ހަބަރު

ފާރިސްއަށް ނާކާމިޔާބު، ޣައްސާން މަޖިލީހަށް

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރެއްވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދޮށީ ދަރިކަލުން ކަމަށްވާ އަހުމަދު ފާރިސް މައުމޫނަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިވެއްޖެ އެވެ. އަނެއް ކޮޅުން މައުމޫންގެ ހަގު ދަރިކަލުން ޣައްސާން މައުމޫން ވަނީ ކާމިޔާބު ހޯދައްވާފަ އެވެ.

މިހާރު ދިއްގަރު ދާއިރާގެ މެންބަރުކަން ކުރައްވާ ފާރިސް މި އިންތިހާބުގައި ވާދަ ކުރެއްވީ މައްޗަންގޯޅި އުތުރު ދާއިރާއަށެވެ. އެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވާފައިވަނީ ފާރިސްއާ ވާދަ ކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރަޝީދެވެ.

ފާރިސް ވަނީ މުހައްމަދު ރަޝީދަށް މަރުހަބާ ދަންނަވައި، ބަލި ގަބޫލު ކުރައްވާފަ އެވެ. ފޯނުން ގުޅުއްވައި ފާރިސް، ރަޝީދަށް މަރުހަބާ ދެންނެވި އެވެ.

ރައީސް މައުމޫންގެ ހަގު ދަރިކަލުން ޣައްސާން މައުމޫން ވާދަ ކުރެއްވީ ތ. ގުރައިދޫ ދާއިރާއަށެވެ. އެ ދާއިރާގެ ގޮނޑި އޭނާ ކާމިޔާބު ކުރެއްވީ ބޮޑު ތަފާތަކުންނެވެ. އޭނާއާ އެންމެ ވާދަ ކުރެއްވީ މިހާރުގެ މެންބަރު ހުސެއިން މަނިކު ދޮން މަނިކެވެ.

މީގެ ކުރިން ވެސް ޣައްސާން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރެއްވި އެވެ. އޭރު ތިމަރަފުށީ ދާއިރާއަށް ވާދަ ކުރައްވާ ކުޑަ ތަފާތަކުން ނާކާމިޔާބުވީ އެވެ. ފާރިސް ފުރަތަމަ ފަހަރަށް މަޖިލީހަށް ވަޑައިގެންނެވީ ދައުރުގެ މެދު ތެރެއިން އައި އިންތިހާބެއްގަ އެވެ. އެއީ ދިއްގަރު ދާއިރާގެ ގޮނޑި ހުސްވުމާ ގުޅިގެންނެވެ.

ފާރިސް އިންތިހާބުގައި ވާދަ ކުރެއްވީ ރައީސް މައުމޫންގެ ތާއީދާއެކު އެވެ. ޣައްސާންއަށް ރައީސް މައުމޫންގެ ތާއީދެއް ނެތެވެ. އޭނާ ނުކުންނެވީ ޕީޕީއެމްގެ ޓިކެޓްގައި ބޮޑު ބޭބޭފުޅު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތާއީދާއެކު އެވެ. ޣައްސާންއާ ދެކޮޅަށް ރައީސް މައުމޫންގެ ކެންޑިޑޭޓެއް ވެސް އެ ދާއިރާގައި ވާދަ ކުރެއްވި އެވެ.

އާ މަޖިލީހުން ފާރިސްއަށް ފުރުސަތު ނުލިބުނުއިރު އޭނާއަކީ ނިމިގެން މިދާ މަޖިލީހުގެ ތެރެއިން އިސްލާހީ މަސައްކަތް ފެއްޓެވި މެންބަރެވެ. މަޖިލީހުގެ އޭރުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ފާސްކުރުމަށް ފާރިސް އިސްވެ ކުރެއްވި މަސައްކަތްތަކާ ގުޅިގެން އެކި ފަހަރު މަތިން ގިނަ ދުވަސްތަކެއް ވަންދެން ޖަލުގައި ވެސް ހޭދަ ކުރެއްވި އެވެ.