ބޮލީވުޑް

ރޯހިތް ޝެޓީއާއެކު މަސައްކަތް ކުރުމަކީ ޝާހްރުކަށް ބޮޑު ވޭނެއް!

Jul 1, 2015

ސުޕަސްޓާ ޝާހްރުކް ޚާން އާއި ޑައިރެކްޓަރު ރޯހިތް ޝެޓީ އަނެއްކާވެސް މިވަނީ އެކްޝަން ޑްރާމާ "ދިލްވާލޭ" އާއިއެކު އެނބުރި އައުމުގެ މަސައްކަތް ފަށާފަ އެވެ. އެހެންނަމަވެސް ރޯހިތް ގަޑިއަށް ޝޫޓިން އަށް ދާތީ އޭނާ އާއިއެކު މަސައްކަތް ކުރަން އުނދަގޫވާ ކަމަށް ޝާހްރުކް ބުނެފި އެވެ.

އަބަދުވެސް އެކްޓަރުން ގަޑިއަށް ސެޓަށް ނުދާ ވާހަކައަކީ ޑައިރެކްޓަރުން ކުރާ އެންމެ ބޮޑު ޝަކުވާ އެވެ. ނަމަވެސް ޝާހްރުކްގެ ވާހަކަ ތަފާތެވެ. ޝާހްރުކް ގަބޫލުކުރާ ގޮތުގައި އޭނާ ޝޫޓިންއަށް ދަނީ ބަރާބަރު ގަޑިއަށެވެ. އެހެންނަމަވެސް އެހެން މީހުން ގަބޫލުކުރާ ގޮތުގައި އޭނާ ދަނީ އަބަދުވެސް ގަޑި ޖެހިގެންނެވެ.

ޑައިރެކްޓަރެއްގެ ގޮތުގައި އަބަދުވެސް ގަޑިޖެހުމުގެ ދިހަ ވަރަކަށް މިނިޓް ކުރިން ރޯހިތް ދާތީ އެހެންމީހުންނަށް ހީވެފައި އޮންނަނީ އޭނާއަށް ވުރެކުރިން ޝޫޓިން އަށް ދެވޭހެން ކަމަށެވެ. އެކްޓަރުންނާއި ހިލާފަށް ޑައިރެކްޓަރުންނަކީ އަބަދުވެސް ގަޑިއަށްދާ ބައެއް ނަމަވެސް، ޑައިރެކްޓަރުންގެ ތެރެއިން ރޯހިތް އަކީ ވަކީން ބޮޑަށް ގަޑިއަށް ފަރުވާތެރި މީހެއް ކަމަށް ހިނިގަނޑެއް ޖަހާލާފައި ޝާހްރުކް ބުންޏެވެ.

ޝާހްރުކް އާއި ރޯހިތް ވަނީ 2013 އަހަރު ނިކުތް ބްލޮކްބާސްޓާ ފިލްމު "ޗެންނާއީ އެކްސްޕްރެސް" ގައި ބަތަލާ ދިޕިކާ ޕަދުކޯން އާއިއެކު މަސައްކަތްކޮށްފަ އެވެ.

"ދިލްވާލޭ" އަކީ ބޮލީވުޑްގެ އޮން ސްކްރީން އެންމެ މަގުބޫލު ޖޯޑުކަމަށްވާ ޝާހްރުކް އާއި ކާޖޮލް ފަސް އަހަރުގެ ބްރޭކްއަކަށް ފަހު ކުޅޭ ފުރަތަމަ ފިލްމަށްވާއިރު، މި ދެތަރިން އެންމެ ފަހުން އެކުގައި ފެނިގެން ގޮސްފައިވަނީ 2010 ވަނަ އަހަރު ނިކުތް ފިލްމު "މައި ނޭމް އިޒް ޚާން" އިންނެވެ.

މިހާރު ބަލްގޭރީގައި ކުރިއަށްދާ މިފިލްމުގެ ޝޫޓިންއާއި ބެހޭގޮތުން ޝާހްރުކް ބުނީ މިހާރު ކުރިއަށްދަނީ ފިލްމުގެ ދެވަނަ ޝެޑިއުލްގެ މަންޒަރުތައް ނެގުމުގެ މަސައްކަތް ކަމަށެވެ. އަދިވެސް މި ޝެޑިއުލްގެ މަންޒަރުތައް ނަގާ ނުނިމޭއިރު، ވަރުން އާއި ކީރްތީ އަންނަނީ ލަވައެއްގެ މަންޒަރުތައް ނަގަމުންކަމަށް ވެސް ޝާހްރުކް ބުންޏެވެ. މި ޝެޑިއުލްގެ ބައެއް މަންޒަރުތައް އަދި ނަގަން ހުރި އިރު ކުރިއަށް އޮތް ފަސް ދުވަހުގެ ތެރޭގައި އެނބުރި ބަލްގޭރިއާއަށް ދާނެކަމަށްވެސް ޝާހްރުކް ވަނީ ބުނެފަ އެވެ.

މީގެއިތުރުންވެސް މަންޒަރުތައް ނިމުމުން އެއް މަސްދުވަހަށް މުޅި ޓީމް ދާނީ ޔޫރަޕްގައި ނަގަން ޖެހޭ މަންޒަރުތައް ނެގުމަށްކަމަށާއި އެއަށްފަހު އެންމެފަހުގެ މަންޒަރުތައް ނަގާނީ މުމްބާއީގައި ކަމަށް މުމްބާއީ ގައި ބޭއްވި އިވެންޓެއްގައި ވާހަކަ ދައްކަމުން ޝާހްރުކް ބުންޏެވެ.

ޑިސެމްބަރު 18 ވަނަ ދުވަހު ރިލީޒްކުރުމަށް ތައްޔާރުވަމުންދާ މިފިލްމު ޕްރޮޑިއުސްކޮށްފައިވަނީ ރެޑް ޗިލީސް އެންޓަޓެއިންމަންޓާއި ރޯހިތް ޝެޓީ ގުޅިގެންނެވެ.