ހަބަރު

މާލީ ބަޔާން ހުށަނޭޅުން ޖިނާއީ ކުށަކަށް ހަދަނީ

ރައްޔިތުންގެ މެންބަރުންގެ ތެރެއިން މާލީ ބަޔާން ހުށަނާޅާނަމަ ޖިނާއީ ދައުވާ ކުރެވޭނެ ގޮތް ހެދުމަށް އެމްޑީޕީއިން ނިންމައިފި އެވެ.

އެމްޑީޕީއިން މިގޮތަށް ނިންމީ އަންނަ ރައްޔިތުންގެ މަޖިލީހަށް އެ ޕާޓީއިން ހުށަހަޅަން ނިންމާފައިވާ ކަންކަމުގެ ތެރޭގައި ހިމެނޭ މެންބަރުންގެ ނަޒާހަތްތެރިކަމާ ބެހޭ ކަރުދާހުގަ އެވެ.

މަޖިލިސް މެންބަރުނާއި ސަރުކާރުގެ ވެރިން އަހަރަކު އެއްފަހަރު މާލީ ބަޔާން ހުށައަޅަން މިހާރުވެސް ލާޒިމް ކުރެ އެވެ. ނަމަވެސް އެކަން ކުރަނީ ވަރަށް މަދު މެންބަރެކެވެ. މާލީ ބަޔާން ހުށަނޭޅި ނަމަވެސް މިހާރު އެޅޭނެ ފިޔަވަޅެއް ނޯވެ އެވެ. މާލީ ބަޔާން އާންމުކޮށް ހާމައެއް ވެސް ނުކުރެ އެވެ.

ނަމަވެސް އެމްޑީޕީއިން ވިސްނާފައިވަނީ މެންބަރުގެ ދެމަފިރިންނާއި 18 އަހަރު ނުފުރޭ ދަރިންގެ މާލީ ބަޔާން ވެސް އާންމުކުރަން ޖެހޭ ގޮތަށް ހެދުމަށެވެ. މާލީ ބަޔާނުގައި ހިމެނެނީ ފައިސާ، ބޭންކް އެކައުންޓް، ބިން، ބިމުގެ އެގްރީމަންޓު، އާއިލީ ވިޔަފާރި، ޝެއާރް، ބޮންޑު، ސްޓޮކް، ހާއްސަ ހުއްދަ، ގަހަނާ، މޯޓަލީ ވެހިކަލް، ރުއްގަސް ކަމަށް ކަނޑައަޅަން ވަނީ ނިންމާފަ އެވެ.

ހުރިހާ މެމްބަރުންގެ މާލީ ބަޔާންތައް އޯޑިޓް ކުރަން ޖެހޭ ގޮތް ހެދުމަށް ވެސް ނިންމާފައިވާއިރު، ހުރިހާ މެމްބަރުންގެ މާލީ ބަޔާން މަޖްލިސް ވެބްސައިޓްގައި އާންމުކޮށް ޝާއިރު ކުރުން މަޖުބޫރުކުރަން ވެސް އެމްޑީޕީއިން ވަނީ ނިންމާފަ އެވެ.

އެމްޑީޕީއިން ނިންމާފައިވަނީ އެގޮތަށް މާލީ ބަޔާން ހުށަނާޅާނަމަ، އެއީ ޖިނާއީ ކުށަކަށް ހެދުމަށެވެ. އެމްޑީޕީއިން އާންމުކޮށްފައިވާ ކަރުދާހުގައިވާ ގޮތުން މާލީ ބަޔާން ހުށަނޭޅުމުން ޖިނާއީ އަދުލުގެ ނިޒާމުގެ ދަށުން ތަހުގީގު ފެށި، ފިޔަވަޅު އެޅޭނެ އެވެ. އެ ތަހުގީގު ފައިސާ ދައުރު ވެފައިވަނީ ކިހިނަކުން ތޯ ބެލެމަށް ކުރާ ތަހުގީގެކެވެ.

މީގެއިތުރުން މާލީ ބަޔާނުގެ އިތުރުން މެންބަރުގެ ބައެއް ހަރަދުތައް މަޖިލިހަށް ހުށައަޅަން ޖެހޭ ގޮތް ހެދުމަށް ވެސް ނިންމާފަ އެވެ. އެގޮތުން ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކުގެ ހުރިހާ ތަފްސީލެއް ހުށަހަޅަން ޖެހޭނެ އެވެ. އަދި އަދި އެ މައުލޫމަތު، އެއްވެސް އާންމު ފަރާތަކުން އެދިއްޖެނަމަ މަޖިލިސްއިން ދޫކުރަން ވާނެ ކަމަށްވެސްވެ އެވެ.

އެމްޑީޕީގެ ވިސްނުން ހުރީ މަޖިލިސް ވެބްސައިޓްގައި ކޮންމެ މެންބަރަކާ ބެހޭ ވަކި ސެކްޝަނެއް ހަދާށެވެ. އެއީ އެ މެންބަރެއްގެ މަސައްކަތްތައް އެނގޭ ގޮތަށެވެ. އޭގައި މެންބަރުގެ ބަރުލަމާނީ މަސައްކަތް އެނގެން ހުންނަން ވާނެ ކަމަށާއި ހުށައެޅި ބިލްތަކާއި، އިސްލާހުތަކާއި، ކޮމިޓީ މަސައްކަތް ފަސޭހައިން ފެންނަން ހުންނަން ޖެހޭނެ ކަމަށް ކަރުދާހުގައިވެ އެވެ. މެންބަރުގެ ހާޒިރީ ފަސޭހައިން ފެންނަން ހުންނަން ޖެހޭނެ ކަމަށް ވެސް އޭގައިވެ އެވެ.

އެމްޑީޕީއިން އަންނަ މަޖިލީހަށް ހުށަހަޅާނެ ކަންކަމުގެ ތަފްސީލް އާންމުކޮށްފައިވާއިރު އެކަންކަމަށް އާންމުން ހިޔާލު ހުށަހެޅުމަށް ވަނީ ހުޅުވާލާފަ އެވެ.