ވިޔަފާރި

އެލައިޑުގެ ފައިދާ އިތުރުވެ، ގާބިލްކަން 140 މިލިއަން ޑޮލަރަށް

އެލައިޑުގެ އިންޝުއަރެންސް ސާފު ފައިދާ ރެކޯޑް މިންވަރަށް އިތުރުވެ، އިންޝުއަ ކުރުމުގެ ގާބިލްކަން 140 މިލިއަން ޑޮލަރަށް އަރައިފި އެވެ.

އެލައިޑް އިންޝުއަރެންސުން ކޮންމެ އަހަރު ބާއްވާ "އެލައިޑް ސްޕެޝަލް އިވެންޓު" ގައި މިރޭ ދަރުބާރުގޭގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ ކުރީގެ އެމްޑީ އަހުމަދު އަމީލު ވިދާޅުވީ މިދިޔަ އަހަރަކީ އެލައިޑުގެ ތާރީހުގައި ވެސް އެންމެ ބޮޑު ސާފު ފައިދާއެއް ލިބުނު އެއް އަހަރު ކަމަށެވެ. އަދި މި ކާމިޔާބު ލިބުނީ އެ ކުންފުނީގެ މުވައްޒަފުންގެ މަސައްކަތުންކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ މިކާމިޔާބީއާއެކު އެލައިޑުން މިދިޔަ އަހަރު ބަދަލުގެ ގޮތުގައި ކްލައިންޓުންނަށް 130 މިލިއަން ރުފިޔާ ދޫކޮށްފައިވާނެ ކަމަށެވެ.

"މިދިޔަ އަހަރަކީ އެލައިޑުގެ ތާރީހުގައި ވެސް އެންމެ ފުރިހަމަކޮށް ނިންމާލެވުނު އަހަރު. އޭގެ ކުރީ އަހަރާ އަޅާބަލާއިރު ވަނީ 95 ޕަސެންޓުގެ ނެޓްޕްރޮފިޓް ގްރޯތެއް އައިސްފައި. މިއީ ދޮގުނޫން ކަމަށްވާނަމަ ރާއްޖޭގެ ކޯޕަރޭޓް ތާރީހުގައި ވެސް އެންމެ ބޮޑު ޖަންޕެއް އައި ފަހަރު،" އަމީލް ވިދާޅުވި އެވެ.

މިދިޔަ އަހަރަކީ އެލައިޑުގެ ތާރީހުގައި ވެސް އެންމެ ފުރިހަމަކޮށް ނިންމާލެވުނު އަހަރު. އޭގެ ކުރީ އަހަރާ އަޅާބަލާއިރު ވަނީ 95 ޕަސެންޓުގެ ނެޓްޕްރޮފިޓް ގްރޯތެއް އައިސްފައި. މިއީ ދޮގުނޫން ކަމަށްވާނަމަ ރާއްޖޭގެ ކޯޕަރޭޓް ތާރީހުގައި ވެސް އެންމެ ބޮޑު ޖަންޕެއް އައި ފަހަރު
އެލައިޑް ކުރީގެ އެމްޑީ| އަހުމަދު އަމީލް

އެލައިޑުން މިދިޔަ އަހަރު ބުނީ އެ ކުންފުނީގެ އިންޝުއަރެންސް ގާބިލްކަން އޭރު ހުރީ 120 މިލިއަން ޑޮލަރުގައި ކަމަށެވެ.

އަމީލް މިރޭ ވިދާޅުވި ގޮތުގައި 2017 ވަނަ އަހަރާ އަޅާބަލާއިރު ގާބިލްކަން 20 މިލިއަން ޑޮލަރު އިތުރުވެ، 140 މިލިއަން ޑޮލަރަށް އަރާފައިވާ ކަމަށެވެ.

"މިއީ އަޅުގަނޑު ކެރިހުރެ މި ދަންނަވަނީ މިއީ ސަރަހައްދުގައި އޮތް އެންމެ އިންޝުއަރެންސް ކެޕޭސިޓީ ހުރި އެއް ކުންފުނި. މިހުރިހާ ކާމިޔާބީއަކާއެކު ގިނަ އެވޯޑުތަކެއް ވެސް ވަނީ ލިބިފައި،" އަމީލް ވިދާޅުވި އެވެ.

އެލައިޑަށް 24 އަހަރު ހިދުމަތް ކުރެއްވުމަށްފަހު، މަގާމުން އިސްތިއުފާދެއްވި އަމީލް ވިދާޅުވީ އާ އެމްޑީ ޝަފާޒް މުހައްމަދު އަކީ އެ މަގާމަށް އެންމެ ގާބިލް ބޭފުޅާ ކަމަށެވެ. އަދި ޝިފާޒުގެ އެމްޑީކަމުގައި އެ ކުންފުނިން އާ ކާމިޔާބީ ތަކެއް ހޯދާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ޓީމް ދެން ލީޑް ކުރާނީ ޝަފާޒުއާއެކު. ޝަފާޒުއާއެކު 24 އަހަރު ކުރިން އަޅުގަނޑުމެން ދެ މީހުން އޮފީހަށް ވަނީ. ޝަފާޒުއަކީ ވަރަށް ގާބިލް ބޭފުޅެއް. އަޅުގަނޑު ކްލައިޓުންނަށް ޔަގީންކަން މިދެނީ އެލައިޑް މި ދޫކޮށްލަނީ ވަރުގަދަ ބޭފުޅަކަށޭ. ކްލައިންޓުން ނުޖެހޭނެއޭ އެކަމާ ކަންބޮޑުވާކަށް،" އަމީލް ވިދާޅުވި އެވެ.

އެލައިޑުން މިދިޔަ އަހަރު ވަނީ އާ ގިނަ އުފެއްދުންތަކެއްވެސް ތައާރަފުކޮށްފަ އެވެ. މިގޮތުން އިންޝުއަރެންސް ވައުޗާ އާއި ރާއްޖޭގައި ތައާރަފު ކުރި ފުރަތަމަ މައުލޫމާތު ދޭ ބޮޓުގެ އިތުރުން ސީއެސްއާރު ޕްރޮޖެކްޓް ޕްރިމިއަމް ފޯ ގުޑް ހިމެނެ އެވެ. މީގެ އިތުރުން މުވައްޒަފުންގެ ބްރެއިން ސްޓޯމްކޮށްގެން ހިޔާލު ހޯދުމުގެ މަސައްކަތް ތަކެއް ވެސް ވަނީ ކޮށްފަ އެވެ. މި ޕްރޮގްރާމުގެ ދަށުން މިހާރު ވަނީ ތިން ޕްރޮޑަކްޓެއް ނަގާފަ އެވެ.

އާ އަހަރު ހޭލުންތެރި ކުރުވުން، އާ ޕްރޮޑަކްޓްތަކެއް

އެލައިޑަށް 34 އަހަރު ފުރުން ފާހަގަ ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަަވަމުންއާ މެނޭޖިން ޑިރެކްޓަރު ޝަފާޒް މުހައްމަދު ވިދާޅުވީ އާ އަހަރު އެ ކުންފުނިން ފޯކަސް ކުރާނެ އެއް ދާއިރާއަކީ ހޭލުންތެރި ކުރުވުމަށްކަމަށެވެ.

"ގަވަމެންޓާއި ޕްރައިވެޓް ސެކްޓާއާ ގުޅިގެން ޕާޓްނާޝިޕް ތަކެއް ހެދޭނެ. މީގެ އިތުރުން އިނޮވޭޝަން އާއި ޓެކްނޮލޮޖީގެ ރޮނގުން، އެލައިޑުގެ ޕްރޮޑަކްތައް ފަސޭހަ ކުރެވިގެން ދާނެ. މީގެ އިތުރުން އިންޝުއަރެންސް ޑޭޓާ ބޭނުންކޮށްގެން ފައިދާ ނެގޭނެ ގޮތްތަކެއް ހޯދޭނެ،" ކުރީގެ ޑެޕިއުޓީ އެމްޑީގެ މަގާމުގައި ހުންނެވި، ޝިފާޒު ވިދާޅުވި އެވެ.