ހަބަރު

ސިޔާސީ ޕާޓީތަކުގެ ގާނޫނާއި ގަވައިދުތަކަށް ބަދަލުގެންނަން ޖެހޭ: ޝަރީފް

ސިޔާސީ ޕާޓީތަކުގެ ގާނޫނަށާއި، ގަވައިދުތަކަށް ބަދަލު ގެންނަން ޖެހޭ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވެއްޖެ އެވެ.

އިލެެކްޝަންސް ކޮމިޝަނުގެ އާ ލޯގޯ އާއި ކުލަ އިފްތިތާހު ކުރުމަށް ހޮޓެލް ޖެންގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ޝަރީފު ވިދާޅުވީ، ގާނޫނު އަސާސީން އިލެކްޝަން ކޮމިޝަނާ ހަވާލުކޮށްފައި ވަނީ ވަރަށް ބޮޑު ޒިންމާއެއް ކަަމަށާއި، ސިޔާސީ ޕާޓީތައް ރެގިއުލޭޓް ކުރުމާއި ހިންގަން ގޮތް ކިޔުމުގެ މަސްސޫލިއްޔަތު އޮތީ އެ ކޮމިޝަނަށް ކަމަށެވެ.

ޝަރީފު ވިދާޅުވީ، މިހާރުގެ މާހައުލަށް ބަލާއިރު ސިޔާސީ ޕާޓީތަކުގެ ގާނޫނަށާއި، ގަވައިދުތަކަށް ވެސް އިސްލާހު ގެންނަން ޖެހޭ ކަމަށާއި، އަލަށް އިންތިހާބު ކުރާ މަޖިލީހުން ސިޔާސީ ޕާޓީތަކުގެ ގާނޫނު ރަނގަޅު އިސްލާހުތަކަކާއެކު ފާސްވާނެ ކަމަށް އުމްމީދު ކުރައްވާ ކަމަށެވެ.

ޑިމޮކްރަޓިކް ވެލިއުސް ގަބޫލު ކުރާ ގައުމެއްގައި ބާއްވާ އިންތިހާބުތަކަކީ މިނިވަން އަދި ދެފުށް ފެންނަ އިންތިހާބުތަކަކަށް ވާން ޖެހޭ ކަމަށާއި، އިންތިހާބުތައް ބޭއްވުމަކީ ހަމައެކަނި އިލެކްޝަން ކޮމިޝަނަށް ލިބިފައި ހުރި ވަސީލަތްތަކުން އެކަނި ކުރެވޭނެ ކަމެއް ނޫންކަން ޝަރީފު ވަނީ ފާހަގަ ކުރައްވާފަ އެވެ.

މީގެއިތުރުން ކުރިޔަށް އޮތް މަޖިލީސް އިންތިހާބަށް ވާންްޖެހޭ ތައްޔާރީތަަައް ވަނީ ނިމިފައި ކަމަށާއި، މިހާރު އޮތީ ބަޖެޓުގެ ދަތި ކަމެއް ކަމަށް ޝަރީފު ވަނީ ވިދާޅުވެފަ އެވެ. އަދި އިންތިހާބު ބޭއްވުމުގައި ދައުލަތުގެ މުއައްސަސާތަކުން އެއްބާރުލުން ލިބިގެން މެނުވީ ރައްޔިތުން ބޭނުންވާ ކަހަލަ ހާމަކަން ބޮޑު އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ ކަމަށް ވެސް ޝަރީފު ވަނީ ވިދާޅުވެފަ އެވެ.