ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީ (ކޮންގްރެސް ޕާޓީ)ގެ ސެކެޓަރީ ޖެނެރަލްގެ މަގާމަށް މުހައްމަދު ތޮލާލް ހަމަޖައްސައިފި އެވެ.
ކޮންގްރެސް ޕާޓީގެ ހިނގާ ކޮމިޓީގެ ވަގުތީ މެންބަރު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވީ، އިއްޔެ ބޭއްވި ކޮންގްރެސް ޕާޓީގެ ވަގުތީ ހިންގާ ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި އެޕާޓީގެ ސެކެޓަރީ ޖެނެރަލް ކަމަށް މުހައްމަދު ތޮލާލް އަދި ރެޖިސްޓްރާ ކަމަށް ޖީލާ އަލީ ކަނޑައަޅާފައިވާ ކަމަށެވެ.
ކޮންގްރެސް ޕާޓީ އުފެއްދުމުގެ ޖަލްސާ ބާއްވާފައިވަނީ މިދިޔަ އާދިއްތަ ދުވަހުގެ ރޭ އެވެ. އެ ޖަލްސާގައި ޕާޓީގެ ވަގުތީ ލީޑަޝިޕް އައްޔަންކޮށް ޕާޓީ އިފްތިތާހުކޮށްފައި ވެއެވެ.
އެގޮތުން ކޮންގްރެސް ޕާޓީގެ ވަގުތީ ރައީސް ކަމަށް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އައްޔަންކޮށްފައިވާއިރު، ނައިބު ރައީސް ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވަނީ އައްޔަންކޮށްފަ އެވެ. އޭގެ އިތުރުން އެޕާޓީގެ ހިންގާ ކޮމިޓީއަށް 40 މެންބަރުން ވެސް ވަނީ އައްޔަންކޮށްފަ އެވެ.