ވިޔަފާރި

އިމާރާތް ކުރުމުގެ ގަވާއިދުތަކަށް މަސީގެ ޕްރޮފެޝަނަލް ލަފާ ދެނީ

ރާއްޖޭގެ އިމާރާތް ކުރުމުގެ ދާއިރާއަށް ހާއްސަކޮށް ތައްޔާރު ކުރާ 13 ގަވާއިދަށް، މޯލްޑިވްސް ނޭޝަނަލް ކޮންސްޓްރަކްޝަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެމްއެންއޭސީއައި) އިން ޕްރޮފެޝަނަލް އޮޕީނިއަން ދޭން ބައްދަލުވުމެއް ބާއްވައިފި އެވެ.

އިމާރާތް ކުރުމުގެ ދާއިރާގެ ގިނަ ކުންފުނިތަކެއް ތަމްސީލް ކުރާ ކުރީގެ އެސޯސިއޭޝަން އޮފް ކޮންޓްރަކްޝަން އިންޑަސްޓްރީ (މަސީ) އަދި މިހާރުގެ އެމްއެންއޭސީއެ ނައިބު ރައީސް އަދުނާން ހަލީމް ވިދާޅުވީ މިދިއަ ހޮނިހިރު ދުވަހު ބޭއްވި މި ބައްދަލުވުމުގައި އެ ޖަމިއްޔާގެ ކުންފުނިތަކުން 50 އަށްވުރެ ގިނަ މެންބަރުން ބައިވެރިވި ކަމަށެވެ.

"މި ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ އިމާރާތް ކުރުމުގެ ދާއިރާއަށް ތައްޔާރު ކުރާ ގަވާއިދުތަކަށް އަޅުގަނޑުމެންގެ ހިޔާލު ތައްޔާރު ކުރުން. މިއީ ވަރަށް ކާމިޔާުބު މަސައްކަތެއްގެ ގޮތުގައި މި ދިޔައީ،" އަދްނާން ވިދާޅުވި އެވެ.

ދަރުބާރުގޭގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި ކޮންޓްރެކްޓަރުންނާއި އިންޖިނޭރުން އަދި އިމާރާތް ކުރެހުންތެރިންނާއި މި ނޫންވެސް މިދާއިރާގެ ޓެކްނިކަލް ބޭފުޅުން ބައިވެރި ވަޑައިގަތެވެ.

އެ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވައި ފޯރަމްގެ ބައިވެރިންނަށް ސެޓްފިކެޓް ދެއްވީ މަސީގެ ކުރީގެ ރައީސް އަދި އޭޝިއަން އެންޑް ވެސްޓާން ޕެސިފިކް ކޮންޓްރެކްޓާސް އެސޯސިއޭޝަން (އިފޮޕްކާ) ގެ މިހާރުގެ ރައީސް މުހައްމަދު އަލީ ޖަނާހެވެ.

"އަޅުގަނޑުމެން މި މަސައްކަތް ފުރިހަމަކޮށް އިރާދަ ކުރެއްވިއްޔާ ހުރިހާ ޑްރާފްޓްތަކެއް ވެސް ހޯމަ ދުވަހު ސަރުކާރަށް ހުޅަހަޅާނަން،" އަދުނާން ވިދާޅުވި އެވެ.

އިމާރާތް ކުރުމުގެ ދާއިރާއަށް ކޮންމެހެން ބޭނުންވާ ގަވާދުތައް ހަދަން ސަރުކާރަށް މަޖުބޫރުވި މައިގަނޑު އެއް ސަބަބަކީ މި މަހުގެ ކުރީކޮޅު ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝަންގެ ރައްޔިތެއްގެ ކުޑަ ކުއްޖަކު މަރުވުމާއި ގުޅިގެންނެވެ. އެ މައްސަލަ ފެންމަތިވުމާއެކު، ސިވިލް ކޯޓުން ވަނީ އިމާރާތް ކުރުމުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވައިދުތައް ވަކި މުއްދަތެއްގެ ތެރޭގައި ހަދަން އަމުރުކޮށްފަ އެވެ.

މިގޮތުން ހަދަން ޖެހޭ ގަވާއިދުތައް:

  • އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ކުރުމުގައި ގެންގުޅެން ޖެހޭ ސަލާމަތީ މިންގަނޑުގެ ގަވައިދު
  • އިމާރާތް ކުރުމުގެ ހުއްދަ ދޫކުރާ އިދާރާތައް ރަޖިސްޓްެރީ ކުރުމުގެ ގަވައިދު
  • ޕްލޭނިން ގަވައިދެއް ނެތް ރަށްރަށާއި ފަޅުފަޅުގައި އިމާރަތް ކުރަންވީ ގޮތުގެ ގަވައިދު
  • އިމާރާތް ކުރުމާ ބެހޭ އިދާރީ ގަވައިދު
  • އިމާރާތް ކުރުމާ ގުޅޭ ފަރާތްތަކަށް ނިސްބަތްވާ ފަންނީ ޖަމިއްޔާތަކުގެ ގަވައިދު
  • އިމާރާތް ކުރުމުގެ ދާއިރާގައި މަސައްކަތް ކުރާ ފަންނުވެރިންގެ ގަވައިދު
  • އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ކުރާ ފަރާތްތަކުގެ ގަވައިދު
  • އިމާރާތް ކުރުމުގެ ގާނޫނާއި ގަވައިދުގެ ދަށުން ނިންމާ ކަންކަން އިސްތިއުނާފް ކުރުމުގެ ގަވައިދު
  • އިމާރާތް ކުރުމަށް ބޭނުން ކުރާ ތަކެތި އެތެރެ ކުރުމާއި އުފެއްދުން ކޮންޓްރޯލް ކުރާ ގަވައިދު
  • އިމާރާތް ކުރުމުގެ މަސައްކަތަށް ބޭނުން ކުރާ ތަކެއްޗާއި ތަކެތި ޓެސްޓު ކުރާ ފަރާތްތަކުގެ ގަވައިދު
  • އިމާރާތް ކރުުމަށް ބޭނުން ކުރާ ތަކެތި ޓެސްޓު ކުރުމުގެ ގަވައިދު
  • އިމާރާތް ކުރުމުގެ ފަންނީ އަދި ޓެކްނިކަލް ދާއިރާތަކުގެ އިލްމީ ޕްރޮގްރާމްތަކުގެ ގަވައިދު
  • ބިލްޑިން ކޯޑު

އިމާރާތް ކުރުމުގެ ސަލާމަތީ ކަންތައް ވަރުގަދަ ކުރަން މަސައްކަތް ފަށާފައިވާއިރު، މަސީއިން މީގެ ކުރިން ވަނީ ބިލްޑިން ކޯޑެއް ތައްޔާރު ކޮށްނެރެފަ އެވެ.