ލައިފްސްޓައިލް

ދިވެހިންގެ ދިރިއުޅުން ހޮލީވުޑަށް!

ރާއްޖޭގެއަކީ "ސަނީ ސައިޑް އޮފް ލައިފް" އެވެ. މި ސަނީ ސައިޑް އޮފް ލައިފްގެ އަވީގައި ޖެހިލުމަށް ކޮންމެ މީހެއްވެސް ގިނަފަހަރަށް އަންނަނީ ރާއްޖޭގެ ހިތްގައިމު ރިސޯޓަކަށެވެ. ލައްކައިން ހަރަދުކޮށްލާފައި ދަނީ "ރިސޯޓު ލައިފް" ދެކިލާފަ އެވެ. ކަނޑުއަޑީގެ ގުދުރަތީ ރީތިކަން ދެކިލުމަށް ސްނޯކްލިންގް އަށް ގޮސްލާ، މޫދުގައި އުޅޭ މަޑިތަކަށް އަތުން ކާންދީ އެ ހިތްހަމަޖެހުމުގައި ހަފްތާއެއް ހޭދަކޮށްލުމަށްފަހު ދަނީ އެވެ. ރާއްޖޭގެ ރިސޯޓަކަށް އެންމެ ފަހުން އައި މަޝްހޫރު ތަރިންގެ ތެރެއިން ލިންޒީ ލޯހަން އޭނާގެ ޗުއްޓީ ހޭދަކުރި ގޮތް އެންމެންގެ ލޮލުގައި އަޅައިގަތީ ވަރަށް ތަފާތު ވީމަ އެވެ.

ހޮލީވުޑްގެ ތަރި، ލިންޒީ ލޯހަން ރާއްޖެ އައީ މިދިޔަ ބުދަ ދުވަހު އެވެ. ރާއްޖޭގެ ފަސް ތަރީގެ ރިސޯޓު އަމިއްލަ ފުށީގައި ޗުއްޓީ ހޭދަކުރަމުން ދިޔައީ އޭނާގެ ކޮއްކޮ އަލިއާނާ ލޯހަން އާއެކު އެވެ. މި ޗުއްޓީ ދަތުރުގައި ލިންޒީ އާއި އަލިއާނާ އެ އަތޮޅުގައި އޮންނަ ރަށް ދޮންފަނަށް ގޮސް ރަށްފުށު ދިރިއުޅުން ބަލާލާ އަސްލު ދިވެހިރާއްޖެ ވެސް ދެކިލައިފި އެވެ.

ލިންޒީގެ ކޮއްކޮ އަލިއާނާގެ އިންސްޓަގްރާމްގައި ފޮޓޯ އާއި ވީޑިއޯތައް ހިއްސާ ކުރަމުން ބުނީ، ރާއްޖެ އަންނަ ގިނަ މީހުން އުޅޭނީ ގިނައިން ރިސޯޓުގައި ކަމަށެވެ. "ލިންޒީ އާއި އަހަރެން ބޭނުންވީ މިތަނުގެ ސަގާފަތް ދެކިލާ މިތާ މީހުންނާ ބައްދަލު ކޮށްލުމަށެވެ". ބ. އަތޮޅު ދޮންފަނުގައި ހުރެ ލިންޒީ އާއި ކޮއްކޮ ނެގި ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާ ކުރި އެވެ.

ރިސޯޓުގެ ޓުއާ ގައިޑް އަކާއެކު، ދޮންފަނުގެ ގެއަކަށް ލިންޒީ އާއި އޭނާގެ ކޮއްކޮ ވަދެ އެގޭގައި ކާން އިން ކުޑަ ކުއްޖާ އަށް ހިނިތުންވެހުރެ ހަދިޔާ ދިން މަންޒަރު ވަރަށް އުފާވެރި އެވެ. މި ކުޑަ ވީޑިއޯ ކްލިޕުން ދިވެހިންގެ ދިރިއުޅުން، އެ ދެމީހުން ދައްކާލީ ހަތް މިލިއަން ފޮލޯވަރުންނަށެވެ. ރާއްޖެ އަންނަ ތަރިންނަށް އާއްމުކޮށް ނުފެންނަ މަންޒަރެއް ދުނިޔޭގެ އެކި ކަންކޮޅު ތަކަށް ދައްކާލީ އެވެ. ހާއްސަކޮށް ހޮލީވުޑަށެވެ.

އެ ރަށު ދެ އަންހެން ކުދިންނާއެކު ނެގި ފޮޓޯތައް ލިންޒީ އޭނާގެ އިންސްޓަގްރާމްގައިވެސް ހިއްސާ ކުރި އެވެ. އަތިރިމަތީހުރި، އުނދޯއްޔެގައި އިށީނދެ ތިބީ ދޮންފަނު ދެ އަންހެން ކުދިންނާއެކު އެވެ. އަދި ފޮޓޯ ހިއްސާ ކުރަމުން "މިއަދު އަހަރެންނަށް ބައްދަލުވެއްޖެ ދޮންފަނުގެ ރީތި ދެ އަންހެންކުދިންނާ. އުފާވެރި ވަގުތު ކޮޅެއް" ޖަހައި، ރަށް ރަށުގެ ދިރިއުޅުން ކަމުދާ ކަމަށް ބުންޏެވެ.

ދިވެހިންގެ ދިރިއުޅުމާއި ވައްޓަފާޅި ދައްކުވައިދޭ ފޮޓޯތައް ދެބެންގެ ސޯޝަލް މީޑިއާއަށް ބަންޑުން ކުރަމުން ދިޔައިރު، ދެމީހުންވެސް އަޅައިގެން ހުރި ހެދުމުން ދިވެހިންގެ އާދަކާދަ އަށް އިހުތިރާމް ކުރާ ކަން، ދޫކޮށްލި ފޮޓޯތަކުން އެނގެ އެވެ.

ދޮންފަނު މީހުންނަށް ލިންޒީ އަކީ ކާކު ކަން މާ ބޮޑަށް ނޭނގުނަސް އޭނާ އަކީ ހޮލީވުޑްގެ އެތައް ފިލްމެއް ކުޅެފައި ހުރި މަގުބޫލު ތަރި އެކެވެ. ފިލްމު "މީން ގާލްސް"، 2004 ވަނަ އަހަރު ރިލީޒް ކުރުމާއެކު މަޝްހޫރު ވި ލިންޒީގެ މި ފިލްމަކީ ރާއްޖޭގައިވެސް ވައިގައި ހިފި ފިލްމެކެވެ.

ބ. އަތޮޅުގެ ރީތި ދޮންފަނަށް ގޮސް، ރަށްފުށުގެ ހަމަހިމޭން ދިރިއުޅުން ލިންޒީ އާއި އޭނާގެ ކޮއްކޮ ބަލާލީ ޕަޕަރާޒީންގެ އުނދަގުލެއް ނެތި، "މިނިވަން" ކަމާއެކު އެވެ.