ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ތާއިދާއެކު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ނުކުމެވަޑައިގެންނެވި އެންމެ ކެންޑިޑޭޓަކަށް ނޫނީ ދެން އެހެން ހުރިހާ ކެންޑިޑޭޓުންނަށް ވެސް ނާކާމިޔާބީއާ ކުރިމަތިވެއްޖެ އެވެ.
އިއްޔެ ކުރިއަށްދިޔަ މަޖިލިސް އިންތިހާބުގައި ރައީސް މައުމޫންގެ 20 ކެންޑިޑޭޓަކު ވާދަ ކުރެއްވި އެވެ. ނަމަވެސް ކާމިޔާބީއާ ހަމައަށް ދެވުނީ ނިލަންދޫ ދާއިރާއަށް ރައީސް މައުމޫންގެ ތާއިދާއެކު ވާދަ ކުރި އަބްދުލް މުހުސިން ހަމީދަށް އެކަންޏެވެ. އޭނާ އެ ދާއިރާ ކާމިޔާބު ކުރީ މިހާރުގެ މެންބަރު އަދި ޕީޕީއެމްގެ ކެންޑިޑޭޓް އަބްދުﷲ ހަލީލު ބަލި ކުރުމަށްފަހު އެވެ.
ރައީސް މައުމޫންގެ ކެންޑިޑޭޓުންނަށް ނާކާމިޔާބީއާ ކުރިމަތިވިއިރު ރައީސް މައުމޫން އަމިއްލަފުޅަށް ވެސް ބައެއް ކެންޑިޑޭޓުންނަށް ކެމްޕެއިންކޮށް ދެއްވި އެވެ. އެގޮތުން މާލޭގެ ފަސް ދާއިރާއެއްގައި ދޮރުން ދޮރަށް ވެސް ހިންގެވި އެވެ.
އެމަނިކުފާނުގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން، މައްޗަންގޯޅި އުތުރު ދާއިރާއަށް ވާދަ ކުރެއްވިއިރު ރައީސް މައުމޫންގެ އަރިސް އައިމިނަތު ނާދިރާ ގަލޮޅު ދެކުނު ދާއިރާއަށް ވާދަ ކުރެއްވި އެވެ. ރައީސް މައުމޫންގެ ތާއިދު ބޮޑު ގަލޮޅު ދެކުނު ދާއިރާއިން ވެސް މިފަހަރު ކުރިއެއް ނުހޯދުނެވެ.
ރައީސް މައުމޫންގެ ތާއިދާއެކު ދެން ވާދަ ކުރެއްވި ބޭފުޅުންގެ ތެރޭގައި ހެންވޭރު އުތުރު ދާއިރާއަށް ވާދަ ކުރެއްވި އިބްރާހިމް ޒިޔަތު ފާހަގަކޮށްލެވެ އެވެ. އޭގެ އިތުރުން ދިއްގަރު ދާއިރާއަށް ވާދަ ކުރެއްވި އަހުމަދު ނާޒިމާއި ފޮނަދޫ ދާއިރާއަށް ވާދަ ކުރެއްވި އަބްދުލްކަމަލުއްދީންނަށް ވެސް ރައީސް މައުމޫންގެ ތާއިދާއެކު ވެސް ވަނީ ނާކާމިޔާބުވެފަ އެވެ.
ތިނަދޫ އުތުރު ދާއިރާއަށް ރައީސް މައުމޫންގެ ތާއިދާއެކު ވާދަ ކުރެއްވި މިހާރު ވެސް މެންބަރު ސައުދުﷲ ހިލްމީއަށް ވެސް އެމްޑީޕީއާ ވާދަކޮށް ކުރިއެއް ނުހޯދުނެވެ. ތުލުސްދޫ ދާއިރާގެ މިހާރުގެ މެންބަރު މުހައްމަދު ވަހީދު ވެސް ރައީސް މައުމޫންގެ ތާއިދާއެކު ވެސް ބޮޑު ތަނުން ވަނީ ބަލިވެފަ އެވެ.
ރައީސް މައުމޫންގެ ވަކީލްކަން ކުރެއްވި މުހައްމަދު ފައިސަލްއަށް ވެސް މުލަކު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެވޭ ގޮތެއް ނުވި އެވެ. ދެން މައުމޫންގެ ތާއިދާއެކު ވާދަ ކުރެއްވި ކެންޑިޑޭޓުންގެ ތެރޭގައި ހިމެނެނީ މާފަންނު މެދު ދާއިރާއަށް އިލްޔާސް ފަރުހާދާއި މާފަންނު ދެކުނު ދާއިރާއަށް ހުސެއިން ނަދީމާއި މާފަންނު ހުޅަނގު ދާއިރާއަށް އިސްމާއިލް މާޖިދެވެ.
އޭގެ އިތުރުން ތުޅާދޫ ދާއިރާއަށް އިބްރާހިމް އަފީފާއި ކ. ގުރައިދޫ ދާއިރާއަށް މުހައްމަދު ޝާހު އާއި ކުޑަހުވަދޫ ދާއިރާއަށް އަލީ ޝިޒްމީ އާއި ތ. ގުރައިދޫ ދާއިރާއަށް މުހައްމަދު އިބްރާހިމް މަނިކާއި އިސްދޫ ދާއިރާއަށް މުހައްމަދު ޝަފީގާއި ގަމު ދާއިރާއަށް ފަރުހާދު ދާވޫދާއި މަޑަވެލި ދާއިރާއަށް އާފިޔާ އަބްދުލް އަޒީޒާއި ހިތަދޫ އުތުރު ދާއިރާއަށް އަލީ އިބްރާހިމް، ރައީސް މައުމޫންގެ ތާއިދާއެކު ވާދަ ކުރެއްވި އެވެ.