ހަބަރު

ފާރިސް ވާދަ ކުރައްވަނީ މައްޗަންގޯޅި އުތުރު ދާއިރާއަށް

ދިއްގަރު ދާއިރާ، ރައްޔިތުންގެ މަޖިލީހުގައި ތަމްސީލް ކުރައްވަމުން ގެންދަވާ އަހުމަދު ފާރިސް މައުމޫން އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މަންޗަންގޯޅީ އުތުރަށް ކުރިމަތިލެއްވުމަށް ނިންމަވައިފި އެވެ.

ފާރިސް އެކަން ހާމަ ކުރައްވާފައިވަނީ މިރޭ އެވެ. މަންޗަންގޯޅި އުތުރަކީ ފާރިސް ނިސްބަތްވާ ވެސް ދާއިރާ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ފާރިސް މަޖިލީހަށް ވަޑައިގެންނެވީ 2015 ވަނަ އަހަރު ތެރޭގަ އެވެ. އެއީ އޭރު ދިއްގަރު ދާއިރާގެ މެންބަރުގެ ގޮތުގައި ހުންނެވި އަހުމަދު ނާޒިމަށް އިއްވި ޖަލު ހުކުމާއެކު އެ ގޮނޑި ހުސްވެ ބޭއްވި ބައި އިލެކްޝަން ކާމިޔާބުކޮށްގެންނެވެ.

ފާރިސްގެ ބައްޕާފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ތާއިދު ބޮޑު ދިއްގަރު ދާއިރާއަށް އަންނަ މަޖިލިސް އިންތިހާބުގައި ނާޒިމް އަނެއްކާވެސް ވާދަ ކުރެއްވުމަށް ވަނީ ނިންމަވާފަ އެވެ. އަދި ނާޒިމަށް ރައީސް މައުމޫން ވަނީ ތާއިދު ވެސް ކުރައްވާފަ އެވެ.

މައްޗަންގޯޅި އުތުރު ދާއިރާއަށް ފާރިސް ނުކުންނަވާއިރު މީގެކުރިން އެ ދާއިރާގެ މެންބަރުގެ ގޮތުގައި ހުންނެވީ މާރިޔާ ދީދީ އެވެ. މާރިޔާ ވަނީ ކެބިނެޓަށް ވަޑައިގެންނެވުމަށް މެންބަރުކަމުން އިސްތިއުފާ ދެއްވާފަ އެވެ. އެ ދާއިރާގެ އެމްޑީޕީ ޓިކެޓް ޕްރައިމަރީގައި ކާމިޔާބުކޮށްފައިވަނީ ސިޓީ ކައުންސިލް މެންބަރު މުހައްމަދު ރަޝީދެވެ.

ފާރިސް މަޖިލީހަށް ވާދަ ކުރައްވަނީ ރައީސް މައުމޫންގެ ތާއިދާއެކު އެވެ. ރައީސް މައުމޫން ވަނީ އެމަނިކުފާނުގެ ތާއިދާއެކު އިންތިހާބަށް ކެންޑިޑޭޓުން ނެރުމަށް ނިންމަވާފަ އެވެ. އެ ކެންޑިޑޭޓުންނަކީ ކޮބައިކަން ވަރަށް އަވަހަށް ހާމަ ކުރައްވާނެ ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ. ރައީސް މައުމޫންގެ ތާއިދުގައި މަޖިލީހަށް ވާދަ ކުރުމުގެ ޝައުގުވެރިކަން 108 ފަރާތަކުން ފާޅުކޮށްފައިވެ އެވެ.

ސަރުކާރަށް އައި ކޯލިޝަނަކީ ފާރިސްގެ ވަރަށް ބޮޑު ދައުރެއް އޮތް ކޯލިޝަނެކެވެ. އެ ކޯލިޝަން އުފެދިގެން އައިއިރު އިސް ސަފުގައި ހުންނަވާ ފާރިސް ގިނަ މަސައްކަތްތަކެއް ކުރެއްވި އެވެ. ފާރިސްއަކީ ރައީސް އަބްދުﷲ ޔާމީންއާ ދެކޮޅަށް ޕީޕީއެމްއިން އެންމެ ފުރަތަމަ ނުކުންނެވި މެންބަރެވެ.

އިސްލާހަށް ފާރިސް ކުރެއްވި މަސައްކަތުގައި އޭނާ އެކި ފަހަރު މަތިން ހައްޔަރުކޮށް، ދެ ދައުވާއެއް ވެސް އުފުލި އެވެ. ޖަލު ހުކުމެއް ވެސް އޭނާއަށް އިއްވިިއިރު އެއް އަހަރަށްވުރެ ގިނަ ދުވަހު ޖަލު ބަންދުގައި ހުންނެވި އެވެ.

ފާރިސްއަކީ މިހާރު ރައްޔިތުންގެ މަޖިލިސް މެންބަރުން ތަމްސީލް ކުރައްވާ ޖުޑީޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީގެ ވެސް މެންބަރެކެވެ. ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ މުހިންމު ކަމުގެ ވާހަކައަކީ ފާރިސް އަބަދުވެސް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާ ވާހަކައެކެވެ.