އިލެކްޝަން ކޮމިޝަންގެ އާ ލޯގޯ އާއި ކުލަ މިރޭ ލޯންޗުކޮށްފި އެވެ.
އާ ލޯގޯ އާއި ކުލަ ލޯންޗުކުރީ މިރޭ ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ކޮމިޝަންގެ އާ ކުލައަކީ ދަނބު ކުލަ އެވެ. ލޯގޯ ވެސް ވަނީ މުޅިން ބަދަލުކޮށްފަ އެވެ.
ލޯގޯއަށް ގެނައި ބަދަލާ ގުޅޭ ގޮތުން މިރޭ ވާހަކަ ދައްކަވަމުން އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ކުރީގެ ލޯގޯގެ ފަރުމާހުރި ގޮތުން ވޯޓު ފޮށީގައި ބަނޑު އަޅަނީ ކަމަށް ބުނެ ފާޑުކިޔުންތައް އަމާޒުކުރާ ކަމަށެވެ. ނަމަވެސް އާ ލޯގޯއަކީ މާނަ ފުން ލޯގޯއެއް ކަމަށް ވިދާޅުވި އެވެ.
އާ ލޯގޯގައި ގިނަ ރޮނގުތަކެއް ހިމަނާފައިވާއިރު އެ ރޮނގުތައް ރަމްޒުކޮށް ދެނީ ރާއްޖޭގެ ހުރިހާ އަތޮޅަކާއި ދައުލަތުންގެ ތިން ބާރާއި އިލެކްޝަން ކޮމިޝަނުން ބާއްވާ ބޮޑު ތިން އިންތިހާބު ކަމަށް އޭނާ ވިދާޅުވި އެވެ.
އިލެކްޝަންގެ އާ ކުލަ ކަމަށްވާ ދަނބު ކުލަ ދެން އެއްވެސް ސިޔާސީ ޕާޓީއަކަށް ދޫނުކުރައްވާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ، މީގެ ދުވަސްކޮޅެއް ކުރިން އަލަށް ހަދާ ޕާޓީއަކުން އެ ކުލައަށް އެދުނު ކަމަށާއި ނަމަވެސް އިލެކްޝަން ކޮމިޝަނުން އޭރު އޮތީ އެ ކުލަ ކޮމިޝަންގެ ކުލައިގެ ގޮތުގައި ފާސްކޮށްފަ ކަމަށް ޝަރީފް ވިދާޅުވި އެވެ. މީގެކުރިން އިލެކްޝަންގެ ކުލައަކީ ވިލު ނޫކުލައެކެވެ.
އާ ލޯގޯ އާއި ކުލަ ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ބައިވެރިވެވަޑައިގެންނެވި އެވެ. އޭގެ އިތުރުން އެހެން ސިޔާސީ ޕާޓީތަކުގެ އިސް ބޭފުޅުން ވެސް އެ ރަސްމިއްޔާތަށް ވަޑައިގެންނެވި އެވެ. ނަމަވެސް ޕީޕީއެމްއަށް ނިސްބަތްވާ އެއްވެސް ބޭފުޅަކު ވަޑައިނުގަންނަވަ އެވެ.