ލައިފްސްޓައިލް

ޓިކްޓޮކް އިން އިސްތިހާރަށް!

ޓިކްޓޮކްގެ އަވައިގައި ދިވެހިން ޖެހުނުތާ މިހާރު ދުވަސްގަނޑެއް ވެއްޖެ އެވެ. މީގައި އުޅުނީ ހަމަ އެކަނި ޒުވާން ކުދިންނެއް ނޫނެވެ. އުމުރުން ދޮށީ މީހުންވެސް މި ކަމުގެ ތެރެއަށް ވަދެ އެތައް ހާސް ފޮލޯވަރުން ހޯދައިފި އެވެ. ފޯނުން ކެމެރާ އަޅުވައި ނެށެމުގެ ބަނޑި ބަނޑި ލައްވަމުން އެ މީހުން ހަދާލާ ގޮތް ބަލަން ބޮޑު އޯޑިއެންސް އެއް އޮންނަ ކަން މި ވީޑިއޯތަކަށް ލިބޭ ވިއުސް އިން އެނގެ އެެވެ. ޓިކްޓޮކްގައި ހުނަރު ދައްކާ ފަންނާނުން އެކުގައި ބޮޑު ކޮމިއުނިޓީއެއް އުފެއްދި އިރު މި ކަމަށް ފާޑު ކީ މީހުންވެސް އެހާ ގިނަ އެވެ. އަމިއްލަ އަށް "ފަލީހަތް" ވަނީ ކަމަށް ބުނެ ޖޯކު ޖަހައި ސޯޝަލް މީޑިއާގައި ހަޅޭއްލެވި ނަމަވެސް އެ މީހުން އަދިވެސް ތިބީ ހުއްޓާލާ ގޮތަކަށް ނޫނެވެ. ސަބަބު ވެސް މިއޮތީ އެވެ!

މި މީހުންގެ ތެރެއިންން، "ޓިކްޓޮކް ކުއީން" ގެ ލަގަބު ލިބުނީ މި އެޕްލިކޭޝަން މެދުވެރިކޮށް ޖެހިލުމެއްނެތި ފޮޓޯތަކާއި ވީޑިއޯތައް ފުލުފުލުގައި ކޮންމެ ދުވަހަކު އަޕްލޯޑް ކުރަމުން އަންނަ ފާތިމަތު ޝަޒީލާ އެވެ. މިއީ ދިވެހިންނަށް މި އެޕްލިކޭޝަން އެންމެ ކުރިން ގެނެސްދިން އެކެކެވެ. ރޮމުން ހެމުން ވީޑިއޯތައް ރެކޯޑުކޮށް ސޯޝަލް މީޑިއާގައި ހިއްސާ ކުރި ޝަޒީލާއަށް މިހާރު އިސްތިހާރު ތަކުން ވެސް ޖާގަ ލިބެން ފަށައިފި އެވެ. މަޑުމަޑުން މި ދާއިރާއަށް ނިކުމެއްޖެ އެވެ. އޭނާ އިސްތިހާރެއް ވެސް ކުޅެފަ އެވެ. އިސްތިހާރާއެކު ޝަޒީލާއަށް ފާޑުކީ އެންމެންނަށް ގޮންޖަހާލާފި އެވެ.

ޓިކްޓޮކް މެދުވެރިކޮށް މަގުބޫލުކަން ހޯދި ޝަޒީލާ އަށް އިސްތިހާރެއް ކުޅުމުގެ ފުރުސަތު ލިބުމަކީ އޭނާ ދެކޭ ގޮތުގައި އޭނާގެ މުސަތަގުބަލަށް އެޅުނު ވަރަށް ބޮޑު މައިލްސްޓޯން އެކެވެ. ކެމެރާ ކުރިމަތީ އެކްޓު ކުރުމަކީ އޭނާ އަބަދުވެސް ދެކެމުން އައި ހުވަފެނެއް ކަމުން މިފަދަ އެޕްލިކޭޝަން އެއް މެދުވެރިކޮށް ބޮޑު ކުންފުންޏަކުން އިސްތިހާރު ކުޅެން ލިބި އެ އިސްތިހާރު ޓީވީ ތަކުން ފެނުމުން ވަރަށް އުފާވާ ކަމަށް ބުނެ އެެވެ.

"އެންމެ ފުރަތަމަ ވީިޑިއޯތައް ނަގާ ޕޯސްޓުކުރަން ފެށި އިރުވެސް ހިޔެއް ނުކުރަން މިކަހަލަ އޮފާއެއް ލިބޭނެ ކަމަކަށްވެސް. އިސްތިހާރު ނެގި އިރުވެސް އެއްވެސް ވަރަކަށް އުނދަގުލެއް ނުވޭ. ހަމަ ހީވީ ޓިކްޓޮކް ވީޑިއޯ އެއް ނެގި ހެން. ވަރަށް ކޮމްފޮޓަބަލް ހަމަ"

މި އިސްތިހާރާ ބޭހޭގޮތުން ސުވާލު ކޮށްލުމަށް ޝަޒީލާއަށް ގުޅި އިރުވެސް އޭނާ ހުރީ އެހެން އިސްތިހާރެއްގެ ޝޫޓިންގ ގައެވެ. ހަމަ ސެލެބްރިޓީއެއް ފަދަ އެވެ! ޝަޒީލާ ކުޅުނު ފުރަތަމަ އިސްތިހާރުން އެކަން ނިންމާލީ އެއް ނޫނެވެ. އޭނާ ބުނީ މިހާރުވެސް އޮފާތައް ލިބޭ ވަަރަކަށް އިސްތިހާރުތައް ކުޅެން މިހުރީ ތައްޔާރަށް ކަމަށެވެ.

އެތައް ބަޔަކު ފާޑު ކިޔަސް ކުރާ ހިތުން ކުރާ ކަމެއް ކުރާނެ އެވެ. އެކަން މިފަހަރު މި ސާބިތު ކޮށްދިނީ ޝަޒީލާ ދޯ އެވެ؟