކަ

ވާހަކަ: ފައިލަސޫފި

 

ޗެޕްޓާ 4: އަލިމަނިކުފާނުގެ ވާހަކަ

މިންވަރުކުރައްވާ ނިއުމަތްތަކަށް ޝުކުރުވެރިނުވާ މީހާ އަށް މާތް ރަސްކަލާނގެ ކޯފާ ޖައްސަވަތެވެ. އެމީހަކަށް ހަލާކުހުއްޓެވެ. އެމީހަކު ވާހުށީ ބަދުނަސީބުވެރިންގެ ތެރޭގަ އެވެ.

އަލިމަނިކުފާނަށް ހައްދަވައިގެން ކުރައްވަން އެނގިވަޑައިނުގަންނަވާ ކަމެއް ދުނިޔެމަތީގައި ވެސް ނެތެވެ. އޭނާ އަކީ އެންމެ ފުރަތަމަ އެހައި ވެސް ބޮޑު ނަސީބުވެރިއެކެވެ.

މާވަޑިއަކަށް ކުޅަދާނަކަމުން އަރަބި ކަރައިގެ ރަށްތަކުގެ މަޝްހޫރު ވިޔަފާރިވެރިން ވެސް އައީ އޭނާގެ ގާތަށެވެ. ނުވަތަ އެމީހުންގެ ރަށްތަކަށް އޭނާ ގެންގޮސްގެން އޮޑިދޯނިފަހަރު ބެނުވީ އެވެ.

ޔަމަންގެ މަޝްހޫރު ސައުދާގަރަކު އޭނާގެ އުފަލާއި އަރާމަށް ދުނިޔެ ވަށައި ބުރެއް ޖެހުމަށް ކުރި ދަތުރެއްގައި ރަނާއި ޖަވާހިރުން ބޮޑު އަގު ދީގެން އަލިމަނިކުފާނު އޭގެ ކައްޕިތާނަކަށް ހަމަޖެއްސީ ނިއަމި ކަމަށް އެވަރުގެ ދެ ވަނަ ދަރިއަކު އަރަބި ކަރައިން ފެށިގެން މަހަލްދީބާ ހަމައިން ވެސް ނުފެނިގެންނެވެ.

އަލިމަނިކުފާނުގެ ހަޔާތް ތާ އަބަދަށް ބަދަލުކޮށްލި އާދަޔާހިލާފު ދަތުރަކީ މިއީ އެވެ. އެމީހުންގެ މި ދަތުރު ފެށީ ޔަމަންގެ އަދަނުގެ ރަށް ބޭރުންނެވެ. ފުރައިގެން ގޮސް މަޑަގަސްކަރޭ ކިޔުނު ބަބުރު ޖަޒީރާއެއްގެ އައްސޭރި ފަށުން ލާފައި ގޮސް ދެކުނު ބިތަށް ނުކުމެ ހަސަތޭކަ އެތައް ދުވަހެއް ފަހުން ދަތުރު ނިންމާލާފައި ގޮސް ސީނު ކަރަ އާއި ސިލޯނާއި މަހަލްދީބުގެ އަޖާއިބުތައް ބަލަމުން ލަކްޝަދީބަށް ވަނީ އެވެ.

އަޖާއިބުން ފުރިގެންވާ ހަޒާނާއެއް ފޮރުވިފައިވާ ކަމަށް ބުނެވޭ ރަށެއް އަލިމަނިކުފާނަށް ދެއްކީ ޔަމަނުގެ މި ސައުދާގަރެވެ. އެއީ އެ މީހުންގެ ދަތުރު ނިންމާލާފައި ލަކްޝަދީބުގެ އުތުރު ބިތުން ޔަމަނަށް އެނބުރި ދިޔަ މަގުމަތީގަ އެވެ. 

"އެހެންވީމަ އަހަރެމެން އެ ރަށަށް ނުދާންވީ ކީއްވެގެން ހެއްޔެވެ؟،" އެ ރަށާ ބެހޭ އަޖާއިބުތައް ކިޔައިދިނުމުން އަލިމަނިކުފާނު އެއްސެވެ.

"އެއީ ދެވޭ ވަރުގެ ރަށެއް ނަމަ އަހަރެން އެ ރަށަށް ނުގޮސް ހުންނާނެ ހެއްޔެވެ؟ އަހަރެން މި އައީ ކަލޭ ގޮވައިގެން ދުނިޔެ ވަށައިގެން ދަތުރުކޮށްފަ އެވެ؟،" އަލިމަނިކުފާނުގެ ހިތުގައި އުފެދުނު ސުވާލަށް ސައުދާގަރު ދިން ޖަވާބަކީ މިއީ އެވެ.

ނަމަވެސް އެ ޖަވާބަކުން އޭނާގެ ހިތެއް ނުފުރުނެވެ. އެހެން ނަމަވެސް އެ ރަށާ ބެހޭ ގޮތުން އިތުރު ސުވާލެއް ނުކޮށް ސައުދާގަރާ އެކު ގޮސް ޔަމަނުގެ އަދަނުގައި އެމީހުންގެ އޮޑި ބަނދަރުކުރީ އެވެ.

އަލިމަނިކުފާނުގެ ވަފާތެރިކަމަށް ސައުދާގަރުގެ ބަނޑުއޮޑީގެ ތެރެއިން އެންމެ ދުވެލި ބާރު އޮޑި ހަދިޔާ އަކަށް އެރުވީ އެވެ. އިންސާނެއްގެ ހިތް މިވަރުން ފުރޭނެ ކަމަށް ބުނެ ރަނާއި ރިހި ވެސް ދިނެވެ.

ނަމަވެސް އިންސާނެއްގެ ހިތެއް ދުވަހަކު ވެސް ފުރޭނެ ހެއްޔެވެ؟

އަޖާއިބުން ފުރިގެންވީ އެ ރަށާ ބެހޭ ގޮތުން އަލިމަނިކުފާނު އަލުން ވިސްނަން ފެށީ އޭނާގެ އަމިއްލަ ވަޒަނަށް އެނބުރި ދިޔަ މަގުމަތީގަ އެވެ.

"އަހަރެން މިއީ އެންމެ ކުޅަދާނަ ނިއަމި އެވެ."

"އެންމެ މުއްސަނދި ސައުދާގަރުންނާއި މަޝްހޫރު ކައްޕިތާނުންނަށް އެ ރަށަށް ދާން ނޭނގުނަސް އަހަރެން އެކަމުގައި ކާމިޔާބު ހޯދާނަމެވެ."

ރިޔާކޮށިކުރަމުން ގޮސް މަލިކުގެ އައްސޭރިފަށަށް ވަންއިރު އަލިމަނިކުފާނުގެ ހިތަށް އަރައި ފައިބަމުން ދިޔައީ މިފަދަ ހިޔާލުތަކެކެވެ. އެއަށް ފަހު ގެއަށް ގޮސް އެނދަށް އަރައި ބުރަކަށި ޖައްސާލައިގެން ވެސް އަލިމަނިކުފާނުގެ ހިތަށް ހަމަޖެހުމެއް ލިބޭ ގޮތެއް ނުވި އެވެ.

ފަހަރެއްގައި ހަޒާނާއަކަށް ދަހިވެތިވެގެން ގޮސް އަލިމަނިކުފާނުގެ ހިތާއި ނަފުސު އެކުގައި ނުތާރިހުވީ އެވެ. ދުނިޔެ އަކީ އެކަހަލަ ތަނެކެވެ. އިންސާނުންނަކީ އެކަހަލަ ބައެކެވެ. އަމިއްލަ އެދުމާއި ދުނިޔޭގެ އަރާމާއި މުދާވެރިކަމަށް ދަހިވެތިވެގެން ގޮސް ހަލާކުވެ ނުދަނީ ކޮން އާދަމުގެ ދަރިއެއް ހެއްޔެވެ؟

އެންމެފަހުން އަލިމަނިކުފާނަށް ވެސް ކެތްނުކުރެވިގެން ގޮސް ދަހިވެތިކަމުގެ މި ދަތުރު ފެށީ އެވެ.

މިންވަރުކުރައްވާ ނިއުމަތްތަކަށް ޝުކުރުވެރިނުވާ މީހާ އަށް މާތް ރަސްކަލާނގެ ކޯފާ ޖައްސަވަތެވެ. އެމީހަކަށް ހަލާކުހުއްޓެވެ. އެމީހަކު ވާހުށީ ބަދުނަސީބުވެރިންގެ ތެރޭގަ އެވެ. މާތް ރަސްކަލާނގެއީ އެކަލާނގެ ކޯފާ ގަދަފަދަވެގެންވާ ރަސްކަލާނގެ އެވެ.

ހަޒާނާ ފޮރުވިފައިވީ ރަށުގެ މަލަމަތި ދައްކާލުމުން މަކުތަބުން ދަސްކުރި މި ހުރިހައި އެއްޗެއް މަތިން އަލިމަނިކުފާނު ހަނދާން ނެތިގެން ދިޔައީ އެވެ. އަދި ރާ ހުސްނުވާ ރުއްދަނޑުތަކާއި ރަނާއި ޖަވާހިރުން ފުރިފައިވީ ވާދީތައް ފެނި އަލިމަނިކުފާނު ދެ ދުނިޔެއިން މޮޔަކޮށްލީ އެވެ.

ނަމަވެސް އެއިން އެކައްޗެއްގައި ވެސް އޭނާ އަށް އަތެއް ނުލެވުނެވެ.

"އެއީ ކީއްވެގެން ތޯ އެވެ؟"

"މި އަޅާގެ ކުށަކީ ކޮބައި ތޯ އެވެ؟"

އެންމެފަހުން ދެ ކަކޫ މައްޗަށް ވެއްޓި އަލިމަނިކުފާނު ރޮއި ހޭރި އާދޭސް ދަންނަވައިގަތެވެ. ގަދަކީރިތިވަން ރަސްކަލާނގެއެއް ވޮޑިގެންވާކަމުގެ އިހްސާސް އަލުން ކުރެވުނީ އެވެ.

އެކަމަކު އޭރު ވަގުތު ފާއިތުވެއްޖެ އެވެ. އޭރު ރާރުއްތައް ވެސް އޭނާ އަށް މަލާމާތްކުރާ ކަހަލަ އެވެ.

"ކަލޭ އައި ތަނަކަށް އެނބުރި ދާށެވެ. ތިހިރަ މުޑުދާރުކަމާ އެވެ."

"ކަލެއަށް ހަލާކު ހުއްޓެވެ. ތިހިރަ މުޑުދާރުކަމާ އެވެ."

އަލިމަނިކުފާނުގެ ކުށަކީ ސިހުރުވެރިޔަކަށް އޭނާ ހިފި ބައިތެވެ. ހަޒާނާގެ ރަށް ހޯދުމަށް އަމިއްލަ އަށް ކުރި މަސައްކަތް ކާމިޔާބުނުވެގެން އޭނާ އެންމެފަހުން ނުބައި ސިހުރުވެރިއެއްގެ ކުރިމަތީގައި ދެ ކަކޫ ޖެހީ އެވެ. މާތް ރަސްކަލާނގެ ނޫން އެހެން ފަރާތަކަށް ސަޖިދަކުރީ އެވެ.

އެކަމަކު މިހުރިހައި ނުބައި ކަމެއްގެ ތެރެއަށް ވެއްޓިގެން ވެސް އާހިރުގައި އޭނާ އަށް ލިބުނު މޮޅެއް ނެތެވެ. ލިބުނީ ކެއްސެވެ. ވީ ބަދުނަސީބުވެރިޔަކަށެވެ.

"ދެ ދުނިޔޭގެ ހަލާކު ކަލެއަށް އިންތިޒާރު ކުރަނީ އެވެ." ޖެހެމުން ދިޔަ ގަދަ ވަޔާ އެކު ދެ ކޮޅަށް ހޫރި ހެމުން ދިޔަ ރާރުއްތައް ބުނީ މިހެންނެވެ.

ހުސް އަތާ އެނބުރި މަލިކަށް ދިޔައިރު ކަނޑުފޭރޭ ރަސްގެފާނުގެ ގޮތުގައި ލަކްޝަދީބަށް މަޝްހޫރުވެފައިވާ ކައްޕިތާނު މުހައްމަދު ބިބީގެ ލަޝްކަރުތަކުން މަލިކު ހިފައި ލޫޓުވައި ހުރިހައި އެއްޗެއް އެމީހުންގެ ބާރުގެ ދަށަށް ގެންގޮސް ރަސްގެފާނު ކަތިލައި ހިރިގަލުގެ ގަނޑުވަރުގައި އެމީހުންގެ ދިދަ ނަގައިފި އެވެ.

"ހުރި ހަލާކެއްގެ ބޮޑުކަމާ އެވެ."

މިހެން ހިތަށް އަރައި ވަގު ޖަހަމުން ގޮސް ރަށަށް އެރި ތަނުން އަލިމަނިކުފާނާ ދިމާކޮށްލީ އެއް ކަހަލަ ނުބައި ސިހުރުކަލޭގެ އެވެ.

"ކަލޭގެ އަތުގައި އެކައްޗެއް ވެސް ނެތެވެ. އެނބުރި ތިޔައީ ވެސް ހުސް އަތާ އެވެ. އެހެންވީމަ އެ ރަށުގެ ރުކަކުން ރާ ބާލައިގެން ކަލޭގެ ބަނޑު ނުފުރެނީސް ދުވާލުގެ އިރުގެ އަލިކަން ފެންނަ ހިސާބަކަށް ނުކުންނަން ކަލެއަކަށް ލާހިކެއް ނޫނެވެ."

މިހެން ކިޔައި އަލިމަނިކުފާނަށް ބަދުދުއާކޮށް ސިހުރު ކަލޭގެ ފިލައިފި އެވެ.

އިރު އޮއްސިއްޖެ އެވެ. ވަގު ފިޔަވަޅު ނަގަމުން ގޮސް ގެއަށް ވަންއިރު އަންހެނުންގެ ހަށިގަނޑުގައި ބޯ އަޅައިގެން ތިބެ ދެ ދަރިން ރޮށީ އެވެ. މުހައްމަދު ބިބީގެ މީހުންތައް ގެއަށް ވަދެ އަލިމަނިކުފާނުގެ މުދާތައް ލޫޓުވާލައިގެން ދިޔައިރު އޭނާގެ އަންހެނުންގެ އިތްފަތް ވެސް ލޫޓުވައި ފުރާނަ ވެސް ލޫޓުވާލީ އެވެ.

ހަދާނެ ގޮތް ހުސްވުމުން ދެ ކަކޫ މައްޗަށް ތިރިވެ އަލިމަނިކުފާނަށް އަޑުން އަޑު ނަގައި ރޮއިގަނެވުނީ އެވެ.

އެރި އިރާ އެކު އޭނާ ނުކުތީ މުހައްމަދު ބިބީއާ ކުރިމަތިލާށެވެ. އަތުގައި ޖެހުނު އެންމެ ތޫނު ހަތިޔާރަކީ އެ ރޭ އަންހެނުން ވަޅުލުމަށް ވަޅުކޮންނަން ބޭނުންކުރި ފަކީރާ އެވެ.

ނަމަވެސް ގެއިން ބޭރަށް ނުކުމެގެން އަލިމަނިކުފާނަކަށް މާ ދުރަކަށް ނުދެވުނެވެ. އަވީގައި ޖެހުނުތަނާ މުޅި ގަޔަށް ހޫނުވެގެން ގައިން ދުން އަރަން ފެށީ އެވެ. އަނދައިދާނެހެން ހީވި ހިނދު އަލިމަނިކުފާނު ބިރުން ދުވެފައި ގޮސް ގެއަށް ވަދެ ފިލައިފި އެވެ.

އެ ހިސާބުން އާންމުންގެ ލޯތަކަށް އަލިމަނިކުފާނު ގެއްލުނީ އެވެ. އޭނާ އެއީ ނެތް މީހަކަށް ބަދަލުވީ އެވެ.

އަލިމަނިކުފާނު ދެން ފާޅުވާން ފެށީ ރޭގަނޑުގެ ވަގުތުތަކުގައި އެކަންޏެވެ. އެއީ ހަނދު ފެންނަ ހިސާބަށް ނުކުމެ، ހަނދުވަރުގެ އަލީގައި މާތް ރަސްކަލާނގެ އަށް ކުއްތަންވެ މި ބަލާވެރިކަމުން މިންޖުކޮށްދެއްވާތޯ އެ ކަލާނގެ ހަޟުރަތުގައި ދުއާ ދެންނެވުމަށެވެ.

އޭރު ރަށު ތެރެއަށް ދުވާލު ގަޑީގައި ނުކުމެ ހިނގާނުހިނގާ އަލިމަނިކުފާނަށް ގެނެސްދެނީ އޭނާގެ ދެ ދަރިންނެވެ. އެކަކަކީ މޫސާ އެވެ. އޭނާ މަޝްހޫރުވެފައި ވަނީ ރަށު މީދާގެ ނަމުންނެވެ. ދެން ހުރީ އަންހެން ކުއްޖެކެވެ. އެއީ އައިމިނަ އެވެ.

އަލިމަނިކުފާނާއި އޭނާގެ ދެ ދަރިން ބަނޑަށް ލާނެ އެއްޗެއް ހޯދަމުން ދިޔައީ މި ދެ ދަރިންގެ މަސައްކަތުންނެވެ. މޫސާގެ މަސައްކަތްތަކީ ރަށާ ބެހޭ ގޮތުން މީހުންނަށް ނޭނގޭ އާދަޔާހިލާފު ވާހަކަތައް ކިޔައިދިނުމެވެ. އައިމިނަ ވިއްކީ ބޮކަރު މަލާއި އޭގެ ހާރެވެ.

އަލިމަނިކުފާނުގެ ދުޢާ އިޖާބަކުރައްވައިފި ކަމުގެ އަލާމާތެއް އޭނާ އަށް ދެއްކެވީ މި ދިރިއުޅުމަކަށް އާދަވެ އޭނާގެ ދެ ދަރިން ބޮޑުވިފަހުންނެވެ.

ފެނުނީ ހުވަފެނެކެވެ. ރާރުކެއް ދަށުގައި އާފުރެން އިން ޒުވާނެކެވެ.

"ރާރުކެއް ދަށު އާ ފުރެން އިން ޒުވާނަކުން ކުރާނީ ކީއްހެއްޔެވެ؟،" އަލިމަނިކުފާނުގެ ހިތަށް އެރީ މިހެންނެވެ.

"އޭނާ އެއީ ކަލޭގެ ދަތުރަށް އިހްތިޔާރުކުރެވިފައިވާ ޒުވާނާ އެވެ،" ޖެހިގެން އައި ރޭގެ ހުވަފެނުގައި ބައްދަލުވި މީހަކު ބުނެތެވެ.

"ކަލޭ ގޮވައިގެން ރަލުގެ ސުވަރުގެ އަށް ގެންގޮސްދޭނޭ ޒުވާނާ އަކީ އެއީ އެވެ." ދެން ވެސް އެ މީހަކު ބުނެތެވެ.

"އެތަނުގެ ރުއްތަކުން ދޭނީ އާދަޔާހިލާފަށް މީރު ރަލެވެ. ބަނޑުފުރައި ކަލޭ އެ ރާ ބޯށެވެ. އެކަމަކު ހަނދާންކުރައްޗެވެ. އެ ޒުވާނާ އަކީ ކަލޭ ފަދަ ކުޅަދާނަ ނިއަމިއަކަށް ވުމުގެ ހުވަފެން ދެކޭ ޒުވާނެކެވެ."

އެ ބުނި އެއްޗެއްގެ މާނަ ވިސްނިގެން މި ހުވަފެނެއްގެ ވާހަކަ އަލިމަނިކުފާނު އޭނާގެ ދެ ދަރިންނަށް ވެސް ކިޔައިދީފި އެވެ. ދުވާލުގެ ގަޑިތަކުގައި އެ ދެ މީހުންނާ ރަށު ތެރެއިން އެތައް ބައިވަރު ބަޔަކާ ދިމާވާތީ އެވެ. ފަހަރެއްގައި އެ ޒުވާނާއާ ވެސް ބައްދަލުވެދާނެތީ އެވެ.

ނަމަވެސް ސަތޭކަ ދުވަސް ފާއިތުވެގެން ދިޔައިރު ވެސް ހުވަފެނުން ފެނުނު ޒުވާނާގެ ޚަބަރެއް އަލިމަނިކުފާނަކަށް ނުވި އެވެ. އެކަމަކު ދެން އައި ސަތޭކަ ވަނަ ދުވަސް އައީ އުފާވެރި އެ ޚަބަރާ އެކުގަ އެވެ.

"ބައްޕާ އެވެ. ހުވަފެނުގައި ފެނުނު ޒުވާނާ އަކީ ކާކުކަން އެނގިއްޖެ އެވެ.،" ދުވެމުން ފުމެމުން އައި ފިރިހެން ދަރި އެ ދުވަހު ހޮރުހޮރުތަކުން ދެމެމުން އައިސް އަލިމަނިކުފާނަށް ދިން އުފާވެރި ޚަބަރަކީ މިއީ އެވެ.

އޭގެ ފަހުން އަދަށް އަނެއްކާވެސް ސަތޭކަ ދުވަސްވީ އެވެ.

އަލިމަނިކުފާނާއި އޭނާގެ ދެ ދަރިން ދަތުރުކުރަމުން އެ ގެންދަނީ ރަލުގެ ސުވަރުގެ އަށެވެ. މި ދަތުރުގައި އެމީހުންގެ ބައިވެރިޔަކީ އަދި ކައްޕިތާނަކީ ރާވެރިބޭގެ ދަރި އިސްމާއީލުފުތެވެ. (ނުނިމޭ)