ހޮލީވުޑް

މި އަހަރުގެ އޮސްކާއަށް ހޯސްޓެއް ނެތް

ހޮލީވުޑްގައި ބާއްވާ އެންމެ ބޮޑު އެވޯޑް ޝޯ، އޮސްކާ އެވޯޑްސް ހޯސްޓް އަކާ ނުލާ ބޭއްވުމަށް ނިންމައިފި އެވެ.

އޭބީސީ ނޫހުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، 30 އަހަރަށްފަހު އޮސްކާ އެވޯޑު ހޯސްޓް އަކާ ނުލާ ބޭއްވުމަށް ވަނީ ހަމަޖައްސާފަ އެވެ.

އޮސްކާ އެވޯޑު ހުށަހެޅުމުގެ ފުރުސަތު އެންމެ ފުރަތަމަ ދިނީ މަޝްހޫރު ކޮމީޑިއަން އަދި އެކްޓަރު ކެވިން ހާޓް އަށެވެ. ކެވިން އެ ފުރުސަތު ދޫކޮށްލަން މަޖުބޫރުވީ މީގެ 10 ވަރަކަށް އަހަރު ކުރިން "ވަކި ބަޔަކަށް" އިހުތިރާމު ކުޑަވާ ގޮތަށް އޭނާ ކުރި ޓްވީޓްތަކެއްގެ މައްސަލަ އަލުން ހޫނުވެ، އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެންނެވެ. ކެވިން މި ފުރުސަތު ދޫކޮށްލީ އޭގެ ދެ ހަފްތާ ފަހުންނެވެ.

އޭބީސީ އެންޓަޓެއިންމަންޓުއިން ބުނި ގޮތުގައި މި މަހު 24 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެވޯޑު ހަފްލާ ހުށަހަޅައިދިނުމަށް ވަކި ހޯސްޓް އެއް ނުހުންނާނެ އެވެ. އަދި މުޅި ޝޯ ހުށަހަޅައިދޭނީ ޕްރެސެންޓަރުންނެވެ. އިތުރަށް ބުނީ، ހޯސްޓަކާ ނުލައި މި ޝޯ ބޭއްވުމަށް ނިންމީ ކެވިންއަށް އައި ފާޑު ކިޔުންތަކަށް ފަހު ކަމަށާއި މި މައްސަލައިގެ ސަބަބުން ޝޯ އަށް އަމާޒުވާ ސުވާލުތަކުން ކަމަށެވެ.

އޮސްކާ އެވޯޑު ހަފްލާ ނޫނަސް ހޮލީވުޑްގެ ބޮޑެތި އެހެން ޝޯ ތަކުގައި ވެސް ހޯސްޓަކާ ނުލާ ޝޯ ކުރިއަށް ގެންދެ އެވެ.