ހަބަރު

ޒިންމާދާރުކޮށް ތަކެތި އުފެއްދުމުގެ ބައްދަލުވުމެއް ފަށައިފި

ޒިންމާދާރުކަމާއެކު ތަކެތި ބޭނުންކޮށް އުފެއްދުމާއި ގުޅޭ މަލްޓި-ސްޓޭކްހޯލްޑާ ކޮންސަލްޓޭޝަން ބައްދަލުވުމެއް މިއަދު މާލޭގައި ފަށައިފި އެވެ.

އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ފައްޓަވައި ދެއްވި މި ބައްދަލުވުމަކީ ސްވިޗް އޭޝިޔާ ފެސިލިޓީ އާއި އެންވަޔަރަންމަންޓް މިނިސްްޓްރީ ގުޅިގެން އދ. ގެ ދެމެހެއްޓެނެވި ތަރައްގީގެ ލަނޑުދަނޑިއެއް ކަމަށްވާ ޒިންމާދާރު ކަމާއެކުގައި ތަކެތި ބޭނުންކޮށް އުފެއްދުމަށް ބާރުއެޅުމުގެ ގޮތުން ފެށި ބައްދަލު ވުމެކެވެ.

މި ބައްދަލުވުމުގެ ބޭނުމަކީ ރާއްޖޭގައި އެކިއެކި ދާއިރާތަކުގައި ވަސީލަތްތައް ބޭނުން ކުރެވޭ ގޮތާއި އެކިއެކި ގިންތިތަކުގައި އިސްރާފު ކުޑަކޮށް އެންމެ ހަރުދަނާ ކަމާއެކު ތިމާވެށްޓާ ރައްޓެހި ގޮތެއްގައި އަމަލުތައް ބެހެއްޓުމަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ބާރު އެޅުމެވެ.

މި ބައްދަލުވުމުގައި އީޔޫ ސްވިޗް އޭޝިޔާ ފެސިލިޓީގެ ފަރާތުން ހުޅުވާލާފައިވާ ހިލޭ އެހީގެ ޕްރޮގްރާމާއި ގުޅޭ ގޮތުން ވެސް ބައިވެރިންނަށް މައުލޫމާތު އެރުވި އެވެ.

އެއް ދުވަހަށް ކުރިއަށް ގެންދާ މި ބައްދަލުވުމުގައި ގުޅުން ހުރި މިނިސްޓްރީތަކާއި ސަރުކާރުގެ އެކިއެކި އިދާރާތަކާއި ކުންފުނިތަކުން ބައިވެރިވެ އެވެ.