ނިމިގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްއާރްއެމްގެ ކެންޑިޑޭޓުންނަށް ނާކާމިޔާބުވީ އެ ބޭފުޅުންގެ ގާބިލްކަން ނެތިގެން ނޫން ކަމަށާއި ނޭދެވޭ ނުފޫޒުތަކެއްގެ ސަބަބުން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ އެމްއާރްއެމްގެ ކެންޑިޑޭޓުންނާއެކު މިރޭ ބޭއްވެވި ބައްދަލުކުރެއްވުމުގަ އެވެ. ނޭދެވޭ ނުފޫޒުތަކެއް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ވަތް ކަމަށް ރައީސް މައުމޫން ވިދާޅުވި ނަމަވެސް އޭގެ ތަފްސީލަކަށް ވަޑައިނުގަންނަ އެވެ.
"އަޅުގަނޑުގެ ފަރާތުން ނުކުތް ހުރިހާ ކެންޑިޑޭޓުންނަކީ ވެސް ވަރަށް މޮޅު ވަރަށް ގާބިލް ބޭފުޅުން، ތަޖުރިބާ އެބަހުރި މައުލޫމާތު އެބަހުރި، ތެދުވެރިކަމާއި އަމާނަތްތެރި، އެ ބޭފުޅުންނަކީ ޝައްކެއް ނެތް ގޮތުގައި މަޖިލީހުގައި ވަރަށް ރަނގަޅަށް ހިދުމަތް ކުރެއްވޭނެ ބޭފުޅުން، އެ ބޭފުޅުން ނެތުމުން މަޖިލިސް ވަރަށް ބޮޑަށް އުނިވެގެން އެ ދިޔައީ، އެ އުނިކަން ފެންނާނެ،" ރައީސް މައުމޫން ވިދާޅުވި އެވެ.
"އެ ބޭފުޅުން ކުރެއްވި މައްސަކަތާ އެއްވަރަށް ކާމިޔާބު ލިބުމަށް ހަނިވެގެން ދިޔައީ، އެއީ އެކިއެކި ނޭދެވޭ ނުފޫޒުތައް ވަނުމުގެ ސަބަބުން، ބޭނުން ވެގެން މިއުޅެނީ ނަޒާހަތްތެރި މަޖިލީހެއް ހޮވަން، ނަޒާހަތްތެެރި މަޖިލީހެއް ގާއިމް ކުރެވޭނީ ނަޒާހަތްތެރި އިންތިހާބެއް ބާއްވައިގެން، އިންތިހާބުގެ މާހައުލަކީ ނަޒާހަތްތެރި މާހައުލަކަށް ވެގެން، އެއާ ހިލާފަށް ކަންތައްތައް ހިނގާ މާހައުލެއްގަ ބޭއްވޭ އިންތިހާބުގެ ނަތީޖާއަކީ ތެދު ނަތީޖާއަކަށް ނުވާނެ،"
އެހެން ނަމަވެސް އިންތިހާބު ކާމިޔާބު ކުރި ހުރިހާ ކެންޑިޑޭޓުންނަށް މަރުހަބާ ދަންނަވާ ކަމަށާއި އެމްޑީޕީއަށް ލިބުނު ކާމިޔާބީއާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް މަރުހަބާ ދަންނަވާފައިވާނެ ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ. އެމްއާރްއެމް އޮންނާނީ ސަރުކާރު ކޯލިޝަން ތެރޭގަ ކަމަށާއި ރައްޔިތުންނަށް ފައިދާވާ ގޮތަށް ހިންގާ ކޮންމެ ކަމެއްގައި ވެސް ރައީސްގެ ފަހަތުގައި ތިބޭނެ ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ.
"އެހެންނަމަވެސް ވިސްނާލަން އެބަޖެހޭ މިކަންކަން އިސްލާހު ކުރަން، އިސްލާހު ކުރަންވީ ގޮތާމެދު ވިސްނަން އެބަ ޖެހޭ، އިންތިހާބުގެ ކަންކަން ވެސް މިއަށްވުރެ ފުރިހަމަކޮށް ދާނެ ގޮތެއް އެބަ ޖެހޭ އިންތިޒާމް ކުރެވެން، ހަމައެކަނި އަޅުގަނޑުމެންގެ ކެންޑިޑޭޓުންގެ ގާބިލް ކަމާއި ކުޅަދާނަ ކަމުގެ އިތުރަށް މާހައުލް ވެސް ވާން ޖެހޭ އެ ބޭފުޅުންނަށް އެހީތެރިވާ ހުރިހާ މީހުންނަށް ވެސް އެއް ކަހަލަ ފުރުސަތުތަކެއް ދޭ މާހައުލަކަށް،" ރައީސް މައުމޫން ވިދާޅުވި އެވެ.
"އެހެނެއް ނޫން ވެގެން ދިޔައީ، ވަރަށް ގިނަ ބައެއްގެ ނޭދެވޭ ނުފޫޒު ވަދެގެން ދިޔައީ، އަދި އޭގެ އިތުރުން އަޅުގަނޑުމެންގެ ޕާޓީއެއް ނެތްކަން، އާދެ އެމްއާރްއެމް އަދި ޕާޓީއަކަށް ނުވޭ، ޕާޓީއެއް އޮތް އަޅުގަނޑުމެންގެ، އެ ޕާޓީ ވަނީ ކުރީ ސަރުކާރުން ޝަރީއަތުގެ މައްޗަށް ބާރު ހިންގައިގެން އަޅުގަނޑުމެންގެ އަތުން ގެންގޮސްފަ،"
ޕީޕީއެމް މިހާރު ހިންގަނީ ހައްގު ނޫން ބައެއް ކަމަށާއި ހިންގުން ހަވާލުކުރީ އަސާސީ ގަވައިދުން ތަންދޭ ބަޔަކަށް ނޫންކަން މިރޭ ވެސް ރައީސް މައުމޫން ފާހަގަކުރެއްވި އެވެ. އެހެންވެ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ރައީސް ސޯލިހު ވެސް އެމަނިކުފާނަށް ނުވަތަ އެމްއާރްއެމްއަށް ވެވަޑައިގެންނެވި ވައުދަކީ ޕީޕީއެމް އޭގެ ހައްގުވެރިންނަށް ހޯދައިދިނުން ކަމަށާއި ނަމަވެސް އެ ވައުދު ރައީސް ސޯލިހު އަދިވެސް ނުފުއްދަވާ ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ.
"ވޭތުވެދިޔަ އިންތިހާބުގަ އަޅުގަނޑުމެން އެންމެންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު އަޅުގަނޑުމެންނަށް ވެސް ވައުދުތަކެއްވެވަޑައިގެންނެވި ޕީޕީއެމް އޭގެ ހައްގުވެރި ފަރާތްތަކަށް ރައްދުކޮށް ދެއްވާނެ ކަމުގެ، އާދެ އެ ވައުދު އަދި ވަނީ ނުފުދި، އަޅުގަނޑު އެދެނީ އެ ވައުދު ވެސް ލަސްތަކެއް ނުވެ ފުދިގެން ދިޔުމަށް،" ރައީސް މައުމޫން ވިދާޅުވި އެވެ.
އެ ވައުދު ނުދުނަސް، އެމްއާރްއެމްއަށް ދެރަވެފައި ތިބެވެން ނެތް ކަމަށާއި އާ ޕާޓީ އުފެއްދުމުގެ މަސައްކަތް ބާރަށް ކުރަން ޖެހޭ ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ. އެމްއާރްއެމްއަށް މެންބަރުންނަށް ހަމަކުރަން ފެށިތާ މިހާރު ގިނަ ދުވަސްތަކެއް ވަނީ ވެފަ އެވެ. އެކަމަކު އަދި 3،000 މެންބަރުން ހަމައެއް ނުވެ އެވެ. އެހެންވެ ޕާޓީ އުފެއްދޭ ގޮތެއް އަދި ނުވެ އެވެ.
ރައީސް މައުމޫން ވަނީ އެމްއާރްއެމްގެ ކެންޑިޑޭޓުންނާއި ކެމްޕެއިން ޓީމްތަކުން މެންބަރުން ހަމަކުރުމަށް މަސައްކަތްކޮށް ދިނުމަށް އެދިވަޑައިގެންފަ އެވެ. ރައީސް މައުމޫން ވިދާޅުވީ ސިޔާސީ މައިދާނަކީ ވަކި ކަމެއްވީމަ ހުއްޓާލައިގެން ތިބެންޖެހޭ މައިދާނެއް ނޫން ކަމަށެވެ. ބަލީގެ މަތިން ހަނދާން ނައްތާލައި އާ ހިތްވަރާއި އަޒުމާއެކު ކުރިއަށް ދާން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.
"ތިޔަބޭފުޅުން އެއްގޮތަކަށް ވެސް ހިތާމަ ނުކުރައްވާ، ދެރަފުޅު ނުވޭ، ނާކާމިޔާބުވީއެއް ނޫން، މިއަދު މި ނަތީޖާ މި ލިބުނީއޭ، އެއަކަށް ނޫން ބަލަންވީ، ވަރަށް ގާބިލް ބޭފުޅުން މިތިބީ، މިހުރި ގާބިލިއްޔަތު ބޭނުންކޮށްގެން ކުރިއަށް ދަމާ ހިނގާށޭ،" ރައީސް މައުމޫން ވިދާޅުވި އެވެ.