ހަބަރު

އިންތިހާބުގެ ނަތީޖާ މައުމޫން ގަބޫލު ކުރައްވާ: އެމްއާރްއެމް

Apr 10, 2019

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުން މަޖިލީހުގެ އިންތިހާބުގެ ނަތީޖާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ގަބޫލު ކުރައްވާ ކަމަށް އެމަނިކުފާނު ނިސްބަތްވާ، އެމްއާރުއެމްއިން ބުނެފި އެވެ.

އެމްއާރުއެމްއިން ބުނީ އެމްއާރުއެމްގެ ކެމްޕޭން ޓީމްތަކާ ރައީސް މައުމޫން ބައްދަލު ކުރައްވާ ދެއްކި ވާހަކަފުޅުތައް މީޑީއާތަކުން ފަތުރަމުން ދަނީ މާނަ އޮޅޭ ގޮތަށް ކަމަށެވެ. އެކަން ކުށްވެރި ކުރަމުން އެމްއާރުއެމްއިން ބުނީ، މަޖިލިސް އިންތިހާބުގެ ނަތީޖާ ފުރިހަމައަށް އެ ހަރަކާތުން ވެސް އަދި ރައީސް މައުމޫން ވެސް ގަބޫލު ކުރައްވާ ކަމަށެވެ. އަދި އެ ނަތީޖާއާ މެދު ޝައްކު އުފެދޭ ގޮތަށް ރައީސް މައުމޫން ވާހަކަފުޅު ދައްކަވާފައި ނުވާ ކަމަށެވެ.

މައުމޫން އެމްއާރުއެމްގެ ކެމްޕޭން ޓީމްތަކާ ބައްދަލު ކުރައްވާ ރޭ ވިދާޅުވީ، އެމްއާރުއެމްއަށް މަޖިލީހުގެ ގޮނޑިތައް ގެއްލިގެން ދިޔުމުގެ ސަބަބުތަކުގެ ތެރޭގައި ނޭދެވޭ ނުފޫޒުތަކެއް އިންތިހާބުގެ ތެރެއަށް ވަދެގެން ދިޔުން ހިމެނޭ ކަމަށެވެ. އަދި އިންތިހާބުތައް ބާއްވަން ވާނީ، އެއްވެސް މަރުހަލާއެއްގައި ނުފޫޒުތަކެއް ނެތް މިނިވަން ގޮތެއްގައި ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

މަޖިލިސް އިންތިހާބުގައި 20 ދާއިރާއަކަށް އެމްއާރުއެމްގެ ބޭފުޅުން ވާދަކުރެއްވި ނަމަވެސް ލިބިފައި ވަނީ މަޖިލީހުގެ އެންމެ ސީޓެކެވެ. ރައީސް މައުމޫންގެ ތާއީދާ އެކު ވާދަކުރެއްވި ފަރާތްތަކުގެ ތެރެއިން ގޮނޑި ކާމިޔާބު ކުރެއްވުނީ، ނިލަންދޫ ދާއިރާއަށް ވާދަކުރެއްވި އަބްދުލް މުހުސިން މުހައްމަދު (ޖޭފޯ) އަށެވެ. މައުމޫން ދަރިކަލުން ފާރިސް މައުމޫނަށް ވެސް އިންތިހާބު ކާމިޔާބު ނުކުރެއްވުނެވެ. އެހެން ނަމަވެސް ޕީޕިއެމް ޓިކެޓްގައި ވާދަކުރެއްވި ޣައްސާން މައުމޫން ވަނީ މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރައްވާފަ އެވެ.