ހަބަރު

އަރަބިއްޔާގެ ޓީޗަރުން ހަމައެއް ނުވޭ، ބެލެނިވެރިން ކަންބޮޑުވެފައި!

ދިރާސީ އަހަރު ފަށާފައިވާއިރު އަދިވެސް އަރަބިއްޔާ ސްކޫލްގެ ޓީޗަރުން ހަމަ ނުވާތީ އެ ސްކޫލުގެ ބައެއް ބެލެނިވެރިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ޓީޗަރުން ހަމަ ނުވާތީ ކަންބޮޑުވުން ފާޅުކުރި ބެލެނިވެރިންގެ ތެރެއިން މީހަކު "އަވަސް" އަށް މައުލޫމާތު ދެމުން ބުނީ ކިޔެވުން ފެށިގެން ދެ ހަފުތާ ވެފައިވި އިރުވެސް ގްރޭޑް ހަތަކުން މަތީގެ ދަރިވަރުންނަށް ކިޔަވައިދޭ ބޭރު ޓީޗަރުން ހަމަ ނުވާ ކަމަށެވެ.

ސްކޫލްގެ އަރަބި މާއްދާތައް ކިޔަވައިދޭން އަޒްހަރު ޔުނިވާސިޓީން 22 ޓީޗަރަކު ގެންނާނެ ކަމަށް ސްކޫލުން ކުރިން ބުނި ނަމަވެސް މިހާތަނަށް އައީ ހަތަރު ޓީޗަރުން ކަމަށް ވެސް ބައެއް ބެލެނިވެރިން އަވަސް އަށް މައުލޫމާތު ދިނެވެ.

"ގްރޭޑް ހަތަކުން މަތީގެ ގްރޭޑްތަކަށް ކިޔަވައިދޭން އަންނަން އޮތީ އަޒްހަރު ޔުނިވާސިޓީގެ 22 ޓީޗަރެއް، އޭގެތެރެއިން އައީ އެންމެ ހަތަރު ޓީޗަރުން. ސްކޫލުގެ މެނޭޖްމެންޓާ ވާހަކަ ދެއްކުމުން ބުނަނީ ބާކީ ޓީޗަރުން އަންނާނެ ދުވަހެއް ނޭނގެއޭ." އަރިބިއްޔާގެ ބެލެނިވެރިޔަކު ބުންޏެވެ. "ސްކޫލް ފެށި ގްރޭޑް 12 އިގެ ދަރިވަރުން ހަދާ ޓެސްޓުތައް ކައިރިވާއިރު ޓީޗަރުން ހަމަ ވާނެ ދުވަހެއް އަދި ނޭނގޭ... ޓީޗަރުންގެ އިތުރުން ސްކޫލުގެ އެހެނިހެން ވަސީލަތްތައް ވެސް އަދިވެސް ހަމަ ނުވޭ."

އަރަބިއްޔާގެ ޓީޗަރުން ހަމަ ނުވާތީ ބެލެނިވެރިން ކަންބޮޑުވުން ފާޅުކޮށް އެޑިއުކޭޝަން މިނިސްޓަރާ ބައްދަލު ކުރި ކަމަށްވެސް އެ ބެލެނިވެރިޔާ މިއަދު ބުންޏެވެ. އަދި އެޑިއުކޭޝަނުން އެ މައްސަލަ ބަލަމުން އަންނަ ކަމަށް އަރަބިއްޔާ ސްކޫލުގެ ފަރާތުން ވާހަކަ ދެއްކި އެހެން ބެލެނިވެރިޔަކު ވެސް މިއަދު ބުންޏެވެ.

ގްރޭޑް ހަތަކުން މަތީގެ ގްރޭޑްތަކަށް ކިޔަވައިދޭން އަންނަން އޮތީ އަޒްހަރު ޔުނިވާސިޓީގެ 22 ޓީޗަރެއް، އޭގެތެރެއިން އައީ އެންމެ ހަތަރު ޓީޗަރުން. ސްކޫލުގެ މެނޭޖްމެންޓާ ވާހަކަ ދެއްކުމުން ބުނަނީ ބާކީ ޓީޗަރުން އަންނާނެ ދުވަހެއް ނޭނގެއޭ
އަރަބިއްޔާގެ ބެލެނިވެރިއެއް

އަރަބިއްޔާގެ ޕްރިންސިޕަލް މުހައްމަދު ޝުޖާއު އަބްދުއްރަހްމާން މިއަދު ވިދާޅުވީ، ސްކޫލަށް ގެންނަން ހަމަޖައްސާފައިވާ 22 ޓީޗަރުންްގެ ތެރެއިން މިހާތަނަށް އަދި ހަތަރު ޓީޗަރަކު ގެނެވުނު ނަމަވެސް ބާކީ ތިބި 18 ޓީޗަރުން މަހެއްހާ ދުވަސްތެރޭ ރާއްޖެ އައިސް ސްކޫލާ ގުޅޭނެ ކަމަށެވެ. އޭނާ އަދި ވިދާޅުވީ ބޭރުން ގެންނަ ޓީޗަރުންް އަންނަންދެން ގައުމީ ޔުނިވާސިޓީ އާއި އިސްލާމިކް ޔުނިވާސިޓީން ވަގުތީ ޓީޗަރުން މިހާރުވެސް ހަމަޖައްސާފައިވާ ކަމަށެވެ.

އަރަބިއްޔާއަކީ ސްކޫލްގެ ބައެއް ބެލެނިވެރިންގެ ކަންބޮޑުވުމެއް އޮތް އިރު ކޮންމެވެސް މިންވަރެއްގެ އިހުތިޖާޖެއް ވެސް ކުރި ކަމަށް ވެއެވެ. އަރަބިއްޔާގައި 850 ދަރިވަރުން ކިޔަވަ އެވެ.