ހަބަރު

ވަޒީފާގައި ބިރު ދެއްކުމަށް ނިމުމެއް ނާދޭ: ލޭބާ ޕާޓީ

ސިޔާސީ ބޭނުމަށް ވަޒީފާ އަދާކުރާ ފަރާތްތަކަށް ތަފާތު ފިޔަވަޅުތައް އަޅައި، ވަޒީފާގެ ބިރުދައްކައި ހެދުމުގެ
އިތުރުން ވަޒީފާއިން ވަކި ކުރުންފަދަ އަމަލުތަކަށް ނިމުމެއް ނާންނަ ކަމަށް މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (ލޭބާ ޕާޓީ) އިން ބުނެފި އެވެ.

ލޭބާ ޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވަޒީފާ އަދާކުރާ ފަރާތްތަކާމެދު ސިޔާސީ ބޭނުމުގައި ތަފާތު ފިޔަވަޅުތައް އަޅާ ކަމުގެ މައުލޫމާތު ތަކުރާރުކޮށް ލިބޭ ކަމަށެވެ.

އަދި އެ ޕާޓީގެ އެންމެ މުހިއްމު ބިންގަލަކީ މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކޮށް ކަށަވަރުކުރުމާއެކު އިޖްތިމާއީ އަދާލަތު ގާއިމްކޮށް ދިނުން ކަމަށެވެ. އަދި ބުނެފައި ވަނީ މަސައްކަތްތެރިން ވަޒީފާއިން ވަކި ކުރުމާއި، ވަޒީފާގެ ބިރުދެއްކުން ބަލައި ނުގަނެވޭނެ ކަމަށެވެ.

އެއްވެސް ފަރާތަކަށް ގާނޫނާއި ހިލާފަށް ނުހައްގުން ފިޔަވަޅެއް އަޅައި، ވަޒީފާއިން ވަކިކޮށްފައިވާނަމަ، އެފަރާތެއްގެ ހައްގުތައް ހޯދުމުގައި މަގުދައްކައި، ސިޔާސީ ގޮތުންނާއި ގާނޫނީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އެ ޕާޓީއިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.