ރާއްޖެ ކުޅިވަރު

ދެކުނު އޭޝިއާގެ ޓީޓީ ޗެމްޕިއަންކަން ރާއްޖޭގެ ދީމާއަށް

ދެކުނު އޭޝިއާ ހޯޕްސް ޓޭބަލް ޓެނިސް މުބާރާތުގައި ބައިވެރިވި، ރާއްޖޭގެ ފާތުމަތު ދީމާ އަލީ އެއްވަނަ ހޯދައިފި އެވެ.

އިންޑިއާގެ ހަރްޔާނާ ސިޓީ ގައި ބޭއްވި މުބާރާތުގެ ޖޫނިއާ އަންހެން ބައިގެ ރަން މެޑަލް ހޯދީ ފަސް ދުވަހަށް ކުރިޔަށް ގެންދިޔަ ތަމްރީން ބައިތަކަށް ފަހު، ހުރިހާ ކުޅުންތެރިންގެ މެދުގައި ބޭއްވި މުބާރާތުންނެވެ. އިންޑިއާގެ ގަދަ ހަތަރު ކުޅުންތެރިންނާ، ލަންކާގެ ގަދަ ދެ ކުޅުންތެރިންނާ، ނޭޕާލްގެ ގަދަ ދެ ކުޅުންތެރިން އަދި ބޫޓާންގެ ގަދަ ދެ ކުޅުންތެރިންނާ ވާދަ ކޮށްގެން މުބާރާތުގެ ޖޫނިއާ އަންހެން ޓީޓީ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ.

ޓޭބަލް ޓެނިސް މުބާރާތެއްގައި ރާއްޖެއިން ހޯދި މި ކާމިޔާބީއާއެކު ދީމާ ވެގެން ގޮސްފައިވަނީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ރަން މެޑަލް ހޯދި ފުރަތަމަ ދިވެހި ކުޅުންތެރިޔާ އަށެވެ.

މީގެ ކުރިންވެސް ދީމާ ވަނީ އެކި ފަހަރުމަތިން މަތީ ވަނަތައް ހޯދާފަ އެވެ. މިދިޔަ އަހަރު އިންޓަނޭޝަނަލް ޓެނިސް ފެޑަރޭޝަން މުބާރާތުން، ދީމާ އަށް ލިބުނީ ރިހި މެޑަލް އެކެވެ.

އިންޓަނޭޝަނަލް ޓެނިސް ފެޑަރޭޝަން އިން ބޭއްވި މި މުބާރާތަކީ ދެކުނު އޭޝިއާގެ 12 އަހަރުން ދަށުގެ ކުޅުންތެރިންނަށް ހާއްސަ ކޮށް ބޭއްވި މުބާރާތެކެވެ. މި މުބާރާތުގައި ދީމާގެ އިތުރުން ތިން ކުޅުންތެރިން ބައިވެރިވެފައި ވެ އެވެ. މި ޓީމުގެ ކޯޗަކީ ކުރީގެ ޓޭބަލް ޓެނިސް ޗެމްޕިއަން އަދި ޓީޓީ އެސޯސިއޭޝަނުގެ އެކްސްކޯ މެމްބަރު އިބްރާހީމް ޝިއުރީ އެވެ.