ބޮލީވުޑް

ވަރުންގެ ކައިވެނި ނޮވެމްބަރުގައި

މިދިޔަ އަހަރު ބޮލީވުޑްގައި ފާހަގަ ކޮށްލެވުނު ބޮޑެތި ކައިވެނި ތަކަށްފަހު މިއަހަރު ވެސް، ބޮލީވުޑްގެ މަޝްހޫރު ފަންނާނުންގެ ކައިވެނިތަކެއް ފެންނާނެ ކަމަށް ބެލެވެ އެވެ. މިއަހަރު ކައިވެނި ކުރާނެ ކަމަށް އެންމެ އަޑު ފެތުރެނީ، އަރުޖުން ކަޕޫރާއި މަލައިކާ އަރޯރާ ހާން އަދި ރަންބީރު ކަޕޫރުއާއި އާލިއާ ބަޓްގެ ކައިވެންޏެވެ. އަދި ފަރްހާން އަހްތަރާއި ޝިބާނީ ޑަންޑޭކަރް ފަދަ ތަރިންގެ ކައިވެނިތައް ވެސް މި އަހަރު ފެންނާނެ ކަމަށް ބެލެވެ އެވެ.

ބޮލީވުޑްގެ ކައިވެނި ލިސްޓަށް މި އަހަރު އިތުރުވާނެ ނަމަކީ، "ސްޓޫޑަންޓް އޮފް ދަ އިޔާ" އިން މަގުބޫލުކަން ހޯދި އެކްޓަރު ވަރުން ދަވަންގެ ކައިވެންޏެވެ. ބޮލީވުޑްގެ ނޫސް މުމްބާއި މީރާ އިން ރިޕޯޓުކޮށްފައިވާ ގޮތުން، ވަރުން އާއި ލޯބިވެރިޔާ ނަތާޝާ ދަލާލު ކައިވެނި ކުރާނީ ނޮވެމްބަރު މަހުގެ ފަހު ކޮޅު އެވެ.

ހަބަރުތަައް ބުނާ ގޮތުގައި ކައިވެނި ހަފްލާއަށް ތައްޔާރުވުމުގެ މަަސައްކަތްތައް، މި ދެ ތަރިންނާއި އާއިލާއިން މިހާރު ވެސް ފަށައިފި އެވެ. އަދި ނަތާޝާ އަކީ ޑިޒައިނަރެއް ކަމުން، ކައިވެނި ހަފްލާ ބާއްވާ ތަނާއި، ހެދުންތައް ފައިނަލް ކުރުމުގައި ވެސް ބައިވެރިވާނެ ކަމަށް ބެލެވެ އެެވެ. ނޮވެމްބަރު މަހު ބާއްވާ މި ކައިވެނީގެ ތައްޔާރީތައް ފަށާފައިވާއިރު، މިއީ ބޮލީވުޑްގައި މިއަހަރު ކުރެވޭ އެންމެ ބޮޑު އެއް ކައިވެނި ކަމަށް ބެލެވެ އެވެ.

ވަރުން އަށް ސަޕޯޓު ކުރާ އަންހެން ކުދިންނަށް ދެރަ ހަބަރަކަށް ވިޔަސް، މި ކައިވެންޏަށް މިހާރު އެތައް ބަޔަކު އިންތިޒާރު ކުރަން ފަށައިފި އެވެ. އޭނާ މި އަހަރު ފެންނާނެ ފުރަތަމަ ފިލްމަކީ އެޕްރީލް 19 ގައި ރިލީޒް ކުރާ ތާހީރީ ލޯބީގެ ފިލްމު "ކަލަންކް" އެވެ.