ހަބަރު

އާޓްސް ކުރިއަރުވަން މަަސައްކަތް ކުރާނަން: މިނިސްޓަރު

ރާއްޖޭގެ އާޓްސްގެ ދާއިރާއަކީ އަޅާ ނުލެވި އޮތް ދާއިރާއެއް ކަމަށާއި ދާއިރާ ކުރި އަރުވަން ކުރެވެން ހުރި މަސައްކަތްތައް ކުރައްވާނެ ކަމަށް އާޓްސް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެ އެވެ. ޔުމްނާ މިހެން ވިދާޅުވީ، ރާއްޖޭގެ ވިޝުއަލް އާޓްސްގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ބޭއްވި ފޯރަމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވިޝުއަލް އާޓްސް ދާއިރާގައި މަސައްކަތްކުރާ ފަންނާނުންނަށް ބޭއްވި ފޯރަމްގައި ގިނަ ފަރާތްތަކަކުން ވަނީ އެފަރާތްތަކުގެ ކަންބޮޑުވުން ހިއްސާ ކޮށްފަ އެވެ. މި ފޯރަމްގައި ކުރެހުންތެރިންނާއި ފޮޓޯގްރާފަރުންނާއި ގްރެފިކްސް ޑިޒައިނަރުންގެ އިތުރުން އަތްތެރި މަސައްކަތުގެ ފަންނުވެރިން ބައިވެރިވި އެވެ.

ވިޝުއަލް އާޓްސް ދާއިރާގެ ފަންނާނުންގެ ކަންބޮޑުވުންތައް ހިއްސާކޮށްފައިވާއިރު އެންމެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރީ މަސައްކަތަށް ބޭނުންވާ ޖާގައިގެ ދަތިކަމާއި ވަސީލަތްތައް ހޯދަން ދިމާވާ ގޮންޖެހުންތަކަށެވެ. އަދި ނެޝަނަލް އާޓް ގެލެރީގައި އާޓިސްޓުންގެ އާޓް ވޯކްތައް ރައްކާ ކުރެވޭނެ ނިޒާމެއް ނެތުމާއި ޓުއަރިޒަމް ދާއިރާގައި ހިއްސާ ކުރަން ހުރި ފުރުސަތުތަކުގެ ހަނި ކަމަށެވެ.

މީގެ އިތުރުން، ފޮޓޯގްރެފީ އާއި ކުރެހުން ފަދަ މަސައްކަތްތަކަށް ރާއްޖޭގައި ގިނަ ޒުވާނުން ނުކުންނަމުން އަންނަ އިރު އެ ފަރާތްތަކަށް މި މަސައްކަތުގައި އާމްދަނީ އެއް ހޯދައިގެން ކުރުމުގެ ފުރުސަތުތައް ލިބުމުގެ ދަތިކަމާއި ދައިރާގައި މަސައްކަތް ކުރާ ބިދޭސީންގެ އަދަދު އިތުރުވުމުން، ކުރިމަތިވާ އުނދަގޫތަކަށް ވެސް ފޯރަމްގައި ބައިވެރިވި ފަންނާނުން ވާހަކަ ދެއްކި އެވެ.

މިނިސްޓަރު ޔުމްނާ ވިދާޅުވީ އާޓްސް ދާއިރާ ކުރި އަރުވަން އާންމުންގެ ވިސްނުން ބަދަލު ކުރަންޖެހޭ ކަމަށެވެ.

"އާޓްސް ދާއިރާ ކުރިއަރުވާ ކަމަށް ވަންޏާ މައިންބަފައިންނާ ހަމައިން ސްކޫލްތަކުގެ ކުދިންނަށް ފުރުސަތުތަކެއް ހޯދައިދޭން ޖެހޭނެ. އަދި ކުދިންގެ ހުނަރު ތަރައްގީ ކުރެވޭނެ ގޮތަކަށް ޕޮލިސީތަކާއި ތައުލީމީ ނިޒާމުވެސް ބައްޓަން ކުރެވެން ޖެހޭނެ. އަދި، އަޅުގަނޑުމެންނަށް މި މައްސަލަ ހައްލު ކުރަން ފޮށީގެ ބޭރުން ވިސްނުން ވެސް މުހިންމު" ޔުމްނާ ވިދާޅުވި އެވެ.