ހަބަރު

ރިޔާސީ ބަޔާނަށް ލޭބާ ޕާޓީން މަރުހަބާ ކިޔައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އިއްވެވި އެމަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާނަށް ލެބާ ޕާޓީއިން ތާއިދުކޮށް، ތަރުހީބުދޭކަން ހާމަކޮށްފި އެވެ.

އެކަން ހާމަކޮށް، ލޭބާ ޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީސް 2019 ވަނަ އަހަރަށް ހުޅުވުމުގެ ގޮތުން ރައީސް ސޯލިހު މިއަދު ހުށަހެޅުއްވި ރިޔާސީ ބަޔާނުގައި އެޕާޓީގެ އުސޫލުތަކާ ސިޔާސަތުތަކާ ގުޅުންހުރި މުހިންމު ކަންތައްތަކެއް ހާމަކުރައްވާފައިވާތީ އެކަންކަމަށް އެ ޕާޓީގެ ފުރިހަމަ ތާއިދު އޮންނާނެ ކަމަށެވެ.

އެގޮތުން، އާމްދަނީން ޓެކްސް ނަގަން ނިންމާ، އަންނަ އަހަރުން ފެށިގެން، ވަކި މިންވަރަކަށްވުރެ މަތިން އާމްދަނީ ލިބޭ ފަރާތްތަކުގެ އާމްދަނީން ޓެކްސް ނަގަން ނިންމި ނިންމުމަށް އެޕާޓީން މަރުހަބާ ކިޔާ ކަމަށެވެ. އެ ސިޔާސަތު ތަންފީޒުކުރުމުގައި، އާމްދަނީ އިތުރުވާ މިންވަރުން ޓެކްސްގެ ނިސްބަތް މަތިވާ (ޕްރޮގްރެސިވް އިންކަމް ޓެކްސް) ތަޢާރަފްކުރުމަށާއި، އާމްދަނީ ރިޕޯޓުކުރުމުގެ ނިޒާމު ހަރުދަނާކޮށް، ގޮތްނޭގޭ އާމްދަނީ ހާމަކުރުން މަޖުބޫރުކުރުމުގެ ބާރު ތަހުގީގީ އަދި ޝަރުޢީ އިދާރާތަކަށް ދިނުމަކީ، ޓެކްސްގެ ނިޒާމު އިންސާފުވެރިކޮށް، ކޮރަޕްޝަނާއި ނާޖާއިޒު ފައިދާ ހޯދުން ހުއްޓުވުމަށް ކޮންމެހެން ލާޒިމު ކަމެއްކަން ފާހަގަކުރާ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، އެންމެ ދަށުން ލިބޭނެ އާމްދަނީ ކަނޑައެޅުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތަށް މަރުޙަބާ ކިޔާ ކަމަށާއި، ވަކި ވަކި ސެކްޓާތަކަށް ކަނޑައަޅާފައިވާ މިނިމަމް ވޭޖު ނިންމުމުގައި، އިންޑަސްޓްރީތަކުގައި މަސައްކަތްކުރާ ފަރާތްތަކާއި، މަސައްކަތްތެރިންގެ ޖަމިއްޔާތަކާ އިތުރަށް މަޝްވަރާކޮށް، ދިރިއުޅުމުގެ ހަރަދުތަށް ފުއްދޭނެފަދަ އާމްދަނީއެއް ކަނޑައެޅުމުގެ މުހިންމުކަމަށެެވެ.

ރާއްޖޭގައި މަސައްކަތް ކުރާ އެންމެހާ ފަރާތްތަކުގެ ހައްގުތަށް ކަށަވަރުކޮށް، ބިދޭސީން މަދުކުރެވިގެންދާނެ ގޮތަކަށް މިނިމަމް ވޭޖުގެ ސިޔާސަތު ތަންފީޒުކޮށް، އިންތިޒާމުކުރުން މުހިންމު ކަމަށާއި، އަދުލު އިންސާފުގެ ނިޒާމް ހަރުދަނާކުރުމާއި، ހިޔާވަހިކަމުގެ މަޝްރޫއުތަކާމެދު ރައީސްގެ ބަޔާނުގައި ދެއްވާފައިވާ ޔަގީންކަމަށް އެޕާޓީން މަރުހަބާކިޔާ، އެކަންކަން ތަންފީޒުކުރުމުގައި އެޕާޓީގެ ފުރިހަމަ އެއްބާރުލުން ދޭނެކަން ޔަގީންކަން އެ ބަޔާނުގައި ވަނީ ދެއްްވާފަ އެވެ.