ގަތަރު

"ސިއްރިޔާތުގައި" އޭޝިއާގެ ރަސްކަމަށް ކުރި ދަތުރު!

މިދިޔަ އަހަރު އޯގަސްޓް މަހުގައި އިންޑޮނޭޝިއާގައި ބޭއްވި އޭޝިއަން ގޭމްސްގައި، ބަންގުލަދޭޝްގެ ޒުވާން ޓީމުން ގަތަރު ބަލި ކުރުމުން، ވަރަށް ގިނަ ބަޔަކަށް ހައިރާންކަން ލިބުނެވެ. ސުވާލުވެސް އުފެދުނެވެ. އޭޝިއަން ގޭމްސްއިން ގަތަރުގެ ޓީމު ކެޓީ ގުރޫޕް ފުލުގައި އޮވެގެންނެވެ. ތިން އަހަރު ފަހުން ވޯލްޑްކަޕުގައި ވާދަ ކުރާ ގަތަރުން ފުޓްބޯޅައަށް ކުރި ބޮޑެތި ހަރަދުތަކުން ފެނުނު ނަތީޖާއެއް ނެތް ކަމަށް ވާހަކަ ދެއްކި އެވެ.

އޭޝިއަން ގޭމްސްގައި އުޒްބެކިސްތާން އަތުން 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ގަތަރު ބަލިވުމުން ސަރަހައްދުގެ އެހެން ގައުމުތަކުންވެސް ދިމާ ކޮށްލީ އެއްމިއެއް ބަލާފައެއް ނޫނެވެ. ވާދަވެރި އަރަބި އެމިރޭޓްސްއިން އޭޝިއަން ގޭމްސްގެ ތިން ވަނަ ހޯދުމުން، ގަތަރާއި އެމިރޭޓްސް އާ ތަފާތު އަޅާ ކިޔާ މީހުން އަޅާ ކި އެވެ. ގަތަރުގެ ފުޓްބޯޅައިގެ ޕްލޭނަށް ވުރެ އެމިރޭޓްސްގެ ޕްލޭން ރަނގަޅު ކަމަށް ބުނަމުން ދިޔަ އެވެ. އެހެންނަމަވެސް، އެއްވެސް ބަޔަކަށް ނޭންގި އޮތީ ފަރުދާގެ ފުރަގަހުގައި "ސިއްރިޔާތުގައި" ގަތަރުން ކުރަމުން ދިޔަ މަސައްކަތެވެ.

މިިދިޔަ ހުކުރު ދުވަހުގެ ރޭ، ކުޅުނު އޭޝިއަން ކަޕުގެ ފައިނަލު މެޗުގައި ފެނިގެން ދިޔައީ އޭގެ ނަތީޖާ އެވެ. ވަރުގަދަ ޖަޕާން ބަލިކޮށް ގަތަރުން އޭޝިއަން ކަޕުގެ ޗެމްޕިއަންކަން ހޯދާނެ ކަމަކަށް ގިނަ ބަޔަކަށް ލަފާ ކުރެވިފައެއްވެސް ނެތެވެ.

އޭޝިއަން ގޭމްސްގައި ގަތަރުން ވާދަ ކުރި ޓީމުގައި، މިހާރު ސީނިއާ ޓީމަށް ކުޅެމުން ގެންދާ، ގިނަ ކުޅުންތެރިންވެސް ހިމަނާފައެއް ނުވެ އެވެ. ގަތަރުގެ ކުޅިވަރުގައި، ހާއްސަކޮށް ފުޓްބޯޅައިގައި، އެ ގައުމުގައި ގާއިމު ކޮށްފައިވާ އެސްޕިއާ އެކެޑެމީގެ ދައުރު ފުޅާ ކުރި އެވެ. އެ އެކެޑެމީގެ ސްޕޯޓިން ޑައިރެކްޓަރުން، އެފްރިކާ އާއި މެދުއިރުމަތީގެ އަވަށްޓެރި އެހެން ގައުމުތަކަށް ފޮނުވި އެވެ. ހުނަރު ހުރި ކުޅުންތެރިންގެ ޅަ އުމުރުގައި، ގަތަރަސް ގެނެސް އެ ގައުމުގެ ރަށްވެހިންގެ ގޮތުގައި ހެދި އެވެ. އަދި އެ ކުޅުންތެރިންނަށް އެސްޕިއާ އެކެޑެމީގެ ގުރާސް ރޫޓް ޕްރޮގްރާމްތަކުގައި ތަމްރީންތައް ކުރިއަށް ގެންދިޔަ އެވެ. އެސްޕިއާ އެކެޑެމީއަކީ ކުޅިވަރު އެކެޑެމީއެއްގެ އިތުރުން ސާނަވީއަށް ކިޔަވައިދޭ ސްކޫލެއްވެސް މެ އެވެ.

އޭޝިއަން ގޭމްސްގައި ނުހިމެނު، ސީނިއާ ޓީމުގެ މިހާރު ތިބި ޒުވާން ކުޅުންތެރިންނަށް ގަތަރުން ބޮޑު ސަމާލުކަމެއް ދިނެވެ. އެ ކުޅުންތެރިންނަށް ސްޕެއިންގެ ކުލަބުތަކުން ފުރުސަތު ހޯދައި ދިނުމަށް ކުޅުންތެރިން ތައްޔާރު ކުރި އެވެ. އެގޮތުން ފައިނަލު މެޗުގައި ގަތަރުގެ ތިން ވަނަ ލަނޑު ކާމިޔާބު ކޮށް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އަކުރަމް އަފީފް އަކީ ސްޕެއިންގެ ވިޔަރެއާލްގެ ކޮންޓްރެކްގައި ހުރި ކުޅުންތެރިޔެކެވެ.

މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ އެވޯޑާއި، އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދި، އަލްމޮއެޒް އަލީ، އަކީ ސޫދާނަށް އުފަން ކުޅުންތެރިޔެކެވެ. އޭނާގެ އާއިލާއާ އެކު ގަތަރަށް ގެނެސް، ގަތަރުގެ ރަށްވެހިކަން އޭނާއަށް ދިނީ އުމުރުން ހަތް އަހަރުގަ އެވެ. އެ އުމުރުގައި ގަތަރުގެ ވައިޑީޕީ ސިސްޓަމްގެ ތެރެއިން ކުލަބަކާ ގުޅުމުގެ ފުރުސަތު އޭނާ ތަނަވަސް ކޮށްދިނެވެ. އަދި އެސްޕިއާ އެކެޑެމީގެ ހިއްސާ އޮންނަ ސްޕެއިންގެ ދެ ވަނަ ޑިވިޝަންގެ ކުލަބު ކަލްޗަރަލް ލިނޮންސޭއިން 2016 ވަނަ އަހަރު އޭނާއަށް ފުރުސަތު ތަނަވަސް ކޮށްދިނެވެ.

ގަތަރުގެ ފުޓްބޯޅައިގައި، ސްޕެއިންގެ ފުޓްބޯޅައިގެ ނުފޫޒު ބޮޑު ކުރުމަށް އެ ގައުމުން މަސައްކަތް ކުރެ އެވެ. ގަތަރުގެ ކުލަބުތަކުން ސްޕެއިންގެ ކުޅުންތެރިންނަށް ފުރުސަތު ދީ، ސްޕެއިންގެ ކޯޗުންނަށް ގަތަރުގައި މަސައްކަތް ކުރުމުގެ ފުރުސަތު ދިނެވެ. ގަތަރަށް އޭޝިއަން ކަޕް ހޯދައިދިން ފެލިކްސް ސަންޗޭޒް އަކީ ބާސެލޯނާގެ ޔޫތު ޓީމުގައި ކުރިން މަސައްކަތް ކުރި ތަޖުރިބާކާރެކެވެ. ގަތަރުގެ ސީނިއާ ޓީމުގެ ހެޑް ކޯޗުކަމާ ހަމައަށް އޭނާ ގެނައީވެސް، ގަތަރުގެ ޔޫތު ސިސްޓަމްގެ އެކި މަރުހަލާތަކުގައި، ގިނަ މަސައްކަތްތަކެއް ކުރުމުގެ ފުރުސަތު ދިނުމަށް ފަހު އެވެ.

ބާސެލޯނާގެ ޔޫތު ޓީމުގައި 10 އަހަރު މަސައްކަތް ކުރުމަށްފަހު އޭނާ ގަތަރަށް ބަދަލުވީ 2006 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ މަސައްކަތް ކުރީ ގަތަރުގެ އެސްޕިއާ އެކެޑެމީގަ އެވެ. ހަތް އަހަރަށް ފަހު އޭނާ ގަތަރުގެ 19 އަހަރުން ދަށުގެ ޓީމުގެ ކޯޗު ކަމަށް ހަމަޖެއްސި އެވެ. އެއަށްފަހު މަތީ އުމުރުފުރާތަކަށް ކޯޗު ކޮށްދެމުން ސީނިއާ ޓީމާ ހަމައަށް އޭނާ އަށް އާދެވުނީ 2017 ވަނަ އަހަރު އެވެ.

އޭޝިއަން ކަޕު ކާމިޔާބު ކުރި ގަތަރު ޓީމުގެ ސްކޮޑު ފެލިކްސް ސަންޗޭޒް ހިމެނި ގިނަ އަދަދެއްގެ ޒުވާން ކުޅުންތެރިންނަކީ، އޭނާގެ ކޯޗު ކަމުގެ ދަށުން، 2014 ވަނަ އަހަރު، 19 އަހަރުންދަށުގެ އޭޝިއަން ޗެމްޕިއަންޝިޕްގެ، ޗެމްޕިއަންކަން ހޯދި ޓީމުގެ ކުޅުންތެރިންނެވެ. މި އަހަރު ޖޫން މަހު، ބާއްވާ ދެކުނު އެމރިކާގެ ބައްރުގެ ފުޓްބޯޅަ މުބާރާތުގައި ހާއްސަ މެހެމާނެއްގެ ގޮތުގައި، އޭޝިއާ ބައްރުގެ ޗެމްޕިއަން ގަތަރު ވާދަ ކުރާނެ އެވެ.