ބޮލީވުޑް

"ލަވް އާޖްކަލް 2"ގައި ސާރާ ފެންނާނީ ބައްޕަ ސައިފާއެކު

ސައިފް އަލީ ޚާންގެ ދަރިފުޅު، ސާރާ އަލީ ޚާން ބޮލީވުޑްއަށް ނިކުތުމުން ބޮޑު ތަރުހީބެއް ލިބުނެވެ. އޭނާ މިދިޔަ އަހަރު ކުޅެފައިވާ ދެ ފިލްމު "ސިމްބާ" އާއި "ކެދާރްނާތު" ގައި ދެއްކި މޮޅު އެކްޓިންގ އަށް ފަހު، ބޮލީވުޑްގެ އެންމެ މޮޅު ޕްރޮޑިއުސަރުން ދަނީ އެކި ފިލްމުތަކުން އޭނާ އަށް ޖާގަ ދެމުންނެވެ.

ސާރާ މިހާރު އަންނަނީ ފިލްމު "ލަވް އާޖް ކަލް" 2 ގެ މަސައްކަތް ކުރަމުންނެވެ. މިއީ ސާރާގެ ބައްޕަ ސައިފް އަލީ ޚާން އާއި ދީޕިކާ ޕަޑުކޯން 2009 ވަނަ އަހަރު ކުޅެފައިވާ ފިލްމު "ލަވް އާޖް ކަލް"ގެ ދެވަނަ ބައެވެ. ބޮލީވުޑްގެ އެންމެ ފަހުގެ ހަބަރުތައް ބުނާ ގޮތުގައި މި ފިލްމުގައި ސާރާގެ ބައްޕަގެ ރޯލު ކުޅޭނީ ފުރަތަމަ ފިލްމުގައި ބަތަލުގެ ރޯލުން ފެނުނު އޭނާގެ އަސްލު ބައްޕަ އެވެ.

ސާރާ އާއި ސައިފްގެ އޮން ސްކްރީން ފުރަތަމަ ފިލްމަށް މި ފިލްމު ވާއިރު ދާއިރު، މިއީ ސާރާ ބޮލީވުޑްގައި ފައި ހަމަ ކޮށްލުމަށް ލިބޭ ބޮޑު ފުރުސަތެކެވެ. މިހާރު އޭނާ އަށް ލިބޭ ތަރުހީބު ދެގުނަ އިތުރުވެގެން ދާނެ ކަމަށްވެސް ބޮލީވުޑްގެ ރިޕޯޓުތައް ބުނެ އެވެ.

އިމްތިޔާޒް އަލީގެ ޑައިރެކްޝަންގެ ދަށުން އުފައްދާ މި ފިލްމުގައި ސާރާ އާއެކު ބަތަލުގެ ރޯލުން ފެންނާނީ ކާރްތިކް އާރްޔަން އެވެ. ފިލްމުގެ ޝޫޓިންގް ފެށުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.