ދުނިޔެ

ކޮންގޯ: އިބޯލާ ފެތުރި، މަރުވި މީހުން 500 އަށް ވުރެ މައްޗަށް

Feb 10, 2019

ޑިމޮކްރެޓިކް ރިޕަބްްލިކް އޮފް ކޮންގޯގައި އިބޯލާ ވައިރަސް ފެތުރި، މަރުވި މީހުންގެ އަދަދު 500 އަށް ވުރެ މައްޗަށް އަރާފައިވާކަމަށް އެ ގައުމުން ބުނެފި އެވެ.

ކޮންގޯގެ ހެލްތު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިފަހުން އެ ނުރައްކަތެރި ބަލި ފެތުރި މިހާތަނަށް 502 މީހުން މަރުވެފައިވާ ކަމަށެވެ.

ނަމަވެސް، އެ ގައުމުގެ ބޮޑެތި ސަހަރުތަކަށް ވެކްސިން ފޯރުކޮށްދީގެން، 75،000 އަށް ވުރެ ގިނަ މީހުން އެ ބަލިން ރައްކާތެރިކޮށްދެވިފައިވާކަމަށާއި، އެކަމުގެ ސަބަބުން އެތަކެއް ހާސް ފުރާނަ ސަލާމަތްކުރެވިފައިވާކަމަށް ވެސް އެ ބަޔާނުގައި އިތުރަށް ބުނެފައިވެ އެވެ.

ހުޅަނގު އެފްރިކާއިން 1976 ވަނަ އަހަރު އިބޯލާ ފެނުނު ފަހުން، މިއީ ފަރުވާއެއް ނެތް މި ބަލި ކޮންގޯގައި ފެތުރުނު 10 ވަނަ ފަހަރެވެ.

އިބޯލާ ފެތުރެނީ، ބަލިޖެހިފައިވާ މީހެއްގެ ލޭ، ނުވަތަ ހަށިގަނޑުން ބޭރުވާ ދިޔައިގެ ސަބަބުންނެވެ. އެ ބަލީގެ އެންމެ ފުރަތަމަ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި ގައިގައި ރިއްސުމާއި ވަރުބަލިވުން ހިމެނެ އެވެ. އެއަށްފަހު ހޮޑުލެވި، ބޭރަށް ހިންގައި، އެތެރެ ހަށިންނާއި ބޭރު ފުށުން ލޭ މަނާ ނުވެ، ލޭ ފައިބާ ގޮތް މެދުވެރިވެ އެވެ.