ހަބަރު

ގައްސާންއާ ދެކޮޅަށް މައުމޫންގެ ކެންޑިޑޭޓެއް ގުރައިދޫ ދާއިރާއަށް

އަންނަ އެޕްރީމް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ތ. ގުރައިދޫ ދާއިރާއަށް ޕީޕީއެމްގެ ފަރާތުން ކުރިމަތިލާނެ ކަމަށް އިއުލާން ކޮށްފައިވާ މުހައްމަދު ގައްސާން މައުމޫނާ ވާދަ ކުރުމަށް ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް ކެނޑިޑޭޓަކު ނެރުއްވުމަށް ނިންމަވައިފި އެވެ.

ގައްސާންއަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ ޕީޕީއެމްގެ ޓިކެޓް ދެއްވާފަ އެވެ. އެ ޓިކެޓް ދެއްވީ މީގެ ދުވަސްތަކެއް ކުރިންނެވެ. އޭރު ޕީއެންސީ ވެސް އުފައްދާފައެއް ނުވެ އެވެ.

ޕީޕީއެމްގެ ސެކްރެޓްރީ ޖެނަރަލް އަބްދުލް މަތީން އަވަސްއަށް ވިދާޅުވީ ރައީސް ޔާމީންގެ ޓިކެޓް އަދިވެސް ވަނީ ގައްސާން އަތުގައި ކަމަށެވެ. ގުރައިދޫ ދާއިރާއަށް ގައްސާން ވާދަ ކުރައްވާނެ ކަމަށް ވެސް މަތީން ވިދާޅުވި އެވެ.

ރައީސް މައުމޫން މިއަދު ވަނީ ގުރައިދޫ ދާއިރާއަށް އެމަނިކުފާނުގެ ޓިކެޓްގައި ވާދަ ކުރައްވާ ކެންޑިޑޭޓަށް މަރުހަބާ ދަންނަވައި ކާމިޔާބަށް އެދިވަޑައިގެންފަ އެވެ. ރައީސް މައުމޫންގެ ތާއިދާއެކު ގުރައިދޫ ދާއިރާއަށް ވާދަ ކުރައްވަނީ މުހައްމަދު އިބްރާހިމް މަނިކެވެ.

އޭނާ ކެމްޕެއިން ކުރައްވަނީ ވެސް ރައީސް މައުމޫންގެ ނަންފުޅާއެކު އެވެ.

ޕީޕީއެމްގެ އެތެރޭގައި ޖެހުނު މައްސަލަގަނޑުގެ ތެރޭގައިވެސް އަދި މިހާތަނަށްވެސް ގައްސާނު ހުންނަވަނީ ކުރީގެ ރައީސް ޔާމީނާއި އެކުއެވެ. އެއާއެކު ރައީސް މައުމޫނާއި ގައްސާނުއާ އޮތް ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައިވާކަމަށް ބެލެވުނެވެ. ޕީޕީއެމް އިން ބޭއްވި ބޮޑު ޖަލްސާއެއްގައި، ރައީސް ޔާމީން ވަނީ މަޖިލީހުގެ ގޮނޑިއެއް ގައްސާނަށް ކާމިޔާބު ކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.

ރައީސް މައުމޫން ހައްޔަރުކޮށް ޖަލަށްލީ އިރު ވެސް ގައްސާން ހުންނެވީ ރައީސް ޔާމީންގެ ސަރުކާރުގެ މަގާމުގަ އެވެ. އަދި ރައީސް ޔާމީންގެ ދިފާއުގައި ޕީއެސްއެމްއަށް އިންޓަވިއުއެއް ވެސް ދެއްވާފައިވެ އެވެ.

ބައްޕާފުޅުގެ އިތުރުން ބޭބޭފުޅު އަހުމަދު ފާރިސް މައުމޫނާއި ދައްތާފުޅު ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމް ހައްޔަރުކުރުމުން ވެސް ގައްސާން އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ. ނަމަވެސް ރައީސް ޔާމީންއާއެކު ޕީޕީއެމްގެ ހަރަކާތްތަކުގައި އޭނާ ބައިވެރިވެވަޑައިގަންނަވަ އެވެ.

ރައީސް މައުމޫންގެ ތާއިދާއެކު ފާރިސް ވަނީ އަންނަ ރައްޔިތުންގެ މަޖިލީހަށް ވާދަ ކުރައްވަ އެވެ. އޭނާ ވާދަ ކުރައްވަނީ މައްޗަންގޯޅި އުތުރު ދާއިރާއަށެވެ. ރައީސް މައުމޫން އާ ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފައްޓަވާފައިވާއިރު އެ މަސައްކަތުގައި ގައްސާން ނޫން އަނެއް ތިން ބޭފުޅުން ބައިވެރިވެވަޑައިގަންނަވަ އެވެ.

މިހާތަނަށް ޕީޕީއެމްއާއި ޕީއެންސީއިން މަޖިލީހަށް ވާދަ ކުރާނެކަމަށް އިއުލާން ކޮށްފައިވަނީ މަޖިލީހުގެ 56 ދާއިރާއަކަށެވެ. ރައީސް މައުމޫންގެ ފަރާތުން 30 އަށްވުރެ ގިނަ ކެނޑިޑޭޓުން ނެރޭނެ ކަމަށް ބެލެވޭ އިރު، އެމްޑިޕީން ވަނީ މަޖިލީހުގެ 86 ދާއިރާއަށް ވާދަ ކުރަން ނިންމާފަ އެވެ. އަދި ޖުމްހޫރީ ޕާޓީއިން މަޖިލީހުގެ 36 ދައިރާއަށް އަދި އަދާލަތުން 17 ދާއިރާއަކަށް ވާދަކުރާނެކަމަށް ވަނީ އިއުލާންކޮށްފަ އެވެ.