ހަބަރު

އެންމެ ބޮޑު ޕާޓީއަކީ އަދިވެސް ޕީޕީއެމް، އެމްޑީޕީ އަރާ ހަމަ ކުރަނީ!

ރާއްޖޭގައި މިހާރު ހިނގާ އެންމެ މެންބަރުން ގިނަ ޕާޓީއަކީ އަދިވެސް ޕީޕީއެމް ކަމަށް އިލެކްޝަންސް ކޮމިޝަންގެ ހިސާބުތަކުން ދައްކައިފި އެވެ.

އީސީ އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދަ އްކަވަމުން އެ ކޮމިޝަންގެ ރައީސް އިބްރާހިމް ޝަރީފް ވަނީ މިހާރު ރަޖިސްޓާވެފައި ހުރި ޕާޓީތަކުގެ މެންބަރުންގެ އަދަދު ހާމަކޮށްފަ އެވެ. އެގޮތުން ޕީޕީއެމްގައި 47،371 މެންބަރުން ތިބި އިރު އެއާ އެންމެ ގާތް ކުރާ ޕާޓީއަކަށް ހުރީ 29،335 މެންބަރުންނާއެކު އެމްޑީޕީ އެވެ. ނަމަވެސް ޕްރައިމަރީއާ ދިމާކޮށް އެމްޑީޕީއަށް ވަތް އިތުރު 31،000 މީހުންގެ ފޯމް ލިބިފައިވާ ކަމަށާއި ނަމަވެސް ފޯމްތައް ޕްރޮސަސް ކުރާކަށް ނުފަށާ ކަމަށް ޝަރީފް ވިދާޅުވި އެވެ.

ދެން އެންމެ ބޮޑު ޕާޓީއަކީ އެމްޑީއޭ އެވެ. އެ ޕާޓީގައި 10،570 މެންބަރުން ތިބި އިރު ޖުމްހޫރީ ޕާޓީގަިއ ތިބީ 10،357 މެންބަރުންނެވެ. އަދި އަދާލަތު ޕާޓީގައި 6600 މެންބަރުން ތިބި އިރު ޑީއާރްޕީގައި 3296 މެންބަރުން ތިބި ކަމަށެވެ. އަދި އަލަށް އުފެއްދި މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓްސްގައި 3000 މެންބަރުން އަދި މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީގައި ވެސް 3000 މެންބަރުން ތިބި ކަމަށް ޝަރީފް ވިދާޅުވި އެވެ. އަދި ޕީޕަލްސް ނޭޝަނަލް ކޮންގްރަސްގައި ތިބީ 3118 މެންބަރުން ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

އޭގެ އިތުރުން ވެސް ހަތަރު ޕާޓީއެއް ރަޖިސްޓާ ކުރަން ފޮނުވާފައިވާ ކަމަށް ޝަރީފް ވިދާޅުވި އެވެ. އެއީ ގައުމީ ވިންދު ޕާޓީއާ، ޕީޕލަސް އެކްޝަން ޕާޓީއާ، ރެޑިކަލް ޕާޓީ އަދި ނޭޝަނަލް ރިފޯމް ޕާޓީ ކަމަށް ޝަރީފް ވިދާޅުވި އެވެ. ނަމަވެސް އެއިން އެއްވެސް ޕާޓީއެއް މިއަދާ ހަމަޔަށް އައިއިރު 3000 ފޯމް ހުށަހަޅާފައި ނުވާ ކަމަށް ޝަރީފް ވިދާޅުވި އެވެ.