ކުރިމިނަލް ކޯޓާ ކުރިން ހަވާލުވެ ހުންނެވި ގާޒީ އާދަމް އާރިފް ޑްރަގް ކޯޓަށް ބަދަލުކޮށްފި އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ، ދަށު ކޯޓުތަކުގެ ފަނޑިޔާރުން އެއް ކޯޓުން އަނެއް ކޯޓަށް ބަދަލު ކުރުމުގެ އުސޫލުގެ ދަށުން ސުޕްރީމް ކޯޓުން ހުށަހަޅާފައިވުމުން ތިން ގާޒީއަކު ބަދަލު ކުރަން ނިންމާފައިވާ ކަމަށެވެ.
އެގޮތުން ސިވިލް ކޯޓުގެ ގާޒީ ހުސައިން ފާއިޒް ރަޝީދު ކުރިމިނަލް ކޯޓަށް ބަދަލުކޮށްފައިވާ ކަމަށާއި ޑްރަގް ކޯޓުގެ ގާޒީ އަލީ ރަޝީދު ކުރިމިނަލް ކޯޓަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި އަދާމް އާރިފް ޑްރަގް ކޯޓަށް ބަދަލުކޮށްފައިވާ ކަމަށް ޖޭއެސްސީއިން ބުންޏެވެ.
އާދަމް އާރިފަކީ ކުރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުލްބާރީ ޔޫސުފް އެހެން ކޯޓަކަށް ބަދަލުކުރުމުން ކުރިމިނަލް ކޯޓުގެ ހިންގުމާ ހަވާލުވެ ހުންނެވި ގާޒީ އެވެ. އޭނާ އެ މަގާމުން ދުރުކޮށްފައިވަނީ އެކެއް ފެބުރުއަރީގައި ނެރުނު އަމުރަށްފަހު އެވެ.
އޭގެ ފަހުން ކުރިމިނަލް ކޯޓުގެ އިސް ގާޒީގެ މަގާމު އަހުމަދު ހަައިލަމްއަށް ވަނީ ދެއްވާފަ އެވެ. އޭނާއަކީ ވަރަށް ފަހުން ކުރިމިނަލް ކޯޓަށް އައްޔަން ކުރެއްވި ގާޒީއެކެވެ.
ކުރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ ބައެއް ޝަރީއަތްތަކާ ގުޅިގެން އާދަމް އާރިފަށް ފާޑުކިޔުންތައް ވެސް އަމާޒުވި އެވެ. ސިޔާސީ ގިނަ މައްސަލަތަކެއް އޭނާ ބެއްލެވި އެވެ. އެގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވަނިކޮށް ޖަލު ހުކުމް އިއްވެވީ އާދަމް އާރިފެވެ.
ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲގެ މަރުގެ މައްސަލަ ބެއްލެވީ ވެސް އޭނަ އެވެ.
ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ކުރީގެ ފަނޑިޔާރު އަލީ ހަމީދު، ދަށު ކޯޓުތަކަށް ނުފޫޒު ފޯރުވާ ކަމަށް ވިދާޅުވެ އާދަމް އާރިފް ތަހުގީގަށް ބަޔާނެއް ވެސް ދެއްވި އެވެ. އެ ބަޔާން ސޯޝަލް މީޑިއާގައި ލީކްވުމުން ގިނަ ބަޔަކު އޭނާގެ އިސްތިއުފާ ވެސް ގޮވި އެވެ.
އާދަމް އާރިފަކީ ކުރިން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުގައި މަސައްކަތް ކުރެއްވި ވަކީލެކެވެ. ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ގެއިން ހަތިޔާރު ފެނުނު މައްސަލާގައި ދައުލަތުގެ ފަރާތުން ވަކާލާތު ކުރެއްވީ އާދަމް އާރިފެވެ.